ސްޕެނިޝް ލީގުގެ އެއްވަނައިގައި އޮތް ރެއާލް މެޑްރިޑުން މިރޭ ކުޅުނު މެޗުގައި ރަޔޯ ވަޔެކާނޯއާ އެއްވަރުވެއްޖެއެވެ.
ވަޔެކާނޯ ދަނޑުގައި ރެއާލުން 0-0 އިން އެއްވަރުވެފައިވާ އިރު، މިދިޔަ ހަތަރު އަހަރު ދުވަހުވެސް ރެއާލަށް ވަޔެކާނޯ ދަނޑުގައި މޮޅުވެވިފައެއް ނުވެއެވެ. މިރޭގެ މެޗުގައިވެސް ވަޔެކާނޯއިން ރަނގަޅަށް ޑިފެންސްކޮށް، ރެއާލްގެ ވަރުގަދަ އެޓޭކް މަޑުޖައްސާލީ ތަފާތު ރޫހެއްވައެވެ.
މި ސީޒަނުގައި އެންމެ ފޯމު ރަނގަޅަށް ހުރި ރެއާލްގެ ފޯވަޑް ކިލިއަން އެމްބާޕޭއަށްވެސް ގޯލާ އަމާޒުކޮށް އުފެއްދުނީ އެންމެ ހަމަލާއެކެވެ.
މެޗަށް ނުކުތުމުގެ ކުރިން އެމްބާޕޭ ވަނީ މިހާތަނަށް ލީގުގައި 13 ގޯލް ޖަހައިފައެވެ. މިރޭގެ ނަތީޖާއާއެކު ވަޔެކާނޯ ވެގެން ގޮސްފައި ވަނީ ރެއާލް އަތުން ކްލީން ޝީޓެއް ހޯދި ފުރަތަމަ ޓީމަށެވެ.
މެޗުގައި ރެއާލުން ނުރައްކާ ކުރި ނަމަވެސް ވަޔެކާނޯގެ ކީޕަރު ވަނީ ތަފާތު ގިނަ ސޭވްތަކެއް ކޮށްފައެވެ. ކީޕަރު އޮގަސްޓޯ ބަޓަލާ ވަނީ މެޗުގައި މުހިއްމު ސޭވްތަކެއް ކޮށްފައެވެ.
އެގޮތުން އާދާ ގުލާއާއި ވިނީޝިއަސް ޖޫނިއާ ފުރަތަމަ ހާފުގައި އުފެއްދި ހަމަލާތައް ފާހަގަކޮށްލެވުނެވެ. އޭގެ އިތުރުން އެމްބާޕޭއާއި ޖޫޑް ބެލިންހަމް އޭރިއާ ތެރެއިން ފޮނުވާލި ހަމަލާތައްވެސް ގޯލަށް އަމާޒުކޮށްލެވިފައި ނުވާ އިރު، ބްރަހީމް ޑިއާޒްގެ ހުރަހުން ރައުލް އަސެންސިއޯއަށް ލިބުނު ހުސް ފުރުސަތުގައި އޭނާއަށްވެސް ބޭނުމެއް ނުހިފުނެވެ.
ރެއާލް މިހާތަނަށް ކުޅުނު 12 މެޗުން 31 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައި އޮތީ ރަނގަޅު ލީޑެއްގައެވެ. މިވަގުތު ދެވަނައިގައި އޮތް ވިލަރެއާލަށް 12 މެޗުން 26 ޕޮއިންޓް ލިބިފައިވެއެވެ. ބާސެލޯނާއިން 11 މެޗުން 25 ޕޮއިންޓް ހޯދާފައިވާ އިރު، މިހަފުތާ ކުޅޭ މެޗުން މޮޅުވެ، ރެއާލާ ފަރަގު ކުޑަކުރުމަށް ފުރުސަތު އެބައޮތެވެ.
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