ވަގަށް އެތެރެކުރުމުން ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި ދެ ކޮންޓެއިނަރުގެ ސިނގިރޭޓު ވަގަށް ބޭރުކުރި މައްސަލައާ ގުޅިގެން ހައްޔަރުކުރި މިފްކޯގެ އިންޖިނިއަރިން އެންޑް ޕްރޮޖެކްޓްސް ޑިޕާޓްމަންޓުގެ ޖެނެރަލް މެނޭޖަރުގެ މަގާމު އަދާކުރައްވަމުންގެންދަވާ ނަމަވެސް މިހާރު ސަސްޕެންޑްކޮށްފައިވާ މުއާޒް އަލީ ކުށްކުރުމުގައި ބައިވެރިވިކަމަށް ގަބޫލުކުރެވޭ މިންވަރަށް ފުލުހުން ހެކި ހުށަހަޅާފައިވާކަމަށް އޭނާގެ ބަންދު އަމުރުގައި ބަޔާންކޮށްފިއެވެ.

އެމްޕީއެލްގެ ހުޅުމާލެ އިންޓަނޭޝަނަލް ޓާމިނަލުން އެ ދެ ކޮންޓެއިންނަރު ތެރޭގައި ހުރި ސިނގިރޭޓް ވަގަށް ނެގި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މި މަހުގެ ނުވަ ވަނަ ދުވަހުއެވެ.

އެ މައްސަލައިގައި ހައްޔަރުކުރި ހަތަރު މީހުންގެ ތެރޭގައި ހިމެނޭ މުއާޒް، މިފްކޯއާ ގުޅުމުގެ އޭނާ ހުންނެވީ ކަސްޓަމްސްގެ ކުރީގެ ސީނިއާ ސުޕްރިންޓެންޑެންޓްގެ މަގާމުގައެވެ. އޭނާ ކަސްޓަމްސްގެ ވަޒީފާއިން ވަކިކުރީ ވެސް އެފަދަ މައްސަލައެއްގެ ތުހުމަތުގައި 2019 ވަނަ އަހަރުއެވެ. އެ މައްސަލައިގައި މުއާޒް ވަނީ، މިފްކޯގެ އިންޖިނިއަރިން އެންޑް ޕްރޮޖެކްޓްސް ޑިޕާޓްމަންޓުގެ ޖެނެރަލް މެނޭޖަރުކަމުން 30 ދުވަހަށް ސަސްޕެންޑްވެސްކޮށްފައެވެ.

މުއާޒުގެ ބަންދު އަމުރުގައިވާ ގޮތުން ފުލުހުން އޭނާއަށް ކުރަނީ ވައްކަމުގެ ތުހުމަތެވެ. އެ ތުހުމަތާ ގުޅިގެން ފުލުހުން އެންމެ ފުރަތަމަ މުއާޒް ހައްޔަރުކޮށްފައިވަނީ މިމަހުގެ 14 ވަނަ ދުވަހުގައެވެ. ކުރިމިނަލް ކޯޓުން ޖެހިގެން އައި ދުވަހު އޭނާގެ ބަންދަށް ޖަހައިދިނީ ފަސް ދުވަހެވެ. އެ މުއްދަތު ހަމަވާތީ ފުލުހުން އިއްޔެ އޭނާ ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ މުއާޒު އިތުރަށް 10 ދުވަހަށް ބަންދުކުރަން އަމުރުކޮށްފައެވެ.

ބަންދު މަޖިލިސް ބެލެހެއްޓެވި ގާޒީ އާދަމް މުހައްމަދު ނެރުއްވި އެ އަމުރުގެ އިތުރު ބަޔާނުގައި ބަޔާންކޮށްފައިވަނީ މުއާޒުގެ ހައްޔާރާމެދު އެންމެ ފުރަތަމަ ބޭއްވި މަޖިލީހުގައި ފަނޑިޔާރު ގޮތެއް ނިންމައިފީނަމަވެސް، ހައްޔަރާ ގުޅޭ އިޖުރާއީ ނުކުތާއެއް މުއާޒުގެ ފަރާތުން އޭނާގެ ވަކީލުން ފާހަގަކުރައްވާފައިވާ ކަމަށެވެ.

