ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ކްލަބު ގްރީން ސްޓްރީޓްސްއިން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު މަޑުޖައްސާލައިފިއެވެ.
ގައުމީ ދަނޑުގައި ކުޅުނު މެޗުގައި ގްރީނުން ފަހަތުން އަރައި ނިއުއާ އެއްވަރުކުރީ 2-2 ގެ ނަތީޖާއަކުންނެވެ. މެޗަށް ނުކުތް އިރު، ނިއުއަށް އޮތީ އެއްވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާ ފަރަގު ކުޑަކުރަން ފުރުސަތު ބޮޑުކޮށެވެ. އެހެން ނަމަވެސް، މިވަގުތު އެޓީމާ މާޒިޔާއާ ދެމެދު ހަތަރު ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ.
ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، މާޒިޔާ އެއްވަަނައިގައި އޮތީ ހަތް މެޗުން 21 ޕޮއިންޓް ހޯދައިގެންނެވެ. ނިއުއިން ހަތް މެޗުން 17 ޕޮއިންޓް ހޯދާފައިވާ އިރު، އެޓީމު އޮތީ ދެވަނައިގައެވެ. ތިންވަނައިގައި އޮތް އޮޑި ސްޕޯޓްސް ކްލަަބަށް ވަނީ ހަތް މެޗުން 16 ޕޮއިންޓް ލިބިފައެވެ.
ގްރީނަށް މިއަދުގެ މެޗުން ހޯދުނީ މުހިއްމު ޕޮއިންޓެކެވެ. މެޗަށް ނުކުތް އިރު، އެޓީމު ފުލުގައި އޮތް ނަމަވެސް، މިހާރު އޮތީ ނުވަ ވަނައިގައެވެ. މިހާތަނަށް ގްރީނުން ކުޅުނު ހަތް މެޗުން އެޓީމަށް ލިބިފައި ވަނީ ހަތަރު މެޗެވެ.
އެންމެފަހުން ކުޅުނު މެޗަށްފަހު ގްރީންގެ ކޯޗު އަލީ ނިސްތާރު ބުނީ ހާލަތު ގޯސް ނަމަވެސް އުންމީދު ކަނޑާނުލާނެ ކަމަށެވެ. އެ މަންޒަރު މިއަދުގެ މެޗުން ފެނުނުވެސް މެއެވެ.
މެޗު ފަށައިގެން 10 ވަނަ މިނެޓުގައި ނިއުއިން ލީޑު ނެގިއެވެ. އެ ގޯލް ޖަހައިދިނީ ހަސަން ރާއިފް އަހުމަދު (ހަންނަ) އެވެ. ހަންނަ އޭރިއާ ބޭރުން ފޮނުވާލި ބޯޅަ އަމާޒުކޮށްލީ ސީދާ ކަނަށެވެ.
އަނިޔާގެ މައްސަލަތަކެއްގައި އޮތް ގްރީންގެ ފެށުން ގޯހުން ގޯހަށް ދިޔައީ އޭގެ 10 ވަރަކަށް މިނެޓް ފަހުން ނިއުއިން ދެވަނަ ގޯލެއްވެސް ޖެހުމާއެކުގައެވެ. އޭރިއާ ތެރެއިން އަލީ ފާސިރު (ސެންޓޭ) ފޮނުވާލި ބޯޅަ ގްރީންގެ ކީޕަރު އަބްދުލް މަޖީދު ވިޝާން އަތުގައި ޖެހިފައި ނުކުތުމުން ރީބައުންސްގައި ގޯލަށް ވައްދާލީ ލުއިސް ގޮމޭޒް ޑަ ސިލްވާއެވެ.
މިއަދުގެ މެޗަށް ގްރީންގެ ކީޕަރަކަށް މަޖީދު ނުކުތީ ކުރިން ކުޅެމުންދިޔަ އަހުމަދު ރަމީޒް އަނިޔާގައި ހުރުމުންނެވެ.
ދެވަނަ ހާފު ފެށިގެން 53 ވަނަ މިނެޓުގައި ގްރީނުން ނަތީޖާގެ ފަރަގު ކުޑަކުރީ ގްރީނަށް ލިބުނު ޕެނަލްޓީއެއްގައެވެ. އޭރިއާ ތެރެއިން ޔޫޝައު ބިން އަލީ ނަޝީދު ބޯޅައާއެކު މަސައްކަތް ކުރުމުގެ ތެރޭގައި ފައުލް ކުރީ ނިއުގެ އިބްރާހީމް މައިސާނެވެ.
އެ ޕެނަލްޓީ ގޯލަށް ވައްދާލީ އަލްސައްޔިދު އަބްދުލްފާތިހު އަލްސައިއްޔިދު މަހުމޫދެވެ. އެ ގޯލާއެކު ހިތްވަރު އާކޮށްގެން ކުޅެމުންދިޔަ ގްރީނުން މެޗު އެއްވަރުކުރީ 88 ވަނަ މިނެޓުގައެވެ. އެޓީމުގެ ދެވަނަ ގޯލް ޖަހައިދިނީ ޝުކުރާލީ ޕުލާޓޯވް އެވެ.
ލީގުގައި މިރޭ އޮންނަ މެޗުގައި ވާދަކުރާނީ ކްލަބު އީގަލްސްއާއި ޔުނައިޓެޑް ވިކްޓްރީއެވެ.
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު