ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އަށް ދޫކުރި ބިންތަކުގެ ތެރެއިން ހުޅުމާލޭގައި 2700 ހައުސިން ޔުނިޓު އަދި ވިލިމާލޭގައި 300 ހައުސިން ޔުނިޓު ހަދާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

މިދިޔަ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ، މާލެ ސަރަހައްދުގައި 3000 ހައުސިން ޔުނިޓު ހެދުމަށް މިއަހަރުގެ ތެރޭގައި ބަޔަކާ ހަވާލުކުރާނެކަން އިއުލާންކުރައްވައިފައެވެ.

ބީއެމްއެލްގެ ހެޑް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، ހައުސިން ޔުނިޓުތައް ހެދުމަށް ބީއެމްއެލްއަށް ހުޅުމާލޭ އަދި ވިލިމާލޭގެ ބިންތައް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު މުއްތަލިބު ވިދާޅުވީ ބޯހިޔާވަހިކަމުގެ ސިޔާސަތު ކެބިނެޓުން ފާސްކޮށް، އެއާ ގުޅިގެން އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ހޯދުމަށް މަގުފަހިކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ވަނީ ގަވާއިދެއް އެކުލަވާލައި، ގެޒެޓުކޮށްފައި ކަމަށެވެ.

"މިއަދުގެ މި ހަފުލާއަކީ ބޭންކް އޮފް މޯލްޑިވްސް އިން ކުރިއަށްގެންދާ ރެންޓް އޯންޑް މޮޑެލްގެ ދަށުން އިމާރާތްކުރާ 3000 ހައުސިން ޔުނިޓަށް ބޭނުންވާ ބިން ސަބްސިޑަރީ ކުންފުންޏާ ހަވާލުކުރުމަށް ބޭއްވޭ ހަފުލާ. މި ޕްރޮޖެކްޓުގެ ތެރެއިން ވިލިމާލޭގައި 300 ހައުސިން ޔުނިޓު، ހުޅުމާލޭގެ ފޭސް އެކެއް އަދި ފޭސް ތިނެއްގައި 2700 ޔުނިޓު އެޅިގެންދާނެ،" މިނިސްޓަރު ވިދާޅުވިއެވެ.

މުއްތަލިބު ވިދާޅުވީ ބީއެމްއެލްއަށް ބިން ދެނީ ބޭންކަށް އިތުރު އަގަކާ ނުލައި، ދައުލަތުން އެ އަގުގައި ހިފާ ގޮތަށް ކަމަށާއި އޭގެ ސަބަބުން އެ ޔުނިޓުތަކުގެ އަގު މިހާރު ދޫކުރާ ޔުނިޓުތަކުގެ އަގާ ގާތްގަނޑަކަށް އެއްވަރަކަށް ހިފެހެއްޓިގެންދާނެ ކަމަށެވެ.

"މި ޕްރޮޖެކްޓުގެ ތެރެއިން އިމާރާތްކުރެވޭ ފުލެޓުތައް ދެވޭނީ ސަރުކާރުން އިއުލާންކުރާ ޕްރޮގްރާމަށް އިއުލާންކުރާ ފަރާތްތަކަށް. އޭގެ ތެރެއިން ބޭންކުން ކަނޑައަޅާ އުސޫލުތަކުގެ ތެރެއަށް ފެއްތެން ވެސް ޖެހޭނެ. އެހެންނަމަވެސް މައިގަނޑު ގޮތެއްގައި މިއީ ޕްރޮޖެކްޓުގެ ތެރެއިން އެޅިގެންދާ ފުލެޓުތައް ލިބިގެންދާނީ މި ދެންނެވި ޕްރޮގްރާމުގެ ތެރެއިން އިއުލާންކުރެވި، ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ހޮވޭ ފަރާތްތަކަށް،" މިނިސްޓަރު ވިދާޅުވިއެވެ.