ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ކްލަބު ވެލެންސިއާއިން ވިކްޓްރީ ސްޕޯޓްސް ކްލަބު ބަލިކޮށްފިއެވެ.

ގައުމީ ދަނޑުގައި މިއަދު ކުޅުނު ވާދަވެރި މެޗުގައި ވެލެންސިއާއިން ވިކްޓްރީގެ މައްޗަށް ކުރިހޯދީ 1-0 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުންވެސް ފެނުނީ ދާދި ހަމަހަމަ ކުޅުމެކެވެ. ގޯލަށް އަމާޒުކޮށް އުފެއްދި ހަމަލާތައް މަދުކޮށް ފެނިފައިވާ އިރު، އޭރިއާ ތެރެއަށް ރަނގަޅު ބޯޅަތަކެއް ފޯރުކޮށްދެވޭތޯ ދެޓީމުގެ ފަރާތުންވެސް މަސައްކަތް ކުރިއެވެ. އެހެން ނަމަވެސް، ހާފު ފަހުކޮޅަށް ދަންދެން މެޗުގައި ނުރައްކާތެރި ހަމަލާއެއް ފެނިގެން ނުދިޔައެވެ.

ހާފު ނިމެން ދަނިކޮށް، ވިކްޓްރީ ވަނީ ގޯލަކާ ގާތަށް ޖެހިލައިފައެވެ. އެގޮތުން 38 ވަނަ މިނެޓުގައި އޭރިއާ ތެރެއިން އަލީ ނަސޫހު ރަޝީދު ފޮނުވާލި ބޯޅަ، ވެލެންސިއާ ކީޕަރު ވިއޮރެލް ބޮއިއަން މަތަކުރި އިރު، ރީބައުންސްގައި ވިކްޓްރީގެ ވްލަޑެމީރް އެވަންޓަން ފޮނުވާލި ބޯޅަވެސް ބޭރަށް ދިޔައީ ބްލޮކް ވެގެންނެވެ.

އޭގެފަހުން ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އެވަޓަން، އޭރިއާ ބޭރުން ފޮނުވާލި ހަމަލާވެސް ވެލެންސިއާ ކީޕަރު ބޮއިއަން މަތަކުރިއެވެ.

ދެވަނަ ހާފު ފެށިގެން ވެލެންސިއާއިން ކުރީކޮޅުގައި ރަނގަޅު އެޓޭކެއް އުފެއްދިއެވެ. އަރިމަތިން އެޓީމުގެ ބިދޭސީ ފޯވަޑް، އަބޫބަކާރް ސީލާ ކުރިއަށް ޖެހި އީތަން އިބްރާހީމް ޒަކީއަށް ޖައްސާލި ބޯޅަ، އޭނާ އޭރިއާ ބޭރުން ފޮނުވާލުމުން އަމާޒުވީ ވިކްޓްރި ކީޕަރު މަހުމޫދު އަލް ޔޫސުފްގެ އަތަށެވެ.

އޭގެ އިރުކޮޅެއްފަހުން ވިކްޓްރީއަށް އަނެއްކާވެސް ފުރުސަތެއް ލިބި ބޭކާރުވިއެވެ. އޭރިއާ ތެރެއިން އަހުމަދު ފިރާޝް ފޮނުވާލި ބޯޅަ ގޯލާ އަމާޒުވާ ގޮތެއް ނުވިއެވެ. އަދި އަނެއްކޮޅުން ވެލެންސިއާގެ އީތަންއަށް ލިބުނު ބޯޅަވެސް އޭނާއަށް ފޮނުވާލެވުނީ ހުރަސް ދަނޑިމަތިން ބޭރަށެވެ.

ވިކްޓްރީން ބޮޑަށް ނުރައްކާކޮށް ފެނިގެން ގޮސްފައިވާ އިރު، ބަދަލަކަށް އެރި އަހުމަދު ހަސަންގެ ބާރު ހަމަލާއެއް ވެލެންސިއާ ކީޕަރު ދިފާއުކޮށްފައިވެއެވެ.

އެ އޮއިވަރުގައި މެޗު ދަނިކޮށް، ވެލެންސިއާ މެޗުން މޮޅުވީ 79 ވަނަ މިނެޓުގައި އަހުމަދު އަތުވާން އަލީ ޖެހި ގޯލުންނެވެ. އަތުވާން ގޯލް ޖެހީ އީތަން ނަގައިދިން ހިލޭ ޖެހުމެއް ބޮލުން ގޯލަށް ވައްދާލައިގެންނެވެ.

އެ ގޯލަށް ފުރުސަތު ތަނަވަސްކޮށްދިން ވެލެންސިއާގެ ކެޕްޓަން އީތަންއަކީ އުމުރުން އެންމެ 16 އަހަރުގެ ކުޅުންތެރިއެކެވެ. އަދި ގޯލް ޖެހީ އަތުވާނަކީ އެންމެ 19 އަހަރުގެ ކުޅުންތެރިއެކެވެ.

ޒުވާން ސްކޮޑަކާއެކު މިފަހަރުގެ ލީގަށް ނުކުތް ވެލެންސިއާއިން ދެވަނަ މޮޅެއް ހޯދި އިރު، އެޓީމު މިހާތަނަށް ކުޅުނު ހަތް މެޗުން ހަތް ޕޮއިންޓް ހޯދާފައިވެއެވެ.

އެ ނަތީޖާއާއެކު ވެލެންސިއާ ވަނީ ހަވަނައަށް ޖެހިލައިފައެވެ. ވިކްޓްރީ ކުޅުނު ހަތް މެޗުން ނުވަ ޕޮއިންޓް ހޯދާފައިވާ އިރު، އެޓީމު އަދި އޮތީ ހަތަރު ވަނައިގައެވެ.

ލީގުގައި މިރޭ އޮންނަ މެޗުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ނުކުންނާނީ އޮޑި ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.