ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ކްލަބު އީގަލްސްއިން ކުޅުނު ހަތްވަނަ މެޗުގައި މިރޭ ޔުނައިޓެޑް ވިކްޓްރީ ބަލިކޮށްފިއެވެ.

ގައުމީ ދަނޑުގައި މިރޭ ކުޅުނު މެޗުގައި އީގަލްސްއިން ޔުނައިޓެޑް ވިކްޓްރީ ބަލިކުރީ 3-1 ގެ ނަތީޖާއަކުންނެވެ. އީގަލްސްއާ އާ ކޯޗު އަބްދުﷲ ހަނީފް (ބެންޖޯ) ހަވާލުވިފަހުން އެޓީމުން ކުޅުނު ހަތަރު މެޗުގެ ތެރެއިން ދެމެޗުން އެއްވަރުކޮށް، އަނެއް ދެމެޗުން މިވަނީ މޮޅުވެފައެވެ. އެއާއެކު އެޓީމު ތާވަލުގެ ހަތަރު ވަނައަށް ޖެހިލީ ހަތް މެޗުން ނުވަ ޕޮއިންޓާ އެކުގައެވެ.

ޗެރިޓީ ޝީލްޑްގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު ކައިރިން ބަލިވި މެޗަށްފަހު، ލީގުގެ ހަވަނަ ހަފުތާއަށް ހަމައަށް އީގަލްސްގެ ފޯމު ދަށްކޮށް ފެނުނު ނަމަވެސް، މިހާރު ވަނީ އެ ހާލަތު ބަދަލުކޮށްފައެވެ. ލީގުގެ އެއްވަނައިގައި މިވަގުތު މާޒިޔާ އޮތް އިރު، އެޓީމަށް ހަތް މެޗުން 21 ޕޮއިންޓް ލިބިފައިވެއެވެ. ދެވަނައިގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު އޮތީ ހަތް މެޗުން 17 ޕޮއިންޓާއެކުގައެވެ. ތިންވަނައިގައި އޮޑި ސްޕޯޓްސް ކްލަބު އޮތީ ހަތް މެޗުން 16 ޕޮއިންޓާއެކުގައެވެ.

މިރޭގެ މެޗުން ބަލިވެ، ޔުނައިޓެޑް ވިކްޓަރީ ލީގުގެ ހަތް ވަނައިގައި އޮތީ ހަތް މެޗުން ހަތަރު ޕޮއިންޓާ އެކުގައެވެ.

މިރޭ ކުޅުނު މެޗުގެ 25 ވަނަ މިނެޓުގައި އީގަލްސްއިން ލީޑު ނެގިއެވެ. އަރިމަތިން އަބްދުލްމަލިކް ނަގައިދިން ބޯޅަ، ބޮލުން ގޯލަށް ވައްދާލީ އިބްރާހީމް މަހުދީ ހުސައިން (ފޭދޫ އިއްބެ) އެވެ. އޭގެފަހުންވެސް ރަނގަޅަށް ކުޅެމުން ގޮސް، މެޗުގެ 36 ވަނަ މިނިޓްގައި އީގަލްސްގެ ދެވަނަ ގޯލް ފެނިގެން ދިޔައެވެ.

އެ ގޯލް ޖަހައިދިނީ ބިދޭސީ މިޑްފީލްޑަރު، އިބްރާހިމް ލެބޭއެވެ. އެ ގޯލަކީ ފޭދޫ އިއްބެ ދިން ބޯޅައެއް އޭރިއާ ތެރެއިން ކޮންޓްރޯލް ކުރުމަށްފަހު، ރަނގަޅު ތަނަށް ބޯޅަ ފޮނުވާލައިގެން އޭނާ ޖެހި ގޯލެކެވެ. ލެބޭ ވަނީ މިދިޔަ ހަފުތާގައި ކުޅުނު މެޗުގައިވެސް އީގަލްސްއަށް ގޯލް ޖަހައިދީފައެވެ.

ފުރަތަމަ ހާފު ނިމެން ދަނިކޮށް، އީގަލްސްގެ ތިން ވަަނަ ގޯލް ފެނިގެން ދިޔައެވެ. 43 ވަނަ މިނިޓްގައި އެ ޓީމުގެ ފުލްބެކް ޔޫސުފް ސިދާމް އަލީ (ސިއްކޮ) ޖެހި ގޯލަކީ އީގަލްސްގެ ކެޕްޓަން އަހުމަދު ރިޒްވާން (ރިޒޭ) ތަނަވަސްކޮށްދިން ފުރުސަތެއްގައެވެ.

ދެވަނަ ހާފަށް ނުކުމެ، ޔުނައިޓެޑް ވިކްޓްރީން ގޯލެއް ޖެހި ނަމަވެސް، އެޓީމަށް މެޗުގެ ނަތީޖާ އަނބުރާލެވޭ ގޮތެއް ނުވިއެވެ. ޔުނައިޓެޑް ވިކްޓްރީގެ ހަމައެކަނި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ ބަދަލަކަށް ނުކުތް، އިޝްއާފް މުހައްމަދު ފިރާގެވެ. އެ ގޯލް ޖަހައިދިނީ 67 ވަނަ މިނެޓުގައެވެ.

މި ހަފުތާގެ މެޗުތަކަށްފަހު ލީގު އަނެއްކާވެސް މެދުކަނޑާލާނެއެވެ. އެއީ އިންޓަނޭޝަނަލް ބްރޭކަށެވެ. މިފަހަރުގެ އިންޓަނޭޝަނަލް ބްރޭކް ކުރިން ދެން ލީގުގައި ކުޅޭނެ މެޗަކީ މާދަމާ ރޭ އޮންނަ މެޗެވެ. އެމެޗުގައި ބުރު ސްޕޯޓްސް ކްލަބު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.