ޕޯޗުގަލްގެ ކެޕްޓަން، އަލް ނަސްރުގެ ފޯވަޑް ކްރިސްޓިއާނޯ ރޮނާލްޑޯ އަނެއްކާވެސް އޭނާގެ ގާތް އެކުވެރިޔާ، ޓީވީ ހޯސްޓް ޕިއާސް މޯގަންއަށް ވަރުގަދަ އިންޓަވިއުއެއް ދީފިއެވެ.

މީގެ ކުރިން ރޮނާލްޑޯ ޕިއާސް މޯގަންއަށް އެކްސްކްލޫސިވް އިންޓަވިއުއެއް ދީފައި ވަނީ 2022 ވަނަ އަހަރުއެވެ. އެފަހަރު އޭރުގެ ކްލަބު މެންޗެސްޓާ ޔުނައިޓެޑަށް ވަރުގަދައަށް ފާޑު ކިޔައި، އޭނާ ވަނީ އެ ކްލަބު ދޫކޮށްލައިފައެވެ. އޭގެފަހުން ސައުދީ އަރަބިއާގެ އަލް ނަސްރަށް ކުޅެމުންދާ ރޮނާލްޑޯ މިފަހަރުވެސް ޕިއާސް މޯގަންއަށް ދީފައިވާ އިންޓަވިއުއަކީ އޭނާގެ "ޕިއާސް މޯގަން އަންސެންސާޑް"އަށް ދީފައިވާ އިންޓަވިއު އެކެވެ.

ރޮނާލްޑޯގެ އިންޓަވިއުގައި ތަފާތު ވާހަކަތަކެއް ދައްކާފައިވާ އިރު، މިފަހަރުވެސް އޭނާ ބުނީ މެސީއަކީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް ގަބޫލުނުކުރާ ކަމަށާއި، އެންމެ މޮޅު ކުޅުންތެރިޔަކީ އޭނާ ކަމަށެވެ.

"މެސީއަކީ ދުނިޔެ ދުށް އެންމެ މޮޅު ކުޅުންތެރިޔާ ކަމަކަށް އަހަރެން ގަބޫލެއް ނުކުރަން. އަހަރެން އެކަމުގައި ހިތްތިރިވެގެން ޖަވާބު ދޭކަށް ބޭނުމެއް ނޫން. އަހަރެން އެ ވާހަކައާ ސީދާ ދެކޮޅު،" ރޮނާލްޑޯ ބުންޏެވެ.

އެކަމަށް ވާހަކަ ދައްކަމުން މެސީގެ ވޯލްޑް ކަޕް ކާމިޔާބީއަށްވެސް ރޮނާލްޑޯ ވަނީ ނުސީދާ ގޮތެއްގައި ފާޑު ކިޔައިފައެވެ. އޭނާ ބުނީ ވޯލްޑް ކަޕަކީ އެންމެ ހަތް މެޗުގެ މުބާރާތެއް ކަމަށާއި، އެ މުބާރާތަކީ ތާރީހު ދުށް އެންމެ މޮޅު ކުޅުންތެރިޔާ ކަނޑައަޅަން އެކަށޭނެ "އިންސާފުވެރި" މުބާރާތެއް ނޫން ކަމަށެވެ.

ރޮނާލްޑޯ އިތުރަށް ބުނީ ވޯލްޑް ކަޕް ހޯދުމަކީ މިހާރު އޭނާގެ ހުވަފެނެއް ނޫން ކަމަށެވެ.

ޔުނައިޓެޑް ރަނގަޅެއް ނުވާނެ، އާސެނަލަށް ލީގު ހޯދޭނެ ކަމަށް ގަބޫލުކުރެވޭ

ރޮނާލްޑޯ އިތުރަށް ވާހަކަ ދައްކަމުން ބުނީ ޔުނައިޓެޑްގެ ހާލަތު އަދިވެސް އޮތީ ރަނގަޅަށް ނޫން ކަމަށާއި، އެ ކްލަބުގެ އޮނިގަނޑު އޮތީ ފެއިލްވެފައި ކަމަށެވެ. އަދި ބައެއް ކުޅުންތެރިންނަށް ޔުނައިޓެޑް ޖާޒީގެ އަގު ނޭނގޭ ކަމަށްވެސް ރޮނާލްޑޯ ބުންޏެވެ.

ރޮނާލްޑޯ ބުނީ މިހާރުގެ ކޯޗު ރުބެން އަމޯރިމް ކުރަމުންދާ މަސައްކަތަކީ އޭނާއަށް ވީވަރެއް ކުރުން ނަމަވެސް، ލީގު ލިބެން އަދި ގާތްވެސް ނެތް ކަމަށެވެ. އެއާ ހިލާފަށް އާސެނަލަށް ލީގު ހޯދޭނެ ކަމަށް ގަބޫލުކުރާ ކަމަށް ރޮނާލްޑޯ ބުންޏެވެ.

ރޮނާލްޑޯ ބުނީ އާސެނަލަކީ އޭނާ ގަޔާވާ ކްލަބެއް ކަމަށާއި، ކުރިން އެ ކްލަބަށް ދިޔުމާ ގާތަށް ޖެހިލި ކަމަށެވެ.

ރޮނާލްޑޯގެ އިންޓަވިއުގައި އަމިއްލަ ދިރިއުޅުމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ބުނީ އަންނަ އަހަރުގެ ވޯލްޑް ކަޕަށްފަހު ކައިވެނި ކުރަން ތައްޔާރު ކަމަށެވެ. އަދި ބިލިއަނަރަކަށްވި ހަބަރާ ގުޅޭ ގޮތުން އޭނާ ބުނީ، "މިދިޔަ އަހަރުވެސް އަހަންނަކީ ބިލިއަނަރެއް،" ކަމަށެވެ. އަދި ފައިސާއަކީ އަބަދުވެސް މުހިއްމު އެއްޗެއް ކަމަށާއި، މިހާރު ގާތްގަނޑަކަށް 41 ކާރު ގަނެވިފައިވާނެ ކަމަށްވެސް ފާހަގަކުރިއެވެ.

ކާރުތައް ގަންނަނީ ދުއްވަން ނޫން ކަމަށާއި، އެއީ "ކަލެކްޝަނެއް" ހެދުމަށް ކުރާ ކަމެއް ކަމަށް ރޮނާލްޑޯ ބުނި އިރު، އޭނާ ބުނީ އެންމެ އަގުބޮޑުކޮށް މިހާތަނަށް ގަނެފައި ވާނީ އަމިއްލަ ޖެޓް ކަމަށެވެ.