ވެރިކަންކުރާ ޕީއެންސީގެ ޖަލްސާ މިރޭ ކުރިއަށްދާ ވަގުތުތަކުގައި އާޓިފިޝަލް ބީޗު ސަރަހައްދުން ބަސް ދަތުރު ނުކުރާނެކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެމްޓީސީސީން މިއަދު ކުރި އިއުލާނެއްގައި ބުނީ މިއަދު 18:00 އިން ފެށިގެން މިރޭ 00:30 ގެ ނިޔަލަށް އާޓިފިޝަލް ބީޗު ސަރަހައްދު ބަންދުކުރުމަށް ހަމަޖެހިފައިވާތީ ބަހުގެ ހިދުމަތުގައި ހިމެނޭ އާރް2، އާރް8، އާރް10، އާރް11 އަދި އާރް12 ގެ ދަތުރުތައް އެ ވަގުތަށް މެދުކަނޑާލާނެ ކަމަށެވެ.
އެކަމާ ގުޅޭ އިތުރު މައުލޫމާތު 1650 އަށް ގުޅުމަށް ލިބެން ހުންނާނެކަމަށް އެމްޓީސީސީން ބުންޏެވެ.
ޕީއެންސީންގެ ޖަލްސާއަށް، ރާއްޖޭގެ އެކި ރަށްރަށުން ގިނަ އަދަދެއްގެ ބަޔަކުވަނީ މާލެއަށް އައިސްފައެވެ.
އާޓިފިޝަލް ބީޗްގައި ޕީއެންސީން މިރޭ 8:30 ގައި ބާއްވާ ޖަލްސާއަކީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ފުރަތަމަ ދެ އަހަރުގެ ތެރޭގައި ހޯދާފައިވާ ކާމިޔާބީތައް ފާހަގަކުރުމަށް ބާއްވާ ޖަލްސާއެކެވެ.
އެ ޖަލްސާއަށް އިއްޔެ ރަށްރަށުން ފުލައިޓުތަކުގައި ގިނަ އަދަދެއްގެ ބަޔަކު އައިސްފައިވާ އިރު، މިއަދު ހެނދުނު ކަނޑުމަގުން ވެސް ގިނަ އަދަދެއްގެ ބަޔަކު ވަނީ މާލެ އައިސްފައެވެ.
ޕީއެންސީން އެ ޖަލްސާއަށް ތައްޔާރުވާތާ ދުވަސްތަކެއް މިހާރު ވަނީ ވެފައެވެ. އެގޮތުން އެ ޖަލްސާގައި ބައިވެރިވާ މީހުންނަށް ދައުވަތު އެރުވުމަަށް މާލެއާއި އެކި ރަށްރަށުގައި އެ ޕާޓީން ވަނީ "މަވެސް ދާނަން"ގެ ނަމުގައި ކެމްޕޭނެއް ވެސް ކުރިއަށްގެންގޮސްފައެވެ.
އެ ޖަލްސާއަށް ތައްޔާރުވުމުގެ ގޮތުން މިދިޔަ ހޮނިހިރު ދުވަހު ޕީއެންސީން ބޭއްވި ހަރަކާތެއްގައި އެ ޕާޓީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިދާޅުވެފައިވަނީ އެ ޖަލްސާގައި ރައްޔިތުން ތިބީ ކޮން ލީޑަރަކާއެކުގައިކަން އަދި ތިބީ ކޮން ފިކުރެއްގައިކަން ވަރަށް ސާފުކޮށް ފެންނާނެ ކަމަށެވެ.
އެ ޖަލްސާއަށް ރައްޔިތުން އާޓިފިޝަލް ބީޗަށް ޖަމާވަނީ ރައްޔިތުން ތިބީ ރައީސް މުއިއްޒާއެކުގައިކަން އަދި ވާދަވެރި ފަރާތްތަކުން ދައްކާ އަސްލެއް ނެތް ވާހަކަ ރައްޔިތުން ގަބޫލުނުކުރާކަން ސާބިތުކޮށްދިނުމަށްޓަކައި ކަަމަށް އަބްދުއްރަހީމް ވިދާޅުވެފައިވެއެވެ.
މިރޭ ބާއްވާ އެ ޖަލްސާގައި ޕީއެންސީގެ ރައީސް، ރައީސް މުއިއްޒު ވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.
މުހައްމަދު އިޝާން
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