އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ މެންޗެސްޓާ ސިޓީން ކުޅުނު މެޗުގައި ލިވަޕޫލް ކައިރިން ތަފާތު ބޮޑު މޮޅެއް ހޯދައިފިއެވެ.

ސިޓީ ދަނޑުގައި އެޓީމުން ލިވަޕޫލް ބަލިކުރީ 3-0 ގެ ނަތީޖާއަކުންނެވެ. މިރޭގެ މެޗަކީ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާއަށް ހާއްސަ މެޗެކެވެ. ގާޑިއޯލާ މިރޭ ނުކުތީ ކެރިއަރުގައި ކޯޗުކަން ކޮށްދިން 1000 ވަނަ މެޗަށެވެ. އޭގެ ތެރެއިން 716 މެޗުން ގާޑިއޯލާ ވަނީ މޮޅު ހޯދައިފައެވެ.

ފުރަތަމަ ބާސެލޯނާގެ ބީ ޓީމުގެ ކޯޗުކަމުގައި ނުކުތް އުމުރުން 54 އަހަރުގެ ގާޑިއޯލާ ކެރިއަރުގައި ބަލިވީ އެންމެ 128 މެޗުންނެވެ. ގާޑިއޯލާ ސިޓީގެ އިތުރުން ބާސެލޯނާއާއި ބަޔާން މިއުނިކަށްވެސް ކޯޗުކަން ކޮށްދީފައިވާ އިރު، އޭނާއަކީ މި ފަހުގެ ތާރީހުގައި ފެނިގެން ދިޔަ އެންމެ ކާމިޔާބު އެއް ކޯޗެވެ.

ގާޑިއޯލާގެ އެ ހާއްސަ ކަމަށް ސިޓީން ދަނޑު މަތީގައި ރައްދުވެސް ދިނެވެ. އެޓީމުން ފެށީވެސް ތަފާތު ރޫހެއްގައެވެ. ފުރަތަމަ ހާފުގައިވެސް ލިވަޕޫލަށް މާބޮޑު ފުރުސަތެއް ނުދީ މެޗު ޑޮމިނޭޓް ކުރިއެވެ. ހާއްސަކޮށް ފުރަތަމަ ކޮޅުގައި ލިވަޕޫލަށް ކުރިއަށް ޖެހިލަންވެސް ފުރުސަތެއް ނުދީ ސިޓީން ނުރައްކާ ކުރިއެވެ.

ހާއްސަކޮށް ސިޓީގެ ވާތް ފަޅިން ކުރިއަށް ކުޅެމުންދިޔަ ޖެރަމީ ޑޮކޫ ހުރީ އާދަޔާހިލާފު ރަނގަޅު ފޯމެއްގައެވެ. އޭނާގެ މަސައްކަތުން މެޗުގެ ކުރީކޮޅުގައި ސިޓީއަށް ޕެނަލްޓީއެއް ލިބުނެވެ. އޭރިއާ ތެރެއަށް ޑޮކޫ ވަނުމުން އޭނާ ހުއްޓުވަން ލިވަޕޫލް ކީޕަރު ޖިއޯޖީ މަމަޑާޝްވިލީ ކުރި މަސައްކަތުން ޖެހުނީ ފައިގައެވެ.

އެ ފައުލަށް ރެފްރީ ދިން ޕެނަލްޓީ އާލިން ހާލަންޑް ފޮނުވާލުމުން މަމަޑާޝްވިލީ މަތަކުރިއެވެ. އެހިސާބުން ލިވަޕޫލުން ހިތްވަރު ހޯދި ކަމަށް ބެލެވުނު ނަމަވެސް، އޭގެ އިރުކޮޅެއްފަހުން އޭރިއާ ތެރެއަށް އައި ބޯޅައެއްގައި ހާލަންޑް ކޮނޑުގައި ޖެހި ގޯލަށް ވަނުމާއެކު ސިޓީން ލީޑު ނެގިއެވެ.

