އަނިޔާއަށް ފަރުވާ ހޯދާފައިވުމުން ސްޕެއިން ސްކޮޑުން ލެމީން ޔަމާލް ބޭރުކޮށްފިއެވެ.
ސްޕެއިނުން ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ޖޯޖިއާއާއި ތުރުކީއާ ދެކޮޅަށް ކުޅުމަށް ތައްޔާރުވަމުންދާ އިރު، ފުރަތަމަ ނެގި ސްކޮޑުގައި ޔަމާލް ހިމަނާފައިވެއެވެ. ސްޕެއިން ސްކޮޑުގައި އޭނާ ހިމެނިއިރުވެސް ހުރީ އުކުޅުވަޅުގެ އަނިޔާއެއްގެ ތެރޭގައެވެ. އެގޮތުން މިހާތަނަށް ބާސެލޯނާގެ ފަސް މެޗަށް ޔަމާލަށް ގެއްލިފައިވެއެވެ.
އުމުރުން 18 އަހަރުގެ ޔަމާލް، އޭނާގެ ކްލަބު ބާސެލޯނާއަށް އަނބުރާ ފޮނުވާލަން ސްޕެއިނުން ނިންމީ، ގައުމީ ޓީމަށް ނޭނގި އުކުޅުވަޅުގެ އަނިޔާއަށް ފަރުވާ ހޯދާފައިވާތީއެވެ.
ސްޕެއިންގެ ފުޓުބޯޅަ އިދާރާއިން ބުނީ ޔަމާލް އަނިޔާއިން ރަނގަޅުވުމަށް ރޭޑިއޯފްރެކުއެންސީ އޮޕަރޭޝަނެއް ކޮށްފައިވާ ކަމަށެވެ. އެ ފަރުވާ ހޯދީ ގައުމީ ޓީމަށް ދިޔުމުގެ އެއް ދުވަސް ކުރިން ކަމަށްވެސް ސްޕެއިންގެ އެފްއޭއިން ބުންޏެވެ. އަދި ފަރުވާ ހޯދިކަން ގައުމީ ޓީމަށް އެނގުނީ ރޭގެ ވަގުތެއްގައި ބާސާއިން ފޮނުވި ރިޕޯޓުތަކަކުން ކަމަށާއި، އެއީ ގައުމީ ޓީމު ކޭމްޕްވެސް ކުރި ފަހުން ކަމަށެވެ.
ސްޕެއިންގެ ފުޓުބޯޅަ އިދާރާއިން ބުނީ ރޭޑިއޯފްރެކުއެންސީ އޮޕަރޭޝަނެއް ހަދައިފިނަމަ، އެ ކުޅުންތެރިޔަކު 7-10 ދުވަހަށް ރެސްޓް ކުރަން ޖެހޭނެ ކަމަށެވެ. އަދި ޔަމާލް ދޫކޮށްލީ، ކުޅުންތެރިޔާގެ ސިއްހީ ހާލަތު އިސްކުރުމަށް ކަމަށްވެސް އެފްއޭއިން ބުންޏެވެ.
ޔަމާލް މިހާތަނަށް ސްޕެއިނަށް 23 މެޗު ކުޅެފައިވާ އިރު، މި ސީޒަނުގައި ބާސާއަށް އޭނާ ކުޅުނު 11 މެޗުން ހަ އެސިސްޓް ކޮށްދީ، ހަ ގޯލްވެސް ޖަހައިދީފައިވެއެވެ.
ސްޕެއިން
ސްޕެއިން
ސްޕެއިން
ސްޕެއިން