ގަވާއިދާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ އުޅެނިކޮށް، އެމްއެންޑީއެފްގެ ޑްރޯންގެ އެހީގައި އިއްޔެ އަތުލައިގަތީ، ގިނަ އަދަދެއްގެ މަސްތުވާތަކެތި އުފުލަމުންދިޔަ ސްރީ ލަންކާގެ މަސްބޯޓެއް ކަމަށް ލަންކާގެ ނޫހެއްގައި ބުނެފިއެވެ.

ފުލުހުން އެކަން ކަށަވަރުކޮށްދިން ނަމަވެސް، އެކަމުގެ ތަފްސީލެއް އާންމެއް ނުކުރެއެވެ.

އެމްއެންޑީއެފުން އިއްޔެ ބުނެފައިވާ ގޮތުގައި، އެ ބޯޓު ފެނުނީ ބޭރުގެ ބޯޓެއް ގާނޫނާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހަރަކާތެރިވާކަން ފާހަގަކުރެވިގެން ސިފައިންގެ ވައިގެ ހިދުމަތް، އެއާ ކޯއިން ޑްރޯން ބޭނުންކޮށްގެން ހިންގި ސަވެއިލަންސް އޮޕަރޭޝަނެއްގައެވެ.

އެ އޮޕަރޭޝަންގައި އެ ބޯޓު ދިވެހި ސިފައިންގެ ބާރުގެ ދަށަސް ގެނެސްފައިވާ ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.

ލަންކާގެ ނޫހެއްގައި ރިޕޯޓުކޮށްފައިވާ ގޮތުގައި، ދިވެހި ސިފައިން އިއްޔެ އަތުލައިގަތީ 300 ކިލޯގެ ހެރޮއިން އާއި އައިސް (ކްރިސްޓަލް މެތު) ހިފައިގެން ދަތުރުކުރަމުން ދިޔަ ބޯޓެއްް ކަމަށެވެ. އަދި އެ ބޯޓުގައި ތިބި ލަންކާގެ ހަ މަސްވެރިޔަކު ވެސް އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ބުންޏެވެ.

ލަންކާގެ ކޯސްޓު ގާޑުންވެސް ވަނީ މި ފަހުން ޑްރަގް ބަރުކޮށްގެން ދިޔަ ބޯޓެއް އަތުލައިގެންފައެވެ. އެ ބޯޓުން 250 ކިލޯއަށްވުރެ ގިނަ ކްރިސްޓަލް މެތާއި 85 ކިލޯގެ ހެރޮއިން ފެނިފައިވެއެވެ. ލަންކާގެ ނޫސްތަކުން ރިޕޯޓު ކުރި ގޮތުގައި އެ ބޯޓު އަތުލައިގެންފައިވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ޑްރަގު ބަރުކޮށްގެން ލަންކާއަށް ދަނިކޮށެވެ. ނަމަވެސް ދިވެހި ފުލުހުން އެކަން ވަނީ ދޮގުކޮށްފައެވެ. އެ ބޯޓުންވެސް ޑްރަގާއެކު ލަންކާގެ ހަ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ލަންކާ ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.