ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ޓާމިނަލަށް ވަންނަން ދިޔަ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ދެ މުވައްޒަފެއްގެ އަތުން ޑޮލަރު ހުރި ބްރީފްކޭސްއެއް ފޭރުނު މައްސަލައިގައި އިތުރު ތިން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ، އެ މައްސަލައިގައި ފަހުން ހައްޔަރުކޮށްފައިވަނީ ގއ. ވިލިނގިލި، ބިނާ، އަބްދުލްއައްވަލް އިބްރާހިމް އަބޫބަކުރު (27އ)، ތ. ވިލުފުށި، އެހީވާގެ، އަހުމަދު މާހިދު (44އ)ގެ އިތުރުން ސ. ހިތަދޫ، ވަށަގުލިމާގެ، އަލީ އަފްޒަލް (21އ) ކަމަށެވެ.

އެ އެންމެންވެސް ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ. އަދި އެ މައްސަލައިގައި އިތުރު ހަތަރު މީހެއްގެ ފުރުން މަނާކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ. ނަމަވެސް އެއީ ކޮން ބައެއްކަން ސާފެއް ނޫނެވެ.

އެ މައްސަލައިގެ ތުހުމަތުގައި އެންމެ ފުރަތަމަ ހައްޔަރުކުރި ހަތަރު މީހުންވެސް ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.

ފުރަތަމަ ހައްޔަރުކުރި ހަތަރު މީހުން

  • މާޒިން މޫސާ، 25، ރޭޝަމް / ލ. މާވަށް،
  • އަހްމަދު ރައިހާން ނައީމް، 20، މ. ކޯރަސް / މާލެ
  • އިބްރާހީމް އަނޫފް، 24، އަޅިވިލާގެ / ކ. ގުރައިދޫ
  • ހުސައިން ޝަހުދު، 30، އަޅިވިލާގެ / ކ. ގުރައިދޫ

ފުލުހުން ބުނެފައިވާ ގޮތުގައި ވީއައިއޭގެ ޓާމިނަލް-1 އަށް ވަންނަން ދިޔަ ބޭންކެއްގެ ދެ މުވައްޒަފަކު ގެންގުޅުނު ފައިސާ ހުރި ސޫޓު ކޭހެެއް، މޫނު ނިވާކޮށްގެން ތިބި ބަޔަކު ފޭރިގެންފައިވާ މައްސަލައެއް މިދިޔަ މަހުގެ 27 ވަނަ ދުވަހުގެ ފަތިހު 4:45 އެހާކަންހާއިރު، ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އާ ޓާމިނަލްގައި ޑޮލަރު ކައުންޓަރެއް ހުންނަ އިރު، މި ޑޮލަރުތަކަކީ އެތަނަށް ގެންދިޔަ ޑޮލަރު ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

އެނގިފައިވާ ގޮތުގައި، އެ މުވައްޒަފުން އަތުން ފައިސާ ފޭރުނީ މޫނު ނިވާކޮށްގެން ތިބި ބަޔަކު، ވަޅީން ބިރު ދެއްކުމަށް ފަހުއެވެ. އެކަން އެ މީހުން ކުރީ އެއާޕޯޓުގެ ސެކިއުރިޓީންވެސް ތިއްބައި ކަމަށް އެނގިފައިވެއެވެ. ފުލުހުން ބުނެފައިވާ ގޮތުގައި ޑޮލަރުތައް ގެންދިއުމުގައި ބީއެމްއެލުން ފުލުހުންގެ ސެކިއުރިޓީ ބޭނުންކޮށްފައެއް ނުވެއެވެ.

އެނގިފައިވާ ގޮތުގައި، މުވައްޒަފުންގެ އަތުން ފައިސާ ފޭރުނީ، ބާ ޓާމިނަލުން އާ ޓާމިނަލަށް ވަންނަން އޮންނަ ވޯކްވޭ ތެރެއިންނެވެ. ފޭރިގަތް މީހުން ހުއްޓުވަން އެ ސަރަހައްދުގައި މަސައްކަތްކުރި ސެކިއުރިޓީ އޮފިސަރެއްގެ ގަޔަށް އެ މީހުން ޕެޕާ ސްޕްރޭ ޖެހިކަންވެސް އެނގިފައިވެއެވެ. އެހެންނަމަވެސް މިކަން ވަނީ މުޅީން ކަށަވަރު ނުވެފައެވެ.

ޑޮލަރު ހުރި ސޫޓު ކޭސް ފޭރިގަތުމަށްފަހު ވަގުން ލޯންޗަކަށް އަރައިގެން ފިލިއެވެ. އެ މީހުންނާއި ލޯންޗު ހޯދައި ފުލުހުންގެ ހައްޔަރަށް އެ މީހުން ގެނައީ ކ. ހުރާއިންނެވެ.