ނަމަވެސް ވަކީލުގެ ފަރާތުން ފާހަގަކުރި ނުކުތުއާ ގުޅިގެން، މުއާޒުގެ ހައްޔަރު އިޖުރާއަތު ގޯސްކަމަށް ކަނޑައެޅިދާނެ ފަދަ ގާނޫނީ ނުކުތާއެއް ވަކީލަށް ހުށަހެޅިފައި ނުވާކަމަށް ގާޒީ އިތުރު ބަޔާނުގައި ފާހަގަކުރެއްވިއެވެ.

"މީނާއާ ދެކޮޅަށް ހުށަހަޅާފައިވާ ބަޔާންތަކުގައި ހުރި ތަފުސީލީ ވާހަކަތަކަށް ބަލާއިރު ތުހުމަތު ކުރެވޭ މިންވަރުގެ ހެކި ހުރިކަމަށް ބެލެވޭ. މީނާއާ މި ކުށާއި ގުޅުވައި ނުލެވޭނެކަމަށް ވަކީލު ފާހަގަކުރި ނަމަވެސް، އެ މިންވަރަށް ފުލުހުން ހެކި ހުށަހަޅާފައިވާ ކަމަށް ގަބޫލުކުރެވޭ" ގާޒީ ވިދާޅުވިއެވެ.

ގާޒީ ވިދާޅުވީ، މުއާޒަށް ތުހުމަތު ކުރެވެނީ ޖިނާއީ ބޮޑު ކުށެއްގެ ތުހުމަތު ކަމަށެވެ.

"މި ތުހުމަތުކުރެވިފައިވާ އަމަލު ހިންގުމުގައި، އިތުރު ފަރާތްތަކެއް ޝާމިލު ވެފައިވާކަން އައިއޯގެ ބަހުންނާއި ހުށަހަޅާފައިވާ ލިޔުންތަކަށް ބެލުމުން އެނގޭ" ގާޒީ ވިދާޅުވިއެވެ.

މުއާޒުގެ ފަރާތުން އޭނާގެ ބަންދަށް ލުޔެއް ދިނުމަށް އެދުނު ނަމަވެސް ގާޒީ ނިންމެވީ ބަންދުގެ މުއްދަތު އިތުރު ކުރުމަށެވެ. އެއީ އޭނާގެ މައްޗަށް ތުހުމަތުކޮށްފައިވާ ކުށް އޭނާ ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ގަރީނާ ހުށަހަޅާފައިވުމުންނާއި އޭނާ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާތެރިވެދާނެތީކަމަށް އަމުރުގައި ބަޔާންކޮށްފައިވެއެވެ.

މި މައްސަލައާ ގުޅިގެން ދެން ހައްޔަރުކޮށްފައިވަނީ ލޮޓަސް ކުންފުނީގެ ވެރިޔާ އަހުމަދު އާރިފު، އެޕޯލޯ ހޯލްޑިންގްސްގެ ވެރިޔާ ދިގަލި މުހައްމަދު ވަހީދު އަދި ހުޅުމާލޭ ޕޯޓުގައި މަސައްކަތްކުރާ ކަސްޓަމްސްގެ ސީނިއާ މުވައްޒަފެއް ކަމަށްވާ ޒިވާރު އިސްމާއީލެވެ. އެ ތިން މީހުންވެސް ހައްޔަރުކޮށްފައިވަނީ މިމަހުގެ 14 ވަނަ ދުވަހުގައެވެ.

ކުރިމިނަލް ކޯޓުންވަނީ އާރިފުއާއި ޒިވާރު 15 ދުވަހަށް ބަންދުކުރަން އަމުރުކޮށްފައެވެ. ދިގަލި ވަހީދު 10 ދުވަހަށް ބަންދުކުރަން ކުރިމިނަލް ކޯޓުން އަމުރުކުރިއެވެ. ކުރިމިނަލް ކޯޓުން އެ އަމުރުތައްކުރީ މިމަހުގެ 15 ވަނަ ދުވަހުގައެވެ.

އެނގިފައިވާ ގޮތުގައި ގެއްލިފައިވަނީ 40 ފޫޓުގެ ދެ ކޮންޓެއިނަރެއްގައި ހުރި 1،360 ކޭސް ސިނގިރޭޓެވެ. އެއީ ޖުމުލަ 13،600،000 ސިނގިރޭޓު ސްޓިކެވެ. އެ ސިނގިރޭޓަކީ އިމްޕޯޓް ޑިއުޓީގެ ގޮތުގައި 100 މިލިއަން ރުފިޔާއަށްވުރެ ބޮޑު އަދަދެއް ދައުލަތަށް ލިބޭނެ މުދަލެވެ.