ޖިންސީ ނިޔަތެއް އޮވެގެން ކުޑަކުއްޖެއްގެ ގައިގައި އަތްލި މީހަކު 10 އަހަރަށް ޖަލަށްލުމަށް ކުރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފިއެވެ.

އެ މައްސަލައިގައި ޖަލަށްލައިފައިވަނީ އީމާން އިބްރާހިމް ރަފީއު ނަމަކަށް ކިޔާ މީހެކެވެ. އޭނާގެ މައްޗަށް ދައުވާކޮށްފައިވަނީ "ކުޑަކުދީންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގަނޫނު"ގެ ދަށުން ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ކުށުގެ ދައުވާއެވެ.

ކުރިމިނަލް ކޯޓުން އިއްޔެވަނީ އީމާން އިބްރާހިމް ރަފީއުގެ މައްޗަށް އެ ދައުވާ ސާބިތުވާކަމަށް ކަނޑައަޅައި އޭނާ 10 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފައެވެ.

މި މައްސަލައަކީ ކުޑަކުއްޖެއްގެ މަސްލަހަތު ހިމެނޭ މައްސަލައަކަށްވާތީ، މައްސަލައިގެ ރިޕޯޓް ކުރިމިނަލް ކޯޓުން އާންމެއް ނުކުރެއެވެ.

ކުޑަކުދީންގެ މަސްލަހަތާ ގުޅިފައިވާ މިފަދަ މައްސަލަތަކުގައި ކުދީންގެ ވަނަވަރު ހާމަވެދާނެ ފަދަ އެއްވެސް މައުލޫމާތެއް ހާމަކުރުމަކީ ގާނޫނުގައިވާ ގޮތުން ކޮށްގެން ވާނެކަމެއް ނޫނެވެ.