މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަންގާފައިވާ ގޮތާ ހިލާފަށް، ރިސޯޓުތަކުގައި ބޭނުންކޮށް އުކައިލާ ތެޔޮ ވިއްކަމުންދާކަމުގެ ތުހުމަތުގައި ހުޅުމާލެއިން ބިދޭސީންތަކެއް ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ބަންގުލަދޭޝަށް ނިސްބަތްވާ ހަތަރު މީހެއް ކަމަށްވާ އަލް އަމީން ބޮޔަޓި (37އ)، ދުލާލް މިއާހް (32އ)، މޮހަންމަދު ރަސެލް މިއާހް (34އ އަދި މަންވަރު ހޮސައިން (45އ) އެވެ.
އެ ހަތަރު މީހުން، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ކޮންޓެއިނާ ޖެޓީ ސަރަހައްދުގައި އޮތް ޑިންގީއަކުން ތެޔޮ ހަންތަކެއް ބާލައި ޕިކަޕަކަށް އަރުވަމުންދާކަމަށް ފުލުހުން މައުލޫމާތު ލިބުމުން ރޭ ދަންވަރު ހިންގި އޮޕަރޭޝަނެއްގައި އެ މީހުން ހައްޔަރުކުރީ ކަމަށް ފުލުހުން މިއަދު ބުންޏެވެ.
ފުލުހުން ބުނީ އެ ހަތަރު މީހުން ހައްޔަރުކޮށް ދޯންޏަކާއި ޑިންގީއަކާއި ޕިކަޕެއް ބަލައި ފާސްކުރި އިރު ރިސޯޓުތަކުގައި ބޭނުންކޮށްފައި ހުރި 46 ހަން ތެޔޮ ފެނުނު ކަމަށް ފުލުހުން ބުންޏެވެ.
އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރުތުކުރުމަށް ފަހު އެކަކު ދޫކޮށްލައި، ދެންތިބި ހަތަރު މީހުން ވެސް 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ދިހަ ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވަނީ އަލް އަމީން ބޮޔަޓި، ދުލާލް މިއާހް، މޮހަންމަދު ރަސެލް މިއާހް އަދި މަންވަރު ހޮސައިން ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.
މުހައްމަދު އިޝާން
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް