މަސްތުވާތަކެތީގެ ވިޔަފާރީކުރާ ފަރާތްތަކަށް ރާއްޖޭގައި ދިރިއުޅެން އުނދަގޫވާވަރު ކުރާނެކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖެއަކީ ޑްރަގްގެ ވަބާއިން އެއްކޮށް ސަލާމަތްވެފައިވާ ގައުމަކަށް ހެދުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި އެެގޮތުން ޑްރަގުގެ ވިޔަފާރީގަ ބައިވެރިވާ ފަރާތްތަކާ ދެކޮޅަށް ހާއްސަކޮށްގެން މިއަދު އޮޕަރޭޝަނެއް ހިންގުމަށް ފުލުހުންނަށް އަންގާފައިވާ ކަމަށެވެ.
"އެއް ވަގުތެއްގައި ރާއްޖޭގެ 100 އަށްވުރެ ގިނަ ތަންތަން ބަލާ ފާސްކުރެވޭ މި އޮޕަރޭޝަނުގައި 500 އަށްވުރެ ގިނަ ފުލުހުން ބައިވެރިވާނެ" ރައީސް ވިދާޅުވިއެވެ.
ފުލުހުން އެ އޮޕަރޭޝަނަށް ދީފައިވާ ނަމަކީ "އޮޕަރޭޝަން އަލިމަގު" އެވެ. އެ އޮޕަރޭޝަންގެ ތެރެއިން ފުލުހުންވަނީ 90 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށް، ތަންތަން ބަލައިފާސްކޮށް، ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ފައިސާ ހޯދައިފައެވެ. މިއީ މުޅިރާއްޖޭގައި ކުރިއަށްގެންދާ އޮޕަރޭޝަނެކެވެ. އޮޕަރޭޝަން ފަށައިފައިވަނީ ރޭ ފަތިހު 5:30 ގަ އެވެ.
އެ އޮޕަރޭޝަނާ ގުޅޭގޮތުން ދައުލަތުގެ މީޑިއާ ޕީއެސްއެމްއަށް އިހުސާން ދެއްވި އިންޓަވިއެއްގައި ވިދާޅުވީ "އޮޕަރޭޝަން އަލިމަގު" ކުރިއަށް ގެންދިއުމަށް ފުލުހުންގެ އިންޓެލިޖެންސުން ހަ މަސްދުވަސް ވަންދެން މައުލޫމާތު އެއްކުރި ކަމަށެވެ. އިހުސާން ވިދާޅުވީ ދެން ރާއްޖޭގައި މަސްތުވާތަކެތީގެ ވިޔަފާރި ނުކުރެވޭނެ ކަމަށެވެ.
"ދެން ޖެހޭނީ މިކަން ހުއްޓާލަން. މިއަދަށްފަހު ދެން އެ ފުރުސަތެއް ނުދޭނަން. އެދޭ އެދުމަކީ މިކަމުގައި އުޅޭ ކުދިންވެސް އެހެން ކަމަކައިގެން އުޅެން ފަށަން. އެކުދިންނަށް އުޅެން އުނދަގޫ ކުރާނަން. މިއަދު މި ފެށި އޮޕަރޭޝަން ހުއްޓާލާނީ މިކަމުގައި މަސްއޫލުވެގެން އުޅޭ މީހުން ހުއްޓާލާ ހިސާބުން. ގާނޫނުން އެެޅޭ އެންމެ ހަރުކަށި ފިޔަވަޅު އެމީހުންނާ މެދު އަޅާނަން،" އިހުސާން ވިދާޅުވިއެވެ.
ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަން ފުލުހުން 24 ގަޑިއިރު މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން ދެއްވާކަމަށް އިހުސާން ވިދާޅުވިއެވެ.
މި އޮޕަރޭޝަންގެ ތެރެއިން ރާއްޖެއަށް ގަވާއިދާހިލާފަށް އެތެރެކޮށްފައިވާ ސިނގިރޭޓުތަކެއްވެސް ހޯދާފައިވާކަމަށް އިހުސާން ވިދާޅުވިއެވެ.
މުހައްމަދު އިޝާން
ހޯމް މިނިސްޓަރު އަލީ އިހްސާން
ހޯމް މިނިސްޓަރު އަލީ އިހްސާން
ހޯމް މިނިސްޓަރު އަލީ އިހްސާން
ހޯމް މިނިސްޓަރު އަލީ އިހްސާން