ހުޅުމާލޭ ފަޅުގައި އޮތް އުޅަނދެއްގައި އަލިފާން ރޯވެއްޖެއެވެ.

ފުލުހުން މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ބުނީ އަލިފާނުގެ ހާދިސާއެއް ހިނގައިގެން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށާއި އެ ހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު މެންދުރު 12:55 ހާއިރު ކަމަށެވެ.

އެމްއެންޑީއެފުން ބުނީ ހުޅުމާލޭ ފަޅުތެރޭގައި އޮތް ލޯންޗެއްގައި އަލިފާން ރޯވެގެން، އަލިފާން ނިއްވުމުގައި އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސް ހުޅުމާލޭ ފަޔާ ސްޓޭޝަންގެ ފަޔާ ފައިޓަރުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

ފުލުހުން ބުނީ އަލިފާން މިހާރު ނިއްވާލާފައިވާ ކަމަށާއި އަލިފާން ރޯވެފައިވަނީ ތެޔޮ އުފުލާ ދޯންޏެއްގައި ކަމަށެވެ. އަދި އެ ހާދިސާގައި އެ ދޯނީގައި ހުރި ބަންގުލަދޭޝް މީހެއްގެ އަތްފިހިގެން ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.