ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދު ބަންދުގައި ހުރީ ކޮންމެހެންވެސް ބަންދުކުރަން ޖެހޭތީކަމަށް މައްސަލަ ބައްލަވާ ގާޒީ އިބްރާހިމް އިހުސާން ވިދާޅުވެއްޖެއެވެ.
މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް، ބިދޭސީ މަސައްކަތްތެރީންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދާކަމުގެ ތުހުމަތުގައި ފުލުހުން ޝަމްއާން ހައްޔަރުކޮށްފައިވަނީ މިއަހަރުގެ މާޗު މަހުގެ 22 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. ޝަމްއާންގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަހަރުގެ މާޗު 23 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ ބަންދަށް 15 ދުވަސް ޖަހައިފައެވެ.
ޝަމްއާންގެ ފަރާތުން ބަންދުގެ މައްސަލަ ހައިކޯޓަށް ހުށަހެޅުމުން އެ ކޯޓުގެ ރަޖިސްޓްރާ އެ މައްސަލަ ބަލައިނުގަތުމަށް މިއަހަރުގެ މާޗް މަހުގެ 28 ގައި ނިންމި ނަމަވެސް ފަނޑިޔާރުންގެ މަޖިލީހަށް މައްސަލަ ހުށަހެޅުމުން ނިންމީ މައްސަލަ ބަލައިގަތުމަށެވެ. މައްސަލަ ބެލުމަށްފަހު ހައިކޯޓުންވެސް ނިންމީ ޝަމްއާން ޝަރީއަތް ނިމެންދެން ބަންދުކުރުމަށެވެ.
ޝަމްއާންގެ ފަރާތުން އެ ދެ އަމުރުވެސް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުގައި އެ މައްސަލައިގެ އަޑުއެހުންތައް ފަށާފައިވަނީ މިއަހަރުގެ ޖޫން މަހުގެ 15 ގައެވެ. ސުޕްރީމް ކޯޓުން އެ މައްސަލަ ބެލުމަށްފަހު މިއަހަރުގެ ޖޫން މަހުގެ 18 ވަނަ ދުވަހު ހުކުމްކުރީ ޝަރީއަތް ނިމެންދެން ޝަމްއާން ބަންދުކޮށްފައިވަނީ ރަނގަޅަށް ކަމަށެވެ.
ޝަމްއާންގެ މައްޗަށް ކުރާ ދައުވާތަކުގެ އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައިވަނީ މިއަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހުގައެވެ.
ކުރިމިނަލް ކޯޓުގައި މިއަދު ބޭއްވި މި މައްސަލައިގެ އަޑުއެހުމުގައި ޝަމްއާން ވަނީ އޭނާ ބަންދުގައި ހުރުމުން އެކަމުގެ ކަންބޮޑުން ފާޅުކޮށްފައެވެ. އެގޮތުން ޝަމްއާން ވިދާޅުވީ އޭނާއެކު ހައްޔަރުކުރި ހުރިހާ މީހުން ބަންދުން ދޫކޮށްލާފައިވާ ކަމަށާއި ބަންދުގައި މިވަގުތު ހުރީ އޭނާ އެކަނިކަމަށްވުމުން އެކަން ޝަރީއަތުގެ ސަމާލުކަމަށް ގެންނަން ބޭނުންވާ ކަމަށެވެ.
ނަމަވެސް ގާޒީ ވިދާޅުވީ "މި ވަގުތު ބަންދުގައި ހުންނަން ނުޖެހޭ މީހަކު ބަންދުގައި ނުހުންނާނެ. ކޮންމެހެން ބަންދުކުރަން ޖެހޭ ކަމަށް ފެނިގެން ބަންދުގައި ބަހައްޓާފައިވަނީ" ކަމަށެވެ.
ގާޒީ ވިދާޅުވީ ބަންދުގައި ތިބޭ މީހުން ޖެހޭނީ އެކަމަށް އޮންނަ އިޖުރާއަތުގެ ތެރެއިން ބަންދު މުރާޖާއާ ހުށަހަޅަން ކަމަށެވެ. އެގޮތަށް ހުށަހެޅުމުން ރިއާޔަތްކުރަންޖެހޭ ކަންކަމަށް ރިއާޔަތްކުރުމަށްފަހު ގޮތެއް ނިންމާނެ ކަމަށެވެ.
އެފަހުން ޝަމްއާންގެ ދިފާއީ ވަކީލު ނާޒްލީން ވިދާޅުވީ މީގެކުރިން ބޭއްވި އަޑުއެހުމުގައި ޝަރީއަތުން ވަނީ ދައުލަތަށް ޓާސްކެއް ދީފައި ކަމަށެވެ. ޝަމްއާންގެ ބަންދު މުރާޖާއާކުރަން ހުށަހަޅަން ބޭނުންވާތީ އެކަމުގެ އަޕްޑޭޓެއް ބޭނުންވާކަމަށް ނާޒްލީން ވިދާޅުވިއެވެ.
އެކަމާ ގުޅިގެން ގާޒީ ވިދާޅުވީ ޝަރީއަތުން ދައުލަތާ ހަވާލުކޮށްފައިވަނީ މި މައްސަލައިގެ ހެކިވެރިންނާ ޝަމްއާންއާ އޮތް ގުޅުމާއި އެ ހެކިވެރިންނަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު ބަޔާންކޮށް ސިޓީއެއް ހުށަހެޅުމަށް ކަމަށާއި އެ ސިޓީ ޝަރީއަތަށް ލިބިފައިވާ ކަމަށެވެ.
އެ ސިޓީ ދިފާއަށް ހިއްސާކުރަން ދައުލަތުގެ އިޒުނައަށް ގާޒީ އެދުމުން ދައުލަތުން ވިދާޅުވީ އެއީ ހަމައެކަނި ޝަރީއަތުގެ ބޭނުމަށް ހުށަހެޅި ލިޔުމެއް ކަމަށާއި ދިފާއަށް އެ ލިޔުން ހިއްސާ ކުރާނަމަ ބައެެއް މައުލޫމާތު އުނިކުރަން ޖެހޭނެ ކަމަށެވެ. އެހެންވެ ގާޒީ އެންގީ އަންނަ ހޯމަ ދުވަހުގެ ނިޔަލަށް އެ މައުލޫމާތު އުނިކުރުމަށްފަހު އަލުން ހުށަހެޅުމަށެވެ.
މުހައްމަދު އިޝާން
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް
ގޯތިވަގަށްވިއްކާ ބޭނުންކުރިމީހުންބަންދުނުކުރޭކީއްވެ
އިއްބެ - 7 މަސް ކުރިން