ސްޕެނިޝް ލީގުގައި ރޭ ބާސެލޯނާއިން ކުޅުނު މެޗުގައި ސެލްޓަ ވީގޯ ބަލިކޮށް، ތާވަލުގައި ރެއާލް މެޑްރިޑާ ގާތަށް ޖެހިލައިފިއެވެ.
ބާސާއިން ރަށުން ބޭރުގައި 4-2 އިން ސެލްޓާ ބަލިކުރި އިރު، އެ މޮޅާއެކު ބާސާއިން ވަނީ ރެއާލާ ތިން ޕޮއިންޓް ގާތަށް ޖެހިލައިފައެވެ. ރެއާލް ރޭ ކުޅުނު މެޗުގައި ރަޔޯ ވަޔެކާނޯ ކައިރިން ގޯލެއް ނުޖެހި އެއްވަރުވި އިރު، އެޓީމަށް 12 މެޗުން ލިބިފައިވަނީ 31 ޕޮއިންޓެވެ.
ބާސާ ދެވަނައިގައި އޮތީ 12 މެޗުން 28 ޕޮއިންޓާއެކުގައެވެ.
ރޭގެ މެޗުގައި ބާސާގެ ތަރިއަކީ ޕޮލެންޑްގެ ކެޕްޓަން ރޮބާޓް ލެވަންޑޯސްކީއެވެ. މެޗުގެ ނުވަވަނަ މިނެޓުގައި އޭނާ ބާސާއަށް ލީޑު ނަގައިދިނީ ޕެނަލްޓީއެއްގައެވެ. އެއީ ފާމިން ލޮޕޭޒް ޖެހި ބޯޅަ، އޭރިއާ ތެރެއިން މާކޮސް އެލޯންސޯގެ އަތުގައި ޖެހުމުން ރެފްރީ ދިން ޕެނަލްޓީއެކެވެ.
އޭގެ އިރުކޮޅެއްފަހުން ކައުންޓާ އެޓޭކެއްގައި ސެލްޓާއިން ރައްދު ދިނެވެ. އެޓީމަށް ނަތީޖާ ހަމަހަމަކޮށްދިނީ ސާޖިއޯ ކަރެއާއެވެ.
އެ ގޯލަށް 22 ސިކުންތު ހިނގިތަނާ މާކަސް ރަޝްފޯޑަށް ހުސް ފުރުސަތެއް ލިބި ބޭކާރުވި ނަމަވެސް، ބާސާއަށް އަލުން ލީޑު ނަގައިދިނުމުގައި އޭނާގެ ދައުރު ބޮޑެވެ. 37 ވަނަ މިނެޓުގައި ލެވަންޑޯސްކީ އޭނާގެ ދެވަނަ ގޯލު ޖެހީ ރަޝްފޯޑުގެ ހުރަހަކުންނެވެ.
ހާފު ނިމުމުގެ ކުރިން އިތުރު ޑްރާމާއެއް މެޗުގައި ފެނިގެން ދިޔަ އިރު، 43 ވަނަ މިނެޓުގައި ބޯޖާ އިގްލީސިއަސް އަނެއްކާ މެޗު އެއްވަރުކުރިއެވެ. އެހެން ނަމަވެސް އެއީ އެންމެ ދެ މިނެޓަށެވެ.
އެ ގޯލަށް ދެ މިނެޓް ފަހުން ލެމީން ޔަމާލް ވަނީ އަނެއްކާވެސް ބާސާއަށް ލީޑު ނަގައިދީފައެވެ. ދެވަނަ ހާފުގައި ލެވަންޑޯސްކީ އޭނާގެ ހެޓްރިކް ފުރިހަމަ ކުރި އިރު، މެޗު ނިމިގެން ދިޔައީ ފްރޭންކް ޑި ޔޯންގަށް ދެ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދައްކައިގެންނެވެ.
މުޙައްމަދު ޝަމްޢޫން
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