ވ. ފުލިދޫގައި ޓޫރިޒަމް ތަރައްގީކުރުމުގެ ގޮތުން އެރީނާ ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ ބިމުގެ އެއްބަސްވުން ޓޫރިޒަމް މިނިސްޓްރީން ބާތިލުކޮށްފައިވަނީ ރަނގަޅަށް ކަމަށް ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފިއެވެ.

ފުލިދޫގެ ދެކުނު ފަރާތުގައި އިރުވައިކޮޅު ތުނޑީ ސަރަހައްދުން ފަތުރުވެރިކަމުގެ މަސައްކަތްކުރުމަށް ކަނޑައެޅި 4،000 އަކަފޫޓުގެ ތިން ބިމެއްގެ ތެރެއިން ތިންވަނަ ބިން، ބީލަމުގެ އުސޫލުން އޭރީނާ ކުންފުނިން ވަނީ ކާމިޔާބުކޮށްފައެވެ. އެ ބިން ކުއްޔަށް ހިފުމުގެ ބީލަން ކާމިޔާބުކޮށް 2017 މެއި އެއްވަނަ ދުވަހު، ޓޫރިޒަމް މިނިސްޓްރީއާއި އެރީނާ މޯލްޑިވްސްއާ ދެމެދު ވަނީ އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

ނަމަވެސް، އެ ބިން ޓޫރިޒަމް މިނިސްޓްރީން ހަވާލުކޮށްފައިނުވާ ކަމަށާއި ބިމުގައި ގެސްޓްހައުސްއެއް ތަރައްގީކުރަން ބެލިއިރު، އެ ބިމުގެ ބޮޑު ބައެއް ގިރާލާފައިވާކަމަށް އެރީނާ ކުންފުނިން ބުންޏެވެ. އެހެންވެ ބިމުގެ އަކަފޫޓު ހަމަނުވާތީ، އަކަފޫޓު ހަމަކޮށްދިނުމަށް އެދުމުން، ޗާޓުގައި ހުރަހަށް އޮތް ބިން ރަށުގެ ދިގަށް ބަދަލުކުރުމަށްފަހުވެސް ޓޫރިޒަމް މިނިސްޓްރީން ބިން ހަވާލުކޮށްފައިނުވާ ކަމަށް އެރީނާ ކުންފުނިން ބުންޏެވެ.

ނަމަވެސް ޓޫރިޒަމް މިނިސްޓްރީން ވަނީ ބިމުގެ ކުލި ނަގައިފައި ކަމަށާއި އެ ބިމާ ގުޅިގެން ސީއެސްއާރުގެ ދަށުން ފުޓްބޯޅެއް ސްޓޭޑިއަމެއް ހަދާފައިވާނެ ކަމަށެވެ. އެހެންވެ އެއްބަސްވުމުގެ ދަށުން ކުލީގެ ގޮތުގައި ހޯދި ފައިސާއާއި ފުޓްބޯޅަ ސްޓޭޑިއަމް ހެދުމަށް ހަރުދުވި ފައިސާ، ފުޓްބޯޅަ ދަނޑު ހެދި ބިމުގައި ހުރި ރުއްގަހުގެ ބަދަލަށް ދެއްކި ފައިސާ އަނބުރާ ހޯދަން އެރީނާ ކުންފުނިން ވަނީ 2024 ޑިސެމްބަރު 25 ވަނަ ދުވަހު ސިވިލް ކޯޓުގައި ދައުވާކޮށްފައެވެ.

ދައުވާގައިވާ ގޮތުން އެރީނާ ކުންފުނިން އެ ބިން ކުއްޔަށް ހިފާފައިވަނީ 50 އަހަރަށެވެ. ބިމުގެ ކުލީގެ ގޮތުގައި ޓޫރިޒަމް މިނިސްޓްރީން ވަނީ 134،567.56 ރުފިޔާ ނަގައިފައި ކަމަށެވެ. އަދި ފުޓްބޯޅަ ސްޓޭޑިއަމެއް ހެދުމަށް 2،832،543.41 ރުފިޔާ އަދި ފުޓްބޯޅަ ދަނޑު ހެދި ބިމުގެ ރުއްގަހުގެ ބަދަލުގެ ގޮތުގައި 29،111.99 ރުފިޔާ ހަރަދުވިކަމަށް އެރީނާ ކުންފުނިން ދައުވާގައި ބަޔާންކޮށްފައިވެއެވެ. އެއީ ޖުމުލަ 2،996،222.96 ރުފިޔާއެވެ.