އެ ގޯލަށް މާގިނައިރެއް ނުވެ، ކޯނަރެއްގައި ވާޖިލް ވެން ޑައިކް ކުރިއަށް އަރާ ބޮލުން ފޮނުވާލި ބޯޅައެއް ގޯލަށް ވައްދާލި ނަމަވެސް، ވީއޭއާރް ބަލައި ރެފްރީ ނިންމީ އޮފްސައިޑެއް ކަމަށެވެ. ރެފްރީ ނިންމުން ނިންމީ ވެން ޑައިކް ޖެހި ބޯޅައިން ނެއްޓިލުމަށް އެންޑީ ރޮބަޓްސަން، އޮފްސައިޑް މަގާމެއްގައި ހުރެ ގުދުވެލުމުންނެވެ.

ހާފު ނިމެން ދަނިކޮށް ސިޓީން ދެވަނަ ގޯލެއްވެސް ޖެހިއެވެ. ނިކޯ ގޮންޒާލޭސް އޭރިއާ ބޭރުން ފޮނުވާލި ހަމަލާ ގޯލަށް ވަނީ ވެން ޑައިކްގެ ފައިގައި ޖެހި ކީޕަރަށް އޮޅުން އަރައިގެންނެވެ.

ދެވަނަ ހާފަށް ކުޅުން ރަނގަޅުކުރަން މަޖުބޫރުވެފައި އޮތް ލިވަޕޫލުގެ ފަރާތުން ހާފުގެ ކުރީކޮޅުގައި ނުރައްކާ ފެނުނެވެ. ބަދަލަކަށް ނުކުތް ކޯޑީ ގަކްޕޯއަށް ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވި އިރު، މުހައްމަދު ސަލާހަށް ލިބުނު ބޯޅައިގައި އޭނާއަށް ބޭނުމެއް ނުހިފުނެވެ.

ދެން އަނެއްކާވެސް ފެނުނީ ޑޮކޫގެ ޖާދުލެވެ. އޭރިއާ ބޭރުން ހިތްގައިމުކޮށް ޑިފެންޑަރު ނައްޓާލައި، ބޯޅަ އަމާޒުކޮށްލީ ސީދާ ކަނަށެވެ. ސިޓީން ތިން ގޯލްގެ ލީޑެއް ނަގައި ހަމަޖެހިލިއެވެ.

އޭގެފަހުންވެސް ސަލާހްގެ ދެ ހަމަލާއެއް ސިޓީ ކީޕަރު ޖިއާންލުއީޖީ ޑޮނަރޫމާ މަތަކުރި އިރު، ޑޮމިނިކް ޒޮބޮސްލާއީ ދުރުން ފޮނުވާލި ބާރު ހަމަލާވެސް މަތަކުރީ އޭނާއެވެ. އެހިސާބުން ލިވަޕޫލަށް ގޮތް ހުސްވެ، މާ ބޮޑު ތަފާތެއް ނުދެއްކި މެޗު ނިންމާލަން ޖެހުނީ ބަލިވެގެންނެވެ.

ސިޓީން މިރޭ މޮޅުވެ، ދެވަނައިގައި އޮތީ 11 މެޗުން 22 ޕޮއިންޓާއެކުގައެވެ. އެއްވަނައިގައި އޮތް އާސެނަލުން މިހަފުތާ ޕޮއިންޓް ގެއްލުވާލި އިރު، އެޓީމު އެއްވަނައިގައި އޮތީ 11 މެޗުން 26 ޕޮއިންޓާއެކުގައެވެ. ލިވަޕޫލް މިހާރު އޮތީ އަށް ވަނައިގައެވެ. އެއީ 11 މެޗުން 18 ޕޮއިންޓާއެކުގައެވެ.

ލިވަޕޫލުން އެންމެފަހުން ލީގުގައި ކުޅުނު ހަމެޗުގެ ތެރެއިން ފަސް މެޗުން ވަނީ ބަލިވެފައެވެ.