ޕޮލިސް ލައިންއަޕް ހަދައިގެން ކުށްކުރި މީހާ ދެނެގަނެވޭނެ އުސޭލެއް ހަދަން ހެއްކާބެހޭ ގާނޫނަށް އިސްލާހު ހުށަހަޅައިފައެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މި އިސްލާހު ހުށަހަޅުއްވާފައިވަނީ ބިލެތްދޫ ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު އަސްލަމެވެ. އޭނާ ހުށަހެޅުއްވި އިސްލާހުގައިވަނީ ހެއްކާބެހޭ ގާނޫނުގައި އިތުރު ބާބެއް ހިމެނުމަށް ހުށަހަޅުއްވައިފައެވެ.

އިސްލާހުގައިވާ ގޮތުން އެ ބާބަށް ކިޔަނީ "ކާކުކަން އަންގައިދޭ ހެކި" އެވެ. އެ ބާބުގައި ބަޔާންކޮށްފައިވަނީ ހަތަރު ބާވަތެއްގެ ހެކި ޝަރީއަތަށް ގަބޫލުކުރެވޭނެ ކަމަށެވެ.

އެ ހަތަރު ބާވަތުގެ ހެއްކަކީ، ޕޮލިސް ލައިންއަޕް ހަދައިގެން ހޯދާ ހެކި، ފޮޓޯ ލައިންއަޕް ހަދައިގެން ހޯދާ ހެކި، ވިޑީއޯ ރިކޯޑިން ދައްކައިގެން ހޯދާ ހެކި އަދި އޯޑިއޯ ރިކޯޑިން ދައްކައިގެން ހޯދި ހެކިއެވެ.

އިސްލާހުގައި ބަޔާންކޮށްފައިވަނީ ޖިނާއި ކުށެއް ކުރި މީހަކު ދެނެގަތުމަށް އެ ހަތަރު ބާވަތުގެ ހެކި ބޭނުން ކުރެވިދާނެ ކަމަށެވެ. އަދި ވަކި ކުށެއް ކުރީ ވަކި މީހަކު ކަމަަށް ބަޔާންކޮށް ހެކިބަސް ދިން ފަރާތެއް ދިން ހެކިބަހުގައި ފާހަގަކޮށްފައިވާ ފަރާތެއް ދެނެގަތުމަށްވެސް އެ ހަތަރު ބާވަތުގެ ހެކި ބޭނުން ކުރެވިދާނެ ކަމަށެވެ.

ލައިން އަޕް މެދުވެރިކޮށް ހޯދާ ކާކުކަން އަންގައިދޭ ހެކި ޝަރީއަތަށް ބަލައިގަނެވޭނެ ހާލަތްތަކެއްވަނީ އިސްލާހުގައި ބަޔާންކޮށްފައެވެ. އެގޮތުން ހެކިބަސް ދޭ މީހާ ކުށް ކުރި ކަމަށް ބެލެވޭ މީހާ ފާހަގަކޮށްފައިވަނީ ވަކި ފަރާތެއް ފާހަގަކުރުމަށް މަގުފަހިވާ ގޮތަށް ގަސްދުގައި އެއްވެސް ނުފޫޒެއް ފޯރުވުމެއް ނެތި ކަމަށް އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.

  • ވަކި ކުށެއް ކުރީ ވަކި މީހަކު ކަމުގައި ހެކިބަސް ދޭ މީހާ ދިން ހެކިބަހުން ފާހަގަކުރާ ފަރާތެއް ހެކިބަސް ދޭ މީހާ ދެނެގަނެފައިވަނީ ސީދާ އެ ފަރާތެއް ހިމަނައިގެން ހަދާފައިވާ ޕޮލިސް ލައިންއަޕެއް މެދުވެރިކޮށް ކަމަށްވުން
  • ޕޮލިސް ލައިންއަޕެއް ހެދުމަކީ އެކަށީގެންވާ ކަމެއް ކަމުގައިވުން
  • ޕޮލިސް ލައިންއަޕެއްގައި ބައިވެރިވުމަށް ކުށުގެ ތުހުމަތު ކުރެވޭ މީހާ ނުވަތަ ހެކިބަސް ދޭ މީހާ ދިން ހެކިބަހުން ފާހަގަކޮށްފައިވާ ފަރާތެއް އިންކާރުކޮށްފައި ނުވުން.

އެއްވެސް މީހެއްގެ ޕޮލިސް ލައިންއަޕް ހެދުމަކީ ތުހުމަތު ކުރެވޭ ފަރާތް ނުވަތަ ދައުވާ ލިބޭ ފަރާތާ މެދު އިންސާފު ގާއިމު ކުރުމުގެ ގޮތުން ކުރުމަށް އެދެވިގެންވާ ކަމެއް ކަމަށް ނުވާނަމަ، އެކަން ޝަރީއަތުން ބަލައިގަނެގެން ނުވާނެކަމަށް އިސްލާހުގައިވަނީ ބަޔާންކޮށްފައެވެ. އިސްލާހުގައި ބަޔާންކޮށްފައިވާ ގޮތުން ޕޮލިސް ލައިންއަޕެއް ހެދުމަކީ އެކަށީގެންވާ ކަމެއް ކަން ޝަރީއަތުން ބެލުމުގައި ކުށުގެ ބާވަތާއި ކުޑަބޮޑުމިނަށް އަދި ހެކީގެ މުހިންމު ކަމަށް ޝަރީއަތުން ރިއާޔަތް ކުރަން ޖެހެއެވެ.