ދައުވާގެ ދިފާއުގައި ޓޫރިޒަމް މިނިސްޓްރީން ބުނެފައިވަނީ އެއްބަސްވުން ބާތިލުކުރީ އެއްބަސްވުމުގައި ބަޔާންކުރާ ގޮތަށް 10 މަސް ދުވަހުގެ ތެރޭގައި އެރީނާ ކުންފުނިން ގެސްޓްހައުސް ތަރައްގީކޮށްފައިނުވާތީ ކަމަށެވެ. އަދި ތިންމަސް ދުވަހުގެ ތެރޭގައި ސީއެސްއާރް މަޝްރޫއުގެ ދަށުން އެރީނާ ކުންފުނިން ހަދަންޖެހޭ ފުޓްބޯޅަ ސްޓޭޑިއަމްގެ މަސައްކަތް ނިމިފައިނުވާތީކަމަށް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.

އެއްބަސްވުމުގެ 21 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ ގެސްޓްހައުސް ތަރައްގީކުރުމަށް ދީފައިވާ މުއްދަތުގެ ތެރޭގައި ތަރައްގީކޮށްފައިނުވާނަމަ އެ މާއްދާގެ (ސީ)ގެ ދަށުން އެއްބަސްވުން ބާތިލުކުރެވޭނެ ކަމަށެވެ. އަދި ސީއެސްއާރް މަޝްރޫއުތައް އެއްބަސްވުމާ އެއްގޮތަށް ކުރިއަށް ގެންގޮސްފައިނުވާނަމަ އެ މާއްދާގެ (އެފް)ގެ ދަށުން ބާތިލުކުރެވޭނެ ކަމަށާއި އެއްބަސްބުން ބާތިލުކޮށްފައިވަނީ 21 ވަަނަ މާއްދާގެ ދަށުންކަމަށް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.

އަދި ބުނީ ގެއްލުމުގެ ބަދަލު ދޭން ޖެހޭނީ، އެއްބަސްވުމާ ހިލާފަށް އަމަލުކުރާ ހާލަތްތަކުގައި ކަމަށާއި އެރީނާ ކުންފުންޏާއެކު ވެފައިވާ އެއްބަސްވުން ބާތިލުކޮށްފައިވަނީ އެއްބަސްވުމާ އެއްގޮތަށް ކަމަށްވާތީ ގެއްލުމުގެ ބަދަލުދޭން ނުޖެހޭނެކަމަށް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.

މި މައްސަލައިގައި ދެ ފަރާތުން ދެއްކި ވާހަކަތައް އަޑުއެހުމަށްފަހު މައްސަލަ ބެއްލެވި ގާޒީ އަހުމަދު އަބްދުލްމަތީން މައްސަލައިގެ ރައުޔުގައި ވިދާޅުވީ ވަކިކަމެއް ވުޖޫދުގައިވާކަން ނުވަތަ ނޫންކަން ސާބިތުކުރަން ލާޒިމުވާ ހާލަތުގައި، އެކަމެއް ސާބިތުކުރުމުގެ ޒިންމާ އޮންނާނީ އެކަމެއް ވޫޖުދުގައިވާކަން ނުވަތަ ނޫންކަން ބުނާ ފަރާތުން ކަމަށެވެ.

މި މައްސަލައިގައި ދައުވާކުރާ ފަރާތުގެ މައިގަނޑު ބަހުސްއަކީ ބިން ހަވާލުނުކުރުން ކަމަށެވެ. ގާޒީ ވިދާޅުވީ އެއްބަސްވުމުގެ ދަށުން ހަވާކުރެވޭ ބިމަކީ ކަނޑައެޅިގެން ކޮން ބިމެއްކަން ބަޔާންކޮށްދެވޭނެ އެއްގޮތަކީ އެ ބިމުގެ މިންތައް އެނގޭގޮތަށް ކަންމުޑިޖަހައި ފާހަގަކޮށްދިނުން ކަމަށެވެ. ދެވަނަ ގޮތަކީ ކަންމުޑި ޖަހައިގެން ވަކި ނުކުރިޔަސް، ބިން އޮތްގޮތުން، ކުއްޔަށް ދިން ބިމުގެ މިންތަކާއެކު ފާހަގަކުރެވެން އޮތުން ކަމަށެވެ. ބިން ވަކިން ހަވާލު ނުކުރިނަމަވެސް ކުއްޔަށް ދިން ބިމަކީ ކޮށް ބިމެއްކަން ކަނޑައެޅިގެން ބަޔާންކޮށްފައި ނެތްނަމަ އިމާރަތް ނުކުރެވޭނެކަން ސާބިތުކުރުމަކީ ދައުވާކުރާ ފަރާތުގެ ޒިންމާއެއްކަމަށް ގާޒީ ވިދާޅުވިއެވެ. ކުއްޔަށް ދިން ބިމުގައި ކަންމުޑި އަޅައި ވަކިން ކުރަން ޖެހޭނަމަ އެކަމާއި، އިމާރަތް ނުކުރެވުނީ އެކަމުގެ ސަބަބުންކަން ދައުވާކުރާ ފަރާތުން ސާބިތުކޮށްދޭން ޖެހޭނެކަމަށް ގާޒީ ވިދާޅުވިއެވެ. ނަމަވެސް ދައުވާކުރާ ފަރާތަށް އެކަން ސާބިތުކޮށްދެވިފައިނުވާ ކަމަށް ގާޒީ ވިދާޅުވިއެވެ.

