ގަވާއިދާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ އުޅެނިކޮށް، އެމްއެންޑީއެފްގެ ޑްރޯންގެ އެހީގައި މިމަހުގެ ހަތްވަނަ ދުވަހު އަތުލައިގަތް ޑްރަގް ބޯޓުގެ ތަހުގީގަށް ސްރީ ލަންކާގެ ކަމާބެހޭ ޓީމެއް ރާއްޖެއަށް ފޮނުވާފައިވާ ކަމަށް ލަންކާގެ ނޫސްތަކުން ރިޕޯޓުކޮށްފިއެވެ.

އެމްއެންޑީއެފުން މިމަހުގެ ހަތްވަނަ ދުވަހު ބުނެފައިވަނީ އެ ބޯޓު ފެނުނީ ބޭރުގެ ބޯޓެއް ގާނޫނާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހަރަކާތެރިވާކަން ފާހަގަކުރެވިގެން ސިފައިންގެ ވައިގެ ހިދުމަތް، އެއާ ކޯއިން ޑްރޯން ބޭނުންކޮށްގެން ހިންގި ސަވެއިލަންސް އޮޕަރޭޝަނެއްގައެވެ.

އެ އޮޕަރޭޝަންގައި އެ ބޯޓު ދިވެހި ސިފައިންގެ ބާރުގެ ދަށަށް ގެނެސްފައިވާ ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ. ނަމަވެސް އެ ބޯޓާ ގުޅޭ އެއްވެސް މައުލޫމާތެއް އެމްއެންޑީއެފުން ހާމައެއް ނުކުރެއެވެ.

ލަންކާގެ ނޫސްތަކުން މިމަހުގެ އަށްވަނަ ދުވަހު ރިޕޯޓުކޮށްފައިވާ ގޮތުގައި އެމްއެންޑީއެފުން އަތުލައިގަތީ 300 ކިލޯގެ ހެރޮއިން އާއި އައިސް (ކްރިސްޓަލް މެތު) ހިފައިގެން ދަތުރުކުރަމުން ދިޔަ ބޯޓެކެވެ. އަދި އެ ބޯޓުގައި ތިބި ލަންކާގެ ހަ މަސްވެރިޔަކު ވެސް އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ރިޕޯޓުކޮށްފައިވެއެވެ.

ލަންކާގެ ނޫސްތަކުން އިއްޔެ ރިޕޯޓުކޮށްފައިވާ ގޮތުގައި ލަންކާގެ ބޯޓަކުން މަސްތުވާތަކެތި ފެނުނު އެ މައްސަަލައިގެ ތަހުގީގަށް ލަންކާގެ ކަމާބެހޭ ޓީމެއް ރާއްޖެއަށް ވަނީ އައިސްފައެވެ.

ލަންކާގެ ޕަބްލިކް ސެކިއުރެޓީ އެންޑް ޕާލިމެންޓްރީ އެފެއާސް އާނަންޑާ ވިޖެޕެލާއާ ހަވާލާދީ ލަންކާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ލަންކާގެ ފުލުހުންނާއި ލަންކާގެ ނޭވީގެ އޮފިސަރުންވެސް ދަނީ އެ ތަހުގީގަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ބޯޓުގައި ތިބި ލަންކާގެ ރައްޔިތުން ލަންކާއަށް ގެނެވޭތޯ ބެލުމަށްވެސް މަސައްކަތް ކުރަމުންދާކަމަށް އާނަންޑާ ވިޖެޕެލާއާ ވިދާޅުވިކަމަށް ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.