އޭއެފްސީ އޭޝިއަން ކަޕްގެ 17 އަހަރުން ދަށުގައި ވާދަކުރާ ފަލަސްތީނުގެ ގައުމީ ޓީމުން ރާއްޖޭގައި ކޭމްޕް ކުރުމަށް އެދިފައިވާ އެދުމަށް ރާއްޖެއިން ފުރުސަތު ފަހިކޮށްދީފައިވާތީ، އެ ޓީމު މާދަމާ ރާއްޖެ އައުމަށް ހަމަޖެހިއްޖެއެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭމްއެމް) އިން ނެރުނު ބަޔާނެއްގައި ބުނީ ފަލަސްތީނުގެ ޒުވާން ޓީމުގެ ތަމްރީނު ކޭމްޕަށް މާދަމާ ރާއްޖެ އަންނާނެ ކަމަސެވެ. އެ ކޭމްޕްގެ ތެރެއިން ރާއްޖޭގެ 17 އަހަރުން ދަށުގެ ޓީމާ ދެކޮޅަށް ފަލަސްތީނު ޓީމުން މެޗުތަކެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

އެގޮތުން ދެމެޗު އޮންނާނީ މިމަހުގެ 13 ވަނަ ދުވަހުގެ ރެއާއި 15 ވަނަ ދުވަހުގެ ރޭގައެވެ.

ފަލަސްތީނުގެ ގައްޒާއަށް، އިސްރޭލުން ދެމުންދާ ލާއިންސާނީ ހަމަލާތަކުގެ ސަބަބުން، އެގައުމުގެ ކުޅިވަރު ޓީމުތައް އާއްމުކޮށް ތަމްރީނުކުރަން ޖެހެނީ ގައުމުން ބޭރުގައެވެ. މިހާތަނަށް އިޒްރޭލުން ދިން ހަމަލާތަކުގައި ފަލަސްތީނުގެ އެތައް އެތުލީޓުންނެއްވެސް ޝަހީދުކޮށްލާފައިވާ އިރު، ފުޓުބޯޅަ ކުޅުންތެރިންވެސް އޭގެ ތެރޭގައި ހިމެނެއެވެ.

އެހާލަތުގައި ފަލަސްތީނުގެ ފުޓުބޯޅަ އޮތުމާއެކު މިފަަހަރުގެ ކޭމްޕުގެ ހުރިހާ ހަރަދެއް ބަލަހައްޓާނީ ރާއްޖޭގެ ސަރުކާރާއި އެފްއޭއެމް ގުޅިގެންނެވެ.

ޒުވާން ޓީމުން ކުޅޭ ދެމެޗު ބަލަން ވަނުމަށްވެސް އާއްމުންނަށް ހިލޭ ފުރުސަތު ހުޅުވާލާފައިވާ އިރު، އެ މެޗުތަކުން އެގައުމުގެ ފުޓުބޯޅައަށް އެހީވާން ސްވެނިއާ ޓިކެޓް ވިއްކަން ވަނީ ހަމަޖައްސައިފައެވެ.

އެއީ ވީވީއައިޕީ (ރޮސްޓްރޮމް) އިން ވިއްކާ 50 ޓިކެޓާއި ވީއައައިޕީ ގޮނޑިބަރިން ވިއްކާ 200 ޓިކެޓެވެ. ސްވެނިއާ ޕްލެޓިނަމް، ވީވީއައިޕީ ޓިކެޓެއްގެ އަގަކީ 1000 ރުފިޔާއެވެ. އަދި ގޯލްޑް ޓިކެޓް، ގޮނޑިބަރީ ޓިކެޓެއްގެ އަގަކީ 500 ރުފިޔާއެވެ.

ޓިކެޓް ވިއްކާނެ ތާރީހާއި ތަނެއް އެފްއޭއެމްއިން އަދި ހާމަކޮށްފައެއް ނުވެއެވެ.

ރާއްޖޭގެ ކޭމްޕަށްފަހު ފަލަސްތީނު ޓީމުން މެޗުތަކަށް އިންޑިއާއާށް ފުރާނީ މިމަހުގެ 19 ވަނަ ދުވަހުއެވެ.

ރާއްޖެއިންވެސް ކޮލިފިކޭޝަން ކުޅޭ އިރު، ރާއްޖެއިން މެޗުތައް ކުޅެން ޖެހޭނީ ތައިލެންޑްގައެވެ. ރާއްޖޭގެ މެޗުތައް އޮންނާނީ މިމަހު 22 އިން 30 އަށެވެ. ރާއްޖެ ވާދަކުރަން ޖެހެނީ ތައިލެންޑާއި ތުރުކެމެނިސްތާން، ކުވައިތުގެ އިތުރުން މޮންގޯލިއާއާ ދެކޮޅަށެވެ.