ރާއްޖޭގެ ރިސޯޓެއް ކަމަށްވާ އދ. އެއްލައިދޫ ރިސޯޓުގައި ލަންކާ ދެ މީހެއްގެ ދެމެދުގައި ހިންގި މާރާމާރީއެއްގައި އެ ރިސޯޓުގެ ކައްކާ މަރާލި މައްސަލައާ ގުޅިގެން ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ ދައުލަތުން ކޮށްފައިވާ ޖަޔަލަތު ކޮޑިއާޗިގެ ޖަނަކަ ޕްރަސަންނަ ޕެރޭރާގެ މައްޗަށް މަރުގެ ދައުވާ ސާބިތު ނުވާކަމަށް ކުރިމިނަލް ކޯޓުން ކުރި ހުކުމް ދައުލަތުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރަން ހުށަހަޅައިފިއެވެ.
މަރުގެ ދައުވާ ޖަޔަލަތު ކޮޑިއާޗިގެ ޖަނަކަ ޕްރަސަންނަ ޕެރޭރާގެ މައްޗަށް ސާބިތު ނުވާކަމަށް ކުރިމިނަލް ކޯޓުން ހުކުމްކުރީ މިއަހަރުގެ މޭމަހުގެ 14 ވަނަ ދުވަހުގައެވެ.
ދައުލަތުގެ ފަރާތުން އެ ހުކުމް އިސްތިއުނާފު ކުރުމަށް ހައިކޯޓަށް ހުށަހެޅީ އިއްޔެއެވެ. އެ މައްސަލަ ބަލައިގަތުމާމެދު އަދި ހައިކޯޓުގެ ރަޖިސްޓްރާ ގޮތެއް ނުނިންމައެވެ. މައްސަލަ އޮތީ "ހުށަހެޅިފައި" މަރުހަލާގައެވެ.
ޖަޔަލަތު ކޮޑިއާޗިގެ ޖަނަކަ ޕްރަސަންނަ ޕެރޭރާ، 2019 ވަނަ އަހަރު ސްރީލަންކާގެ ޝެފަށް ރިސޯޓުގައި ހަމަލާދީފައިވަނީ ކަތިވަޅިއަކުންނެވެ. މި މައްސަލައިގެ ޝަރީއަތުގައި ޖަޔަލަތު ވަނީ ދައުވާއަށް އިންކާރުކޮށްފައެވެ. ނަމަވެސް ތަހުގީގު މަރުހަލާގައި އޭނާ ބުނެފައިވަނީ ކައްކާއަށް ވަޅިން ހަމަލާދީ މަރައިލީ، ރޭގަނޑުގެ ނާސްތާއަށް ބިސްގަނޑެއް އަޅައި ނުދިނުމުން ހިނގައިދިޔަ ޒުވާބެއްގެ ތެރެއިން ކަމަށެވެ.
އެފަހުން މައްސަލައިގެ ޝަރީއަތުގައި އޭނާގެ ވަކީލު ވިދާޅުވެފައިވަނީ ތަހުގީގު މަރުހަލާގެ ތެރެއިން ޖަޔަލަތު ކުށަށް އިއުތިރާފުވިއިރު އެކަމުގެ ނަތީޖާ، ފުލުހުން އޭނާއަށް ސާފުކޮށްދީފައި ނުވާ ކަމަށެވެ. އަދި އެއީ އޭނާ ކައްކާ މަރާލަން ދިން ހަމަލާއެއް ނޫން ކަމަށާއި އެއީ ސެލްފު ޑިފެންސްގައި ދިން ހަމަލާއެއް ކަމަށެވެ.
ދައުވާއަށް ޖަޔަލަތު އިންކާރުކޮށްފައި ވުމުން ދައުލަތުގެ ފަރާތުން ވަނީ އޭނާގެ މައްޗަށް ކުށް ސާބިތު ކުރުމުގެ ގޮތުން ހެކި ހުށަހަޅައިފައެވެ. ދައުލަތުން ހުށަހެޅި ހެކިތަކުގެ ތެރޭގައި ޕޯސްޓްމޯޓަމް ރިޕޯޓާއި ބައެއް ޝަފަހީ ހެކިން ހިމެނެއެވެ. ޝަރީއަތުން ވަނީ ޕޯސްޓްމޯޓަމް ރިޕޯޓް ބަލައިގެންފައެވެ. ދައުލަތުން ހުށަހެޅި ޝަފަހީ ހެކިވެރިންގެ ތެރެއިން ޝަރީއަތުން ހެކިބަސް ނަގައިފައިވަނީ އެންމެ ދެ މީހެެއްގެއެވެ. ދެން ތިބި ހެކިވެރިން ރާއްޖެއިން ފުރައިގެން ގޮސްފައިވުމުން އެ މީހުންގެ ހެކިބަސް ނެގޭގޮތެއް ވަނީ ނުވެފައެވެ.
ފުރައިގެންދިޔަ ހެކިވެރިން ރާއްޖެ ގެނައުމުގެ ފުރުސަތު ޝަރީއަތުން ދައުލަތަށް ދިން ނަމަވެސް އެ ހެކިވެރިން ރާއްޖެ ނުގެނެވި އަދި އެ މީހުން ތިބި ތަނެއްގެ މައުލޫމާތު ދައުލަތަށް ނޭނގުމުން ޝަރީއަތުން ނިންމީ އެ ހެކިވެރިންގެ ހެކިބަސް ނުނެގުމަށެެވެ.
ކުރިމިނަލް ކޯޓުގައި މި މައްސަލަ ބެއްލެވި ގާޒީ އަލީ އާދަމް މައްސަލަައިގެ ރައުޔުގައި ވިދާޅުވެފައިވަނީ މި މައްސަލައިގެ ތަހުގީގު މަރުހަލާގައި ޖަޔަލަތު ދީފައިވާ އިއުތިރާފު ބަޔާން ނަގާފައި އޮތްގޮތުން، އޭނާގެ ބައެއް ހައްގުތަކަށް އުނިކަމެއް އަންނާތީ އެ ބަޔާން ޝަރީއަތަށް ބަލައިނުގަނެވޭނެ ކަމަށެވެ. އަދި އިއުތިރާފުގެ ބަޔާނަކަށް އެކަނި ބަރޯސާވެ މަރުގެ މައްސަލައެއް ސާބިތުވާނެ ކަމަށް ނުނިންމޭނެ ކަމަށެވެ. ހެކިންގެ ހެކިބަހަށް ރިއާޔަތްކޮށްވެސް މި މައްސަލަ ޖަޔަލަތުގެ މައްޗަށް ސާބިތުވާކަމަށް ކަނޑައެޅެން ނެތްކަމަށް ގާޒީ ވިދާޅުވެފައިވެއެވެ.
އެހެންވެ ގާޒީ ހުކުމްކުރެއްވީ ދައުލަތުން ކޮށްފައިވާ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ ޖަޔަލަތުގެ މައްޗަށް ސާބިތުނުވާ ކަމަށެވެ.
މުހައްމަދު އިޝާން
ޕީޖީ އޮފީސް
ޕީޖީ އޮފީސް
ޕީޖީ އޮފީސް
ޕީޖީ އޮފީސް