ކުރީގެ ރައީސް އަބްދުﷲ ޔާމީން ފުލުހުންގެ ތަހުގީގަށް ހާޒިރުކުރުމަށްޓަކައި އެ މަނިކުފާނަށް ޗިޓް ހަވާލުކުރުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

އެނގިފައިވާ ގޮތުގައި، ފުލުހުންގެ ޓީމެއް މިއަދު ވަނީ ޔާމީން ދިރިއުޅުއްވާ ހ. ދޫވެއްސަށް ހާޒިރުވުމުގެ ޗިޓަކާ އެކު ގޮސްފައެވެ. ނަމަވެސް، އެ ޗިޓް އެ މަނިކުފާނާ މިހާތަނަށް ރަސްމީކޮށް ހަވާލުކުރެވިފައިވާކަމެއް އަދި އެއީ ސީދާ ކޮން މައްސަލައަކާ ގުޅިގެންކަމެއް އަދި ކަށަވަރެއް ނުވެއެވެ.

ޔާމީނަށް، ޗިޓް ހަވާލުކުރަން ފުލުހުން ގޮސްފައިވާއިރު، ޑިސެމްބަރު 12، 2024 ގައި ސަރުކާރުގެ ތިން މިނިސްޓްރީއަކާއި މާލެ ސިޓީ ކައުންސިލްގެ ބައެއް އޮފީސްތައް ހިންގި އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅުވައިގެން ޔާމީން ދެއްކެވި ވާހަކަތަކެއް ފުލުހުން ވަނީ ތަހުގީގު ކުރަން ފަށައިފައެވެ.

ޕީއެންއެފްގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ޔާމީން ވަނީ އެ އިމާރާތުގައި ރޯކޮށްލީ ކަމަށް ތުހުމަތު ކުރައްވާފައެވެ. އަދި އެކަން ކުރި ފަރާތަކީ ރައީސް ޑރ. މުހައްމަދު މުއިއްޒާ ވަރަށް އަރިސް ބޭފުޅެއް ކަމަށާއި، އެ މައުލޫމާތު ފުލުހުންގެ އަތުގައި އެބައޮތްކަމަށް ޔާމީން ވިދާޅުވެފައިވެއެވެ.

އެ ވާހަތަކާ ގުޅިގެން ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާން އެކްސްގައި ރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ސަރުކާރުގެ ތިން މިނިސްޓްރީއެއް ހިންގި އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާއަކީ ބަޔަކު ގަސްދުގައި ކުރި ކަމެއްކަމަށް ދޭހަވާ ގޮތަށް ޔާމީން ކުރެއްވި ތުހުމަތުތަކާ ގުޅިގެން، އެ މަނިކުފާނާ ސުވާލުކޮށް މައްސަލަ އިތުރަށް ބެލުމަށް ފުލުހުންނަށް އަންގަވާފައިވާނެ ކަމަށެވެ.

އިހްސާން ވިދާޅުވެފައިވަނީ، ބޭރުގެ ތަހުގީގީ މާހިރުންނާ ގުޅިގެން ފުލުހުން ކުރި ތަހުގީގުން ސާބިތުވެފައިވަނީ އަލިފާން ރޯވީ ކަރަންޓު ޝޯޓެއް ވެގެން ކަމަށެވެ. އަދި އެއްވެސް މީހެއްގެ މައްޗަށް ޖިނާއީ ތުހުމަތެއް ކުރެވޭނެ ހެއްކެއް ފެނިފައިނުވާކަމަށް ފުލުހުން މައުލޫމާތު ދީފައިވާކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ.

"ނަމަވެސް 5 ސެޕްޓެމްބަރު 2026 ގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ދައްކަވާފައިވާ ވާހަކަފުޅުގައި އެ އިމާރާތްތަކުގައި އަލިފާން ރޯކޮށްލާފައިވާ ކަމަށާއި، އެކަން ކުރި މީހާވެސް ފުލުހުންނަށް އެނގޭކަމަށް މުތުލަގުކޮށް ވިދާޅުވެފައިވެއެވެ. އެހެންކަމުން މިމައްސަލާގައި އެ މަނިކުފާނަށް އެނގިވަޑައިގަންނަވާ މައުލޫމާތު ސާފުކުރައްވައި، ތަހުގީގުގައި އިތުރަށް ބައްލަވަންޖެހޭ ކަމެއްހުރި ނަމަ، އެކަން ބެއްލެވުމަށް ދިވެހި ފުލުހުންގެ ހިދުމަތަށް އަޅުގަނޑުވާނީ ދަންނަވާފައެވެ" އިހުސާން ވިދާޅުވެފައިވެއެވެ.

އަދި، ފުލުހުންގެ މައްޗަށް ޔާމީން ކުރެއްވި ތުހުމަތު ތަހުގީގުކޮށް ދެއްވުމަށް އެދި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) ހުށަހަޅާފައިވާނެކަމަށް އިހުސާން ވިދާޅުވެފައިވެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި "ވަން" އިން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ އެ އިމާރާތުގައި ގަސްދުގައި ރޯކޮށްލީކަމަށް ވިދާޅުވެ، ޔާމީން ހައްދަވަނީ އިތުރުފުޅެއް ކަމަށެވެ.

"އެއީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް. އަޅުގަނޑަށް އަމާޒުކޮށްގެން އެއްވެސް އެއްޗެއް ނުދެންނެވޭނެ އެކަމުގައެއް އިނގޭތޯ. ހަމަ ކަނޑައެޅިގެން އިތުރުފުޅެއް އެ ހެއްދެވީ. ދެން ޕޮލިހުން މައްސަލަ ބަލާފައި ނިންމާފައި އޮތް ކަމެއް. އަޅުގަނޑާ އެއްވެސް ވަރަކަށް ގުޅުވޭނެ ކަމެއް ނޫން" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އެ އިމާރާތަކީ އެ މަނިކުފާނުވެސް އެތައް އަހަރެއްވަންދެން މަސައްކަތް ކުރި އިމާރާތެއް ކަމަށާއި އެތަން ރޯވަމުންދިޔަ ވަގުތު އެތަނުގައި ހުންނެވިއިރު އެއީ ހިތްދަތި މަންޒަރެއް ކަމަށެވެ.