އޭއެފްސީ އޭޝިއަން ކަޕްގެ 17 އަހަރުން ދަށުގައި ވާދަކުރާ ފަލަސްތީނުގެ ގައުމީ ޓީމުން ރާއްޖޭގައި ކޭމްޕް ކުރުމަށް މިއަދު ރާއްޖެ އަތުވެއްޖެއެވެ.

ފަލަސްތީނުގެ ގައްޒާއަށް، އިސްރޭލުން ދެމުންދާ ލާއިންސާނީ ހަމަލާތަކުގެ ސަބަބުން، އެގައުމުގެ ކުޅިވަރު ޓީމުތައް އާއްމުކޮށް ތަމްރީނުކުރަން ޖެހެނީ ގައުމުން ބޭރުގައެވެ. މިހާތަނަށް އިޒްރޭލުން ދިން ހަމަލާތަކުގައި ފަލަސްތީނުގެ އެތައް އެތުލީޓުންނެއްވެސް ޝަހީދުކޮށްލާފައިވާ އިރު، ފުޓުބޯޅަ ކުޅުންތެރިންވެސް އޭގެ ތެރޭގައި ހިމެނެއެވެ.

އެހާލަތުގައި ފަލަސްތީނުގެ ފުޓުބޯޅަ އޮތުމާއެކު މިފަަހަރުގެ ކޭމްޕުގެ ހުރިހާ ހަރަދެއް ބަލަހައްޓާނީ ރާއްޖޭގެ ސަރުކާރާއި އެފްއޭއެމް ގުޅިގެންނެވެ.

މިއަދު ޓީމު މާލެ އައިސްފައިވާ އިރު، ކޭމްޕް ކުރިއަށްދާނީ މިމަހުގެ 19 ވަނަ ދުވަހާ ހަމައަށެވެ.

ފަލަސްތީނު ޓީމަށް ރާއްޖެއިން ރަސްމީކޮށް މަރުހަބާ ކިޔާފައި ވަނީ ވެލާނާ އިންޓަނޭޝަނަލް ޓާމިނަލްގެ ވީއައިޕީންނެވެ. އެގޮތުން ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއުއާއި އެފްއޭއެމްގެ ރައީސް، މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގާއެކު ސްޕޯޓްސް މިނިސްޓްރީއާއި އެފްއޭއެމްގެ އިސްވެރިން ބައިވެރިވެވަޑައިގެންފައިވެއެވެ.

ސަރުކާރުގެ ފަރާތުން ފަލަސްތީނުގެ ކޭމްޕަށް ގާތްގަނޑަކަށް 546،000 ރުފިޔާ ހަރަދުކުރަން ނިންމާފައިވާ ކަމަށް މިނިސްޓަރު ފާހަގަކުރައްވާފައިވާ އިރު، އޭގެ އިތުރުން ޓީމުގެ ކަންތައްތަކަށް ސަލާމަތީ ބާރުތަކާއި މިނިސްޓްރީ އަދި އެފްއޭއެމްގެ މުއައްޒަފުން ހިމެނޭހެން ހާއްސަ ޓާސްކް ފޯސްއެއް އުފައްދާފައިވެސް ވެއެވެ.

ޓީމަށް މަރުހަބާ ކިޔުމުގައި މިނިސްޓަރު އަބްދުﷲ ރާފިއު ބައިވެރިވެވަޑައިގަންނަވަނީ --- ވަން ފޮޓޯ/ ހަމްދާން އަހުމަދު

ފަލަސްތީން ޓީމުގެ ކޭމްޕް ތެރެއިން ރާއްޖޭގެ 17 އަހަރުން ދަށުގެ ޓީމާ ދެކޮޅަށް ދެމެޗު ކުޅޭނެއެވެ. އެގޮތުން ދެމެޗު އޮންނާނީ މިމަހުގެ 13 ވަނަ ދުވަހުގެ ރެއާއި 15 ވަނަ ދުވަހުގެ ރޭގައެވެ.

ޒުވާން ޓީމުން ކުޅޭ ދެމެޗު ބަލަން ވަނުމަށްވެސް އާއްމުންނަށް ހިލޭ ފުރުސަތު ހުޅުވާލާފައިވާ އިރު، އެ މެޗުތަކުން އެގައުމުގެ ފުޓުބޯޅައަށް އެހީވާން ސްވެނިއާ ޓިކެޓް ވިއްކަން ވަނީ ހަމަޖައްސައިފައެވެ.

އެއީ ވީވީއައިޕީ (ރޮސްޓްރޮމް) އިން ވިއްކާ 50 ޓިކެޓާއި ވީއައައިޕީ ގޮނޑިބަރިން ވިއްކާ 200 ޓިކެޓެވެ. ސްވެނިއާ ޕްލެޓިނަމް، ވީވީއައިޕީ ޓިކެޓެއްގެ އަގަކީ 1000 ރުފިޔާއެވެ. އަދި ގޯލްޑް ޓިކެޓް، ގޮނޑިބަރީ ޓިކެޓެއްގެ އަގަކީ 500 ރުފިޔާއެވެ.

ޓީމުގެ ފަރާތުން ކޯޗު މުހައްމަދު ޖުމާ ސުލައިމާން ރާއްޖޭގެ މީޑިއާއަށް ބުނީ ފަލަސްތީނަށް ކީ މަރުހަބާއަށް ޝުކުރު އަދާކުރާ ކަމަށާއި، މުބާރާތުގައި ފަލަސްތީނު ދިދަ ވިހުރުވާލަން ކޮންމެހެން ބޭނުންވާ ކަމަށެވެ.

ފަލަސްތީނުގެ 17 އަހަރުން ދަށު ޓީމުގެ ކޯޗު ޖުމާ --- ވަން ފޮޓޯ/ ހަމްދާން އަހުމަދު

ކޯޗު ބުނީ ހަނގުރާމައިގެ ސަބަބުން ގައުމަށް ދިމާވެފައިވާ ހިތްދަތިކަމާއެކުވެސް ޓީމުން ހިތްވަރުކުރަނީ ގައުމީ ދިދަ ކޮލިފިކޭޝަންގައި ވިހުރުވާލުމަށް ކަމަށެވެ. އޭގެ އިތުރުން ޖުމާ ސުލައިމާން ބުނީ ފަލަސްތީނުގައި ރާއްޖެއާ ދެކޮޅަށް މެޗަށް ކުޅެވޭނެ ދުވަހަކަށް އުންމީދުކުރާ ކަމަށެވެ.