ފަހުވަގުތު އޮޑި ސްޕޯޓްސް ކްލަބުވެސް ބަލިކޮށް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން ލީގުގައި މޮޅުވުމުގެ ރެކޯޑު ދަމަހައްޓައިފިއެވެ.
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުގައި މާޒިޔާއިން އޮޑި ބަލިކުރީ 1-0 ގެ ނަތީޖާއަކުންނެވެ. ގައުމީ ދަނޑުގައި ކުޅުނު މެޗުގައި މާޒިޔާއިން ޖެހި ހަމައެކަނި ގޯލް ފެނުނީ އެންމެ ފަހު ވަގުތުގައެވެ.
މިހާތަނަށް ލީގުގައި ކުޅުނު ހަތް މެޗުންވެސް މޮޅުވެ، މާޒިޔާ އެއްވަނައިގައި އޮތީ 21 ޕޮއިންޓާއެކުގައެވެ. އޮޑި މިވަގުތު ދެވަނައިގައި އޮތީ ހަ މެޗުން 16 ޕޮއިންޓާއެކުގައެވެ. ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު ތިންވަނައިގައި އޮތީވެސް ހަ މެޗުން 16 ޕޮއިންޓާއެކުގައެވެ. މާދަމާ ނިއުއިން ކުޅޭ މެޗުން މޮޅުވެ، އެޓީމަށް ދެވަނައަށް އެރުމުގެ ފުރުސަތު މިހާރު އެބައޮތެވެ. މިރޭގެ ބައްޔަކީ އޮޑިއަށްވެސް ލީގުގައި ކުރިމަތިލާން ޖެހުނު ފުރަތަމަ ބައްޔެވެ.
ފުރަތަމަ ހާފުގައި ބޮޑަށް ނުރައްކާ ކުރީ މާޒިޔާއިންނެވެ. މިދިޔަ ހަތަރު އަހަރުގެ ޗެމްޕިއަން މާޒިޔާއިން ކުރިއަށް ޖެހި ހަމަލާތަކަށް މަސައްކަތް ކުރި އިރު، އޮޑިން ދިޔައީ އެޓީމު ހުއްޓުވުމުގައި ހިތްވަރުކުރަމުންނެވެ. ކުރީކޮޅުގައި ހަމްޒާ މުހައްމަދު (ހަމްޕު) ގެ ދެ ހަމަލާއެއް އޮޑީގެ ކީޕަރު މުހައްމަދު ޝަފީއު (ޗެކް) މަތަކުރި އިރު، ސާޖިއޯ މެންޑީއަށް އޭރިއާ ތެރެއިން ލިބުނު ބޯޅައިގައި އޭނާ ފޮނުވާލި ހަމަލާ ބޭރަށް ދިޔައީ ބްލޮކް ވެގެންނެވެ.
ފުރަތަމަ ހާފުގައި އޮޑީގެ މާ ބޮޑު ނުރައްކަލެއް ފެނިގެން ގޮސްފައެއް ނުވެއެވެ. ދެވަނަ ހާފު ފެށިގެން ކުރީކޮޅުގައި އެޓީމުން ކުޑަކޮށް ޕްރެސް ކޮށްލައިގެން ކުޅެފައިވާ އިރު، އިބްރާހީމް ވަހީދު ހަސަން (އިއްބެ) އޭރިއާ ބޭރުން ފޮނުވާލަން މަސައްކަތް ކުރި ބޯޅަ ގޯލާ އަމާޒުވާ ގޮތެއް ނުވިއެވެ.
އޭގެފަހުން މެޗުގެ 55 ވަނަ މިނެޓުގައި އޮޑީގެ ބިދޭސީ ފޯވަޑް، ކަރޮލިސް ލައުކްޒެމީސްއަށް އޭރިއާ ތެރެއިން ލިބުނު ބޯޅައިގައި އޭނާ ފޮނުވާލި ހަމަލާވެސް ވަނީ ބްލޮކްވެފައެވެ. އެއީ އޮޑިއަށް ލިބުނު ރަނގަޅު ފުރުސަތެކެވެ.
ފުރަތަމަ ހާފުގެ ކުރީކޮޅުގައި އޮޑިން ރަނގަޅު ޓެމްޕޯއެއްގައި ކުޅެ، މާޒިޔާގެ ފަހަތަށް ނުރައްކާވެސް ކުރިއެވެ. ހާއްސަކޮށް ނުރައްކާތެރި ހުރަސްތަކެއް އެޓީމުގެ ފަރާތުން ފެނިގެން ދިޔައެވެ.
އެހެން ނަމަވެސް މަޑުމަޑުން މާޒިޔާއިން ދިޔައީ އެޓީމުގެ އެޓޭކަށް މެޗު ފަހިކުރަމުންނެވެ. 68 ވަނަ މިނެޓުގައި ބިދޭސީ މިޑްފީލްޑަރު ރޭގަން އޮބޭންގް އަރިމަތިން ދުރުން ފޮނުވާލި ހަމަލާ ގޯލަށް އޮއްސެން ދަނިކޮށް، ޕަންޗުކޮށް ބޭރުކޮށްލީ އޮޑީގެ ކީޕަރު ޗެކެވެ. އެ ބޯޅައިގެ ރީބައުންސްގައި މެންޑީއަށް ލިބުނު ހުސް ފުރުސަތުގައި މެންޑީ ފޮނުވާލި ބޯޅަ ދިޔައީ މާ ބޮޑަށްވެސް މަތިން ބޭރަށެވެ.
ވަރުގަދަ ޑިފެންސިވް ކުޅުމަކާއެކު އޮޑިން މާޒިޔާ ހެފެހެއްޓުމާ ދިމާލަށް މެޗު ދަނިކޮށް، ފަހުވަގުތު މާޒިޔާގެ ނުރައްކާ ބޮޑުކުރިއެވެ.
މެޗު ނިމެން ދަނިކޮށް، 96 ވަނަ މިނެޓުގައި އޭރިއާ ތެރެއިން އޮޑީގެ ތިން ކުޅުންތެރިން ނައްޓާފައި ހަމްޕު ފޮނުވާލި ބޯޅަ ކީޕަރު ޝަފީއު އަތަށް ދިޔަ އިރު، އޭނާ ގޯލް ޖެހީ 97 ވަނަ މިނެޓުގައެވެ. މެދުތެރެއިން ޖައްސާލި ބޯޅައަށް ހަމްޕު ކުރިއަށް ހުސްވެ، ބޯޅަ ގޯލަށް ވައްދާލީ ކީޕަރުވެސް ނައްޓާލުމަށްފަހުއެވެ.
އެ ގޯލާއެކު މާޒިޔާގެ ބެންޗުންވެސް ވަރަށް ބޮޑަށް އުފާފާޅުކުރި އިރު، ހަމްޕުވެސް ވަނީ ޖާޒީ ބާލައިގެން ފޯރީގައި އުފާފާޅުކޮށްފައެވެ.
ލީގު މެޗުތައް މާދަމާއާއި މާދަމާ ރޭ އޮންނަ އިރު، މާދަމާ ހަވީރު ނިއު ރޭޑިއަންޓް ނުކުންނާނީ ކްލަބު ގްރީން ސްޓްރީޓްސްއާ ދެކޮޅަށެވެ.
މުޙައްމަދު ޝަމްޢޫން
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު