އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ، އެމެރިކާ ލީގުގެ އިންޓަ މިއާމީއާއެކު ހަދާފައިވާ އެއްބަސްވުން 2028 ވަނަ އަހަރާ ހަމައަށް އާކޮށްފިއެވެ.
އަށް ފަހަރު ބެލޮންޑިއޯ ހޯދާފައިވާ މެސީ، އިންޓަ މިއާމީއާއެކު ހަދާފައިވާ އެއްބަސްވުން އާކުރިކަން ކްލަބުން އިއްޔެ ވަނީ ޔަގީން ކޮށްދީފައެވެ. އުމުރުން 38 އަހަރުގެ މެސީ ކުރިން ބުނީ އޭނާ ކުޅޭނެ އެންމެ ފަހު ކްލަބަކީ އިންޓަ މިއާމީ ކަމަށާއި، އެ ކްލަބަށްފަހު ދެން ވިސްނަނީ ރިޓަޔާވުމަށް ކަމަށެވެ.
މިފަހަރު އެއްބަސްވުން އާނުކޮށް ރިޓަޔާވާން ވިސްނި ކަމަށް މެސީ ކުރިން ބުނި ނަމަވެސް، އެ ވިސްނުން ދޫކޮށް އަދި ކުރިއަށްދާން ވިސްނީ ރަނގަޅު ފޯމެއްގައި ހުރުމުން ކަމަށް ކްލަބުން ބުނެފައިވެއެވެ.
އިންޓަ މިއާމީގެ ކޯ އޯނަރު ޑޭވިޑް ބެކަމް ބުނީ އެ ކްލަބުން ގެންގުޅުނު ވިސްނުމަކީ ދުނިޔޭގެ ތާރީހު ދުށް އެންމެ މޮޅު ކުޅުންތެރިޔާ އެ ކްލަބަށް ގެނައުން ކަމަށާއި، އެކަން ހާސިލްކޮށް، އެ ކުޅުންތެރިޔާ އިތުރު ތިން އަހަރަށް އެ ކްލަބުގައި ބެހެއްޓުމަކީ ލިބޭ ފަހުރެއް ކަމަށެވެ.
އާޖެންޓީނާއާއެކު 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ހޯދި މެސީ، މިހާތަނަށް ސީޒަނުގައި 29 ގޯލް ޖަހާފައިވާ އިރު، އޭނާއަކީ ލީގުގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާއެވެ.
މެސީ އިންޓަ މިއާމީ ގުޅުނުފަހުން އެ ކްލަބުގެ އާއްމުދަނީއަށްވެސް ވަނީ ކުރިއެރުންތަކެއް ލިބިފައެވެ. އެގޮތުން ފޯބަސްގެ ރިޕޯޓުތައް ދައްކާ ގޮތުން، 2022 ވަނަ އަހަރުން ފެށިގެން އެ ކްލަބުގެ އަގު ވަނީ 1.2 ބިލިއަން ޑޮލަރަށް އިތުރުވެފައެވެ. އިންޓަ މިއާމީއަކީ މިވަގުތު އެމްއެލްއެސްގެ އެންމެ އަގުބޮޑު ކްލަބެވެ.
ލިއޮނެލް މެސީ
ލިއޮނެލް މެސީ
ލިއޮނެލް މެސީ
ލިއޮނެލް މެސީ