ހެއްކާބެހޭ ގާނޫނަށް ހުށަހެޅި އިސްލާހުގައި ޕޮލިސް ލައިންއަޕްގެ ބަދަލުގައި ފޮޓޯ ލައިންއަފް ބޭނުންކޮށްގެން ކުށުގެ ތުހުމަތުވާ މީހާ ދެނެގަތުމަށް ބޭނުންވާނެ އުސޫލުތައްވެސް ވަނީ ހިމަނައިފައެވެ.

ޕޮލިސް ލައިންއަޕް

ޕޮލިސް ލައިންއަޕް އަކީ ކުށެއް ކުރިކަމަށް ތުހުމަތުކުރެވޭ މީހަކު ދެނެގަތުމަށް ހެކިވެރިންނަށް ނުވަތަ މައްސަލަ ހުށަހެޅި މީހުންނަށް އެހީތެރިވުމަށް ފުލުހުން ބޭނުންކުރާ އިންވެސްޓިގޭޝަން މެތަޑެކެެވެ. މިއީ ހެކިވެރިޔާ ނުވަތަ މައްސަލަ ހުށަހެޅި ފަރާތުގެ ހަނދާނުގެ ސައްހަކަން ޓެސްޓުކުރުމަށް ބަޔަކު މީހުން ދައްކައި، ކުށްވެރިޔާ ދެނެގަނެވޭތޯ ބެލުމުގެ ގޮތުން ކުރާ ކަމެކެވެ.

ޕޮލިސް ލައިންއަޕްގައި ހިމެނެނީ ތުހުމަތުކުރެވޭ މީހާއާއި އޭނާއާ އެއްވައްތަރު ސިފަތަކެއް ހުންނަ އެހެން ފިލާސް ނުވަތަ މީހުންނެވެ. މިސާލަކަށް އުސްމިން، އުމުރު، އަދި ހެދުން ފަދަ ކަންކަމުގައި އެއްގޮތްކަން ހުރި މީހުންނެވެ.

ލައިވް ޕޮލިސް ލައިންއަޕެއެއްގައި ތުހުމަތުވާ މީހުންނާއި ޝައްކުވާ މީހުން އެއް ސަފެއްގައި ތިބޭނެއެވެ. ދެން ހެކިވެރިޔާ ނުވަތަ މައްސަލަ ހުށަަހަޅާ ފަރާތަކުން، ކުށް ކުރި މީހާއަކީ މިވެނި މީހެއްކަމަށް ބުނާނެއެވެ.

ފޮޓޯ ލައިންއަޕެއެއްގައި ހެކިވެރިޔާ ނުވަތަ މައްސަލަ ހުށަހަޅާ ފަރާތުން ބަލަނީ ފޮޓޯތަކެވެ. އަދި ސީކުއެންޝަލް ލައިންއަޕެއެއްގައި މީހުން ނުވަތަ ފޮޓޯތައް ދައްކަނީ އެކަކު އަނެކަކަށްފަހު ވަކިވަކިންނެވެ.

ނުފޫޒު ފޯރުވުން ހުއްޓުވުމަށްޓަކައި، ލައިންއަޕް ހިންގާ އޮފިސަރަށް ތުހުމަތުކުރެވޭ މީހާއަކީ ކާކުކަން ނޭނގޭ ގޮތަށް ބޭއްވުމާއި، ހެކިވެރިޔާއަށް ނުވަތަ މައްސަލަ ހުށަހެޅި ފަރާތަށް، ތުހުމަތު ކުރެވޭ މީހާ ލައިންއަޕްގައި ނުހިމެނިދާނެކަން އެންގުމަކީ ބައެއް ޖުރިސްޑިކްޝަންތަކުގައި އަމަލުކުރަމުން އަންނަ ގޮތެވެ.

ބައެއް ފަހަރު ތުހުމަތުކުރެވޭ ފަރާތް ލައިންއަޕްގައި ހިމެނުނަސް، މައްސަލަ ހުށަހަޅާ ފަރާތަށް އެކަން ނާންގާނެއެވެ. ބޭނުމަކީ މައްސަލަ ހުށަހަޅާ ފަރާތުގެ ހަނދާނުގެ ސައްހަކަން ކަށަވަރުކުރުމާއި ތުހުމަތުކުރެވޭ މީހާގެ ސިފަ މައްސަލަ ހުށަހަޅާ ފަރާތަށް ރަނގަޅަށް އެނގުނުކަން ނުވަތަ ނޫންކަން ދެނަގަތުމެވެ.

ޕޮލިސް ލައިންއަޕްގެ ކުރިއަށްދާ ގޮތުގެ މިސާލަކަށް ބަލާއިރު ފިހާރައަކުން ވަދެ އުޅުނު މީހަކު އެ ފިހާރައިން މުދަލެއް ވަގަށް ނެގުމުން، އެކަން ފުލުހަށް ރިޕޯޓު ކުރުމުން، އެ ވައްކަމުގެ ތުހުމަތުވާ މީހާއާ އެއްވައްތަރު މީހުން ލައިންއަޕަކަށް ގެންނާނެ އެވެ. ދެން މައްސަލަ ހުށަހެޅި ފަރާތުން ވައްކަންކުރިކަމަށް ތުހުމަތުވާ މީހާ ދެނެގަންނާއެވެ.