ފުޓުބޯޅައިގެ ހާލަތާ މެދު ކަންބޮޑުވާ މީހުން ގިނަވާ އެއް ސަބަބަކީ އެ ކުޅިވަރަށް ރާއްޖޭގައި އޮތް ލޯތްބެވެ. މިދިޔަ ފަސް ވަރަކަށް އަހަރު ރާއްޖޭގެ ރައްޔިތުންނަށް ތިބެން ޖެހުނީ ފުޓުބޯޅައަށް ޝަކުވާ ކުރުމުގައެވެ. ސަބަބުތައް ނެތިއެއްވެސް ނޫނެވެ. ފުޓުބޯޅައިގެ ފައިސާއަށް ހިޔާނަތްތެރިވެ، ފުޓުބޯޅައިގެ ހިންގުން "އެގޮތް މިގޮތްވުމުން" އެތައް ބަޔަކު މާޔޫސްވިއެވެ. އެ މާޔޫސްކަމުން އިއްޔެ ހިނިތުންވުމެއް ފެނިގެން ދިޔަ ކަހަލައެވެ. އުންމީދެއް ލިބުނު ކަހަލައެވެ. ހުރިހާ ކަމެއް އަދި ފުރާފުރިހަމަ ނުވިޔަސް، ފީފާ ރައީސް ޖިއާނީ އިންފަންޓީނޯ ރާއްޖެއަށް އިއްޔެ ކުރެއްވި ދަތުރާއެކު، އެތައް ހިނިތުންވުމެއް ފެނިއްޖެއެވެ.

ހޫނު މަރުހަބާއަކުން އިންފަންޓީނޯ ހައިރާންކޮށްލި އިރު، އިއްޔެ ހަވީރު އޮތް އިވެންޓުގައި ރާއްޖޭގެ އެތައް ކުދިންނެއް، ފުޓުބޯޅައަށް ކުރާ އުންމީދު ދައްކުވައިދިނެވެ. މާކޯ މަޓަރާޒީއާއި އިންފަންޓީނޯ ރާއްޖޭގެ ރައީސް ޑރ. މުހައްމަދު މުއިއްޒާއެކު ކުޅުނު އެގްޒިބިޝަން މެޗުގައި ރާއްޖޭގެ އެތައް ލެޖެންޑުންނެއްވެސް ފެނިގެން ދިޔައެވެ. ކުދިންނަށް އީދެއް އައި ކަހަލައެވެ. ބޫޓުތަކާއި ޖާޒީތައް ހިފައިގެން އެކި ކޮޅުކޮޅަށް ދުވީ އުފަލުން ފޮޅިގެންނެވެ. އޮޓޯގްރާފް ހޯދުމުގައި އަވަދިނެތި އެތައް ކުދިންނެއް އެކަމަށް މަސައްކަތްކުރީ އުފާވެރިކަމުގައެވެ. އެ މަންޒަރަކީ ފުޓުބޯޅަށް އޮތް ލޯބީގެ ކުޑަ މިންވަރެކެވެ.

24 އޮކްޓޫބަރ 2025، ފީފާގެ ރައީސް އިންފަންޓީނޯއަށް މަރުހަބާ ދެންނެވުމުގެ ތެރެއިން --- ވަން ފޮޓޯ: ހަމްދާން އަހުމަދު

"ރާއްޖޭން ލިބުނު އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ ފުޓުބޯޅައަށް ލޯބިކުރާ ގައުމަކަށްވުން. ކުޑަކުދިންނުން ފެށިގެން ގޮސް، އެންމެ ދުވަސްވީ މީހާވެސް ފުޓުބޯޅައަށް ލޯބިކުރޭ. އެއީ ރާއްޖޭން ފެނުނު އެންމެ ތަފާތު މަންޒަރަކީ. އެއީ އަހަންނަށް ލިބުނު އެންމެ ބޮޑު އުފަލަކީވެސް. އަހަންނަށް ލިބިގެންދިޔަ ޝަރަފެއް އެއީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުވެ، އެކުގައި މެޗެއް ކުޅުމަކީ،" ރާއްޖޭގެ ދަތުރަށްފަހު އިންފަންޓީނޯ ޕޯސްޓް ކުރި މެސެޖުގައި ވިދާޅުވިއެވެ.