ސީއެސްއާރް ޒިންމާގެ ދަށުން ފުޓްބޯޅަ ދަނޑުގެ މަސައްކަތް އެއްބަސްވުމާ އެއްގޮތަށް ދައުވާކުރާ ފަރާތުން ނިންމުން ލާޒިމުކަމަށް ގާޒީ ވިދާޅުވިއެވެ. ފުޓްބޯޅަ ދަނޑުގެ ސައިޒު ހަމަނުވެގެން އެކަން ފުރިހަމަކުރަން ދިޔަ މުއްދަތު ކެނޑުމަށްފަހުވެސް، އެއްބަސްވުމާ އެއްގޮތަށް ފުޓްބޯޅަ ދަނޑުގެ މަސައްކަތް ނިންމިކަން ސާބިތުކުރުމަކީ ދައުވާކުރާ ފަރާތުގެ ޒިންމާއެއްކަމަށް ގާޒީ ވިދާޅުވިއެވެ. އެކަން އެފަދައިން ސާބިތުކޮށްފިނަމަ، އެއްބަސްވުން އުވާލައި، ދައުވާލިބޭ ފަރާތުގެ ނޯޓިހުގައި، މުއްދަތަށް ފުޓްބޯޅަ ދަނޑުގެ މަސައްކަތް ނުނިންމާކަން ބުނެފައިވާ ބުނުން އެ ނޫން ގޮތަކަށް އޮތްކަން ސާބިތުވާނެކަމަށް ގާޒީ ވިދާޅުވިއެވެ. ދައުވާކުރާ ފަރާތުން އެކަން ސާބިތުކޮށްދީފައިނުވާކަމަށް ގާޒީ ވިދާޅުވިއެވެ.

އެއްބަސްވުމާ އެއްގޮތަށް ކުލި ދެއްކިކަން ސާބިތުކޮށްދިނުމަކީ ދައުވާކުރާ ފަރާތުގެ ޒިންމާއެއް ކަމަށާއި ދައުވާކުރާ ފަރާތަށް، ދައުވާލިބޭ ފަރާތަށް ފޮނުވި ނޯޓިހުގައި ކުލި ނުދައްކާކަމަށް ބުނެފައިވީ ނަމަވެސް، އެއީ އެކަން ހިނގިގޮތް ނޫންކަން ސާބިތުކޮށްދޭން ދައުވާކުރާ ފަރާތުން މަސައްކަތް ކޮށްފައިނުވާ ކަމަށް ގާޒީ ވިދާޅުވިއެވެ.

އެއްބަސްވުމުގައި ދެ ފަރާތުން އަދާކުރަންޖެހޭ ޒިންމާތައް ހުންނާނެ ކަމަށާއި އެފަދަ ޒިންމާތައް އަދާނުކުރެވިގެން އެއްބަސްވުން ބާތިލުކުރާ ހާލަތްތަކުގައި، ކޮށްފައިވާ މަސައްކަތެއްގެ އަގެއް ނުވަތަ ކަމެއްގެ ބަދަލު ދެވޭނީ ކޮށްފައިވާ މަސައްކަތް އަނެއް ފަރާތުން ބަލައިގަނެފައިވާނަމަ ކަމަށް ގާޒީ ވިދާޅުވިއެވެ. ނުވަތަ އެފަދައިން ވަކިބަޔަކަށް ފައިސާ ދައްކަން ޖެހޭގޮތަށް އެއްބަސްވުމުގައި ބަޔާންކޮށްފައިވުމުން ކަމަށް ގާޒީ ވިދާޅުވިއެވެ.

އެކަންކަން ފާހަގަކުރެއްވުމަށްފަހު މި މައްސަލައިގައި ކުރެއްވި ހުކުމުގައި ގާޒީ ވިދާޅުވީ އެރީނާ ކުންފުނިން، ޓޫރިޒަމް މިނިސްޓްރީގެ މައްޗަށް ހުށަހަޅާފައިވާ ދައުވާގައި ފާހަގަކުރެވުނު ކަންކަމަށް ބަލައި، މި ދައުވާގައި ހޯދުމަށް އެދިފައިވާ ފަރުވާތައް ނަގައިދެވެން ނެތްކަމަށް ކަނޑައަޅާ ކަމަށެވެ.