އުތުރު އެމެރިކާގެ ގައުމުތަކުގައި އަންނަ އަހަރު އޮންނަ ވޯލްޑް ކަޕަކީ ކެރިއަރުގެ ފަހު ވޯލްޑް ކަޕް ކަމަށް ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފިއެވެ.

ޕޯޗުގަލްއިން އަނެއްކާވެސް ވޯލްޑް ކަޕް ކޮލިފިކޭޝަނަށް ތައްޔާރުވަމުންދާ އިރު، މިހަފުތާ އަޔަލޭންޑާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެ، އެޓީމަށ ވޯލްޑް ކަޕުން ޖާގަ ޔަގީން ކުރެވޭނެއެވެ. އެ ވޯލްޑް ކަޕާ ގުޅޭ ގޮތުން ރޮނާލްޑޯ ވާހަކަ ދެއްކީ ސައުދީގެ ރިޔާދުގައި ކުރިއަށްދިޔަ ޓޫރިޒަމް ސަމިޓެއްގައެވެ.

އުމުރުން 40 އަހަރުގެ އަލް ނަސްރު ފޯވަޑް ރޮނާލްޑޯ ބުނީ އެމެރިކާއާއި ކެނެޑާގެ އިތުރުން މެކްސިކޯގައި ބާއްވަން ތައްޔާރުވެފައިވާ ވޯލްޑް ކަޕަކީ ކެރިއަރުގެ ފަހު ވޯލްޑް ކަޕުގެ އިތުރުން ގައުމީ ޓީމާއެކު ކުޅޭ އެންމެ ފަހު މުބާރާތް ކަމަށެވެ.

"ޔަގީން އެއީ ފަހު ވޯލްޑް ކަޕް. އަހަރެން ހުންނާނީ 41 އަހަރުވެފައި. އަހަންނަށް ހީވަނީ އެއީ ބޮޑެތި މުބާރާތްތަކަށް ނުކުތުން ނިމުނީހެން،" މިހާތަނަށް ކެރިއަރުގައި 953 ގޯލް ޖަހާފައިވާ ރޮނާލްޑޯ ބުންޏެވެ.

ރޮނާލްޑޯ 1000 ގޯލްގެ ޓާގެޓެއްގައި މަސައްކަތް ކުރަމުންދާ އިރު، އޭނާގެ ރިޓަޔާމަންޓާ ގުޅިގެން ޕިއާސް މޯގަންގެ އިންޓަވިއުގައި ވާހަކަ ދައްކާފައިވެއެވެ. އެ އިންޓަވިއުގައި ރޮނާލްޑޯ ބުނީ "ވަރަށް އަވަހަށް" ރިޓަޔާކުރަން ނިންމާކަމަށެވެ.

އެކަމާ ގުޅިގެން ސަމިޓުގައި ވާހަކަ ދައްކަމުން ރޮނާލްޑޯ ބުނީ ވަރަށް އަވަހަށޭ ބުންޏަސް އަދި ރިޓަޔާކުރާނީ ދެތިން އަހަރު ކުޅެލުމަށްފަހު ކަމަށެވެ.