އިންފަންޓީނޯގެ ދަތުރުން ދެން އޭނާ ދޭން ބޭނުންފުޅިވި އަނެއް މެސެޖަކީ ރާއްޖޭގެ ފުޓްބޯޅަ އިދާރާއާއެކުގައި ހުރިކަމުގެ މެސެޖެވެ. ރައީސް އަހުމަދު ތޯރިގް (ޓޮމް)އަށް މުހާތަބުކޮށް އިންފަންޓީނޯ ވާހަކަދެއްކެވީ ގާތް ރަހުމަތްތެރިއެއްގެ ގޮތުގައެވެ. "އެކުވެރި ޓޮމް"އާ ބައްދަލުވެ، ފުޓުބޯޅައިގެ މަސައްކަތްތަކަށް ކުރެވުނު މަޝްވަރާގެ ކާމިޔާބުކަން އިންފަންޓީނޯ ފާހަގަކުރައްވާފައިވެއެވެ.

"އަހަރެމެން މިތިބީ ތައްޔާރަށް ރާއްޖޭގެ ފުޓުބޯޅަ އެހެން ހަރުފަތަކަށް ގެންދަން. ފުޓްބޯލް ފޯ ސްކޫލްސްތަކުގެ މަސައްކަތް ފަށައި، އެރީނާތައް ތަރައްގީކޮށް، ރާއްޖޭގެ ރީޖަނަލް މުބާރާތްތަކަށް އެހީވެދޭނަން. އަދި ހާއްސަކޮށް މުޅި ރާއްޖެ ފުޓުބޯޅައިގައި ޝާމިލުކުރަން އޮތް ޕްލޭނަށް ފުރުސަތު ހޯދައިދޭން ތައްޔާރު. އޭގެ އިތުރުން ދެކުނު އޭޝިއާގެ ފުޓުބޯޅައަށް އެހީވާން ފީފާ ހަމަ ތައްޔާރު،" އިންފަންޓީނޯ ވިދާޅުވިއެވެ.

24 އޮކްޓޫބަރު 2025، މާލެ، ރައީސް މުއިއްޒާއި ފީފާގެ ރައީސް އިންފަންޓީނޯއާއެކު މިއަދު ބޭއްވި ފުޓްބޯލް ފިއެސްޓާގެ ތެރެއިން --- ވަން ފޮޓޯ: ހަމްދާން އަހުމަދު

ފީފާގެ ހާލަތަކީ އެންމެ ގަޔާވާނެ ހާލަތެއް ނޫންކަން ސާފެވެ. ފީފާގެ ގޯސްތަކެއްވެސް އެބަހުއްޓެވެ. ހާއްސަކޮށް ފުޓުބޯޅައިގައި އެތައް ތަފާތުކުރުމެއް ގެންގުޅޭ ކަމަށް ބުނެ ފީފާއަށް އިނގިލި ދިއްކުރެވެން އެބައޮތެވެ. އެ ހާލަތުގައި ފީފާ އޮތް ނަމަވެސް، ރާއްޖެއަށް އިއްޔެ ލިބުނީ ފުޓުބޯޅައިގެ އުފާވެރި ވަގުތުކޮޅެކެވެ.

ހާއްސަކޮށް ތާރީހަށް މުހިންމު ވަގުތުކޮޅެއްވެސް މެއެވެ. އިންފަންޓީނޯއަކީ މިދިޔަ 19 އަހަރު ތެރޭގައި ރާއްޖެއަށް ވަޑައިގެންނެވި ފުރަތަމަ ފީފާ ރައީސެވެ. މީގެ ކުރިން 2006 ވަނަ އަހަރު ސެޕް ބްލެޓާ ރާއްޖެ ވަޑައިގެންފައިވާ އިރު، އެފަހަރު ކުރެއްވި ދަތުރުފުޅަކީ ސުނާމީ ކާރިސާގައި ގެއްލުން ލިބުނު ގައުމުތަކަށް ކުރެއްވި ދަތުރުފުޅެކެވެ.

މިއަހަރު ރާއްޖޭގެ ފުޓުބޯޅައިގެ އަލިމަސްޔޫބީލް ފާހަގަކުރުމަށް ފުޓުބޯޅަ ހާއްސަކުރަން މަސައްކަތް ކުރަމުންދާ އިރު، އިއްޔެ ވަނީ އެކަމަށް ހާއްސަ ލޯގޯވެސް ރަސްމީކޮށްފައެވެ. އެކަމަށް އެފްއޭއެމްއިން ދުރާލާ ތައްޔާރުވަމުންދާ އިރު، އިންފަންޓީނޯގެ ދަތުރަކީ އެކަމަށް ފެށުނު ފެށުމެކެވެ.