ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ކުރިއަށް ގެންދާ ބީއެމްއެލް އެޓޯލް ޗެމްޕިއަންޝިޕްގެ ހއ. އަތޮޅުގެ ޗެމްޕިއަންކަން ދިއްދޫން ހޯދި އިރު، ޅ. އަތޮޅުގެ ޗެމްޕިއަންކަން ކުރެންދޫ ހޯދައިފިއެވެ.
އެޓޯލް ޗެމްޕިއަންޝިޕަކީ ތިންވަނަ ޑިވިޝަނުގެ ގޮތުގައި ފުޓުބޯޅަ ޕިރަމިޑުން ކަނޑައަޅާފައިވާ އިރު، ރީޖަނަލް ލީގަށް ދާނީ ޒޯން ބުރަށްފަހުއެވެ. ރީޖަނަލް ލީގަކީ ދެވަނަ ޑިވިޝަނެވެ.
ރާއްޖެ ހަތަރު ރީޖަނަކަށް ބަހާލައިގެން އަތޮޅު މުބާރާތްތައް ފަށާފައިވާ އިރު، ރީޖަނަލް ލީގުތަކުން ރާއްޖޭގެ ފުރަތަމަ ޑިިވިޝަނަށް އެރޭނެ މަގު މިހާރު ވަނީ ތަނަވަސް ކޮށްފައެވެ.
ޅ. އަތޮޅާއި ހއ. އަތޮޅުންވެސް އެޓޯލް ޗެމްޕިއަންޝިޕްގައި، ކޮންމެ އަތޮޅަކުން ދެޓީމު ވާދަކޮށްފައިވުމާއެކު ޗެމްޕިއަން ކަނޑައެޅީ ދެ ލެގު ކުޅެގެންނެވެ.
ހއ، އަތޮޅުގެ ޗެމްޕިއަންކަން ދިއްދޫން ހޯދީ އެގްރިގޭޓް 9-1 ގެ ނަތީޖާއަކުންނެވެ.
އިހަވަންދޫ ދަނޑުގައި ކުޅުނު ފުރަތަަމަ ލެގުން ދިއްދޫ މޮޅުވީ 3-1 ގެ ނަތީޖާއަކުންނެވެ. މެޗުގައި ދިއްދޫގެ ގޯލްތައް ޖެހީ މުހައްމަދު ނައުޝާދާއި ހުސެއިން ޒިމްޔާނެވެ. ނައުޝާދު މެޗުގައި ދެ ގޯލް ޖެހިއެވެ. އިހަވަންދޫގެ ހަމައެކަނި ގޯލް ޖެހީ އިބްރާހިމް މާޖިދެވެ.
ދިއްދޫ ދަނޑުގައި ކުޅުނު ދެވަނަ ލެގުން އެ ޓީމު މޮޅުވީ 6-0 އިންނެވެ. ގޯލްތައް ޖެހީ ތައުމީން ނޫހުގެ އިތުރުންނައުޝާދާއި ޒިމްޔާނެވެ. ތައުމީން ވަނީ މެޗުގައި ހަތަރު ގޯލް ޖަހައިފައެވެ.
ޅ. އަތޮޅުގެ ޗެމްޕިއަންކަން ކުރެންދޫން ހޯދީ ނައިފަރު އަތުން އެގްރިގޭޓް، 6-3 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ. ނައިފަރު ދަނޑުގައި ކުޅުނު ފުރަތަމަ ލެގުން ކުރެންދޫ މޮޅުވީ 3-1 އިންނެވެ.
އެމެޗުގައި ކުރެންދޫގެ ގޯލްތައް ޖެހީ، މުހައްމަދު ރިޔާހު އަލީއާއި އިޔާޒް އިލްޔާސެވެ. އަދި ނައިފަރުގެ މުހައްމަދު އަޒުހާން އަތުން ބައިކޮޅަށްވެސް ގޯލެއް ވަނެވެ.
މެޗުގައި ނައިފަރުގެ ގޯލް ޖެހީ އަބްދުﷲ ރަމީޒެވެ.
ދެވަނަ ލެގުގައި ކުރެންދޫ ދަނޑުގައި އެޓީމުން 3-2 އިން ނައިފަރު ބަލިކުރި އިރު، އެ މެޗުގައި ކުރެންދޫގެ ގޯލްތައް ޖެހީ، އިޔާޒާއި ސާލިމް އަބްދުﷲ އަދި އައިމަން އިލްޔާސެވެ. ނައިފަރުން މެޗުގައި ގޯލްތައް ޖެހީ އިމްރާން މުހައްމަދާއި މުހައްމަދު ނަދީމެވެ.
އެޓޯލް ޗެމްޕިއަންޝިޕްގެ އުސޫލު އޮންނަ ގޮތުން ރަނަރަޕް ޓީމުތައްވެސް ޒޯނުގައި ވާދަކުރާނެއެވެ. އެހެންކަމުން ފައިނަލްތަކުން ބަލިވި ޓީމުތައްވެސް ޒޯނަށް ކޮލިފައިވާނެއެވެ.
މުޙައްމަދު ޝަމްޢޫން
އެފްއޭއެމް އެޓޯލް ޗެމްޕިއަންޝިޕް
އެފްއޭއެމް އެޓޯލް ޗެމްޕިއަންޝިޕް
އެފްއޭއެމް އެޓޯލް ޗެމްޕިއަންޝިޕް
އެފްއޭއެމް އެޓޯލް ޗެމްޕިއަންޝިޕް