ސްރީ ލަންކާއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި ކަނޑު މަގުން އެތެރެކުރަނިކޮށް އަތުލައިގަތް އެ ގައުމުގެ ބޯޓަށް މަސްތުވާތަކެތި އަރުވާފައިވަނީ ރާއްޖެއިން ނޫންކަމަށް ފުލުހުން ބުނެފިއެވެ.
ސްރީ ލަންކާގެ ނޫހެއް ކަމުގައިވާ "ނިއުސް ފަސްޓް" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އަތުލައިގެންފައިވަނީ "ސީދޭވީ" ނަމަކަށް ކިޔާ މަސް ބޯޓެކެވެ. އެ ބޯޓު ރާއްޖޭގެ ސަރަަހައްދަށް ވަދެ، ޑްރަގް ޝިޕްމަންޓް ނަގާފައިވާ ކަމަށް ތަހުގީގަށް އެނގިފައިވާ ކަމަށާއި އެ ބޯޓު ދަތުރުކުރި އިރު، މަސްވެރިކަމުގެ އެއްވެސް ހަރަކާތެއްގައި ބައިވެރިވެފައިނުވާ ކަމަށް އެ ނޫހުގައި ރިޕޯޓުކޮށްފައިވެއެވެ.
ލަންކާގެ ފުލުހުންނާ ހަވާލާދީ އެ ނޫހުގައި ބުނެފައިވާ ގޮތުގައި، އެ ބޯޓަކީ، ބޯޓުގެ ވެރިފަރާތުން މަސްބާނަން އޭނާގެ ބޭބެއަށް ދީފައިވާ ބޯޓެކެވެ. ނަމަވެސް ސުވާލު ކުރުމުން އޭނާއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަން ނޭނގޭ ކަމަށް ބުނެފައިވާ ކަމަށް ރިޕޯޓުކޮށްފައިވެއެވެ. އެ ބޯޓުން 269 ކިލޯގެ ކްރިސްޓަލް މެތަފެޓަމިން އައިސް (މެތު) އާއި 85 ކިލޯގެ ހެރޮއިން ފެނިފައިވާ ކަމަށް ލަންކާގެ ފުލުހުން ބުނެފައިވެއެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ފަސް ބިލިއަން އިންޑިއަން ރުުޕީސް (56 މިލިއަން ޑޮލަރު) އަށް އަގުއަރާ މަސްތުވާތަކެތީގެ ބޮޑު ޝިޕްމެންޓެއް ނަގައިގެން ސްރީ ލަންކާއަށް ދިޔަ މަސްބޯޓެއް އެ ގައުމުގެ ހުޅަނގު އައްސޭރިން އިއްޔެ އަތުލައިގެންފައެވެ.
ނަމަވެސް ދިވެހި ފުލުހުން މިއަދު ބުނީ އެ ބޯޓަށް މަސްތުވާތަކެތި އަރުވާފައިވަނީ ރާއްޖެއިންތޯ ލަންކާގެ ކަމާބެހޭ ފަރާތްތަކުން މައުލޫމާތު ސާފުކުރުމުން އެއީ ރާއްޖެއިން އަރުވާފައިވާ މަސްތުވާތަކެތި ނޫންކަމަށް ލަންކާގެ ކަމާބެހޭ އިދާރާތަކުން މައުލޫމާތު ދިން ކަމަށެވެ.
"ޝްރީލަންކާގެ ރަސްމީ އިދާރާތަކުން ވަނީ، 355 ކިލޯގެ މަސްތުވާތަކެއްޗާއެކު އަތުލައިގަތް ބޯޓަކީ، ރާއްޖޭގެ ސަރަހައްދުން މަސްތުވާތަކެތި ބަރުކުރި ބޯޓެއް ނޫންކަން ދިވެހި ފުލުހުންގެ ހިދުމަތަށް ކަށަވަރު ކޮށްދީފަ" ފުލުހުން ބުންޏެވެ.
އަތުލައިގަނެވުނު މަސްތުވާތަކެއްޗާއެކު ހަ މީހަކު ހައްޔަރުކޮށްފައިވާ އިރު، ކޮލަމްބޯގެ ޗީފް މެޖިސްޓްރޭޓް ކޯޓުން ވަނީ މި މަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް އެ މީހުން ބަންދުކޮށްފައެވެ. އަދި ބޯޓުގެ ވެރިފަރާތްވެސް ވަނީ ހައްޔަރުކޮށް ހަތް ދުވަހަށް ބަންދުކޮށްފައެވެ.
ލަންކާގެ ފުލުހުން ތުހުމަތުކުރާ ގޮތުގައި މަސްތުވާތަކެތީގެ ޝިޕްމަންޓުގެ މާސްޓަމައިންޑަކީ، ދުބާއީގައި ދިރިއުޅޭ "ދިނުކާ" ނަމަކަށް ކިޔާ މީހެކެވެ.
ލަންކާ ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ބޯޓުގެ ވެރިފަރާތް ހަތް ދުވަހުގެ މުއްދަތަށް ހިފަހައްޓައި ސުވާލުކުރަމުން އަންނަ ކަމަށެވެ.
މުހައްމަދު އިޝާން
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް