ރާއްޖެއަށް މީގެކުރިން ގިނަ އަދަދެއްގެ މަސްތުވާތަކެތީގެ އެތެރެކުރި މައްސަލައެއްގައި ހިމެނޭ މީހަކު، ރާއްޖެެއިން، ސްރީ ލަންކާއަށް ދިއުމުން، އެގައުމަށް އެތެރެވިޔަ ނުދީ އަނބުރާ ފޮނުވާލުމުން ރާއްޖެއިން ހައްޔަރުކޮށްފިއެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ސ. ހިތަދޫ، ކޯޒީކޯނާ، އަންވަރު މުހައްމަދު (41އ) އެވެ.
ފުލުހުން އޭނާއަށް ކުރަނީ މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރުމުގެ ތުހުމަތެވެ.
ފުލުހުން އޭނާ ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމަން އިއްޔެ ކުރިމިނަލް ކޯޓަށް ހާޒިރުކޮށް ބުނީ މި މައްސަލައިގައި މިދިޔަ މަހުގެ 18 ވަނަ ދުވަހު ބޭއްވި ބަންދު މަޖިލީހުގައި އަންވަރު ބަންދުން ދޫކޮށްލުމުން، އިތުރު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކުރަން ބެލިއިރު، އެ ދުވަހު ވައިގެ މަގުން އަންވަރުވަނީ ލަންކާއަށް ފުރައިފައި ކަމަށެވެ. ލަންކާއަށް، އަންވަރު އެތެރެވިޔަ ނުދީ ފޮނުވާލުމުން މީނާ ހައްޔަރުކުރެވުނީކަމަށް ފުލުހުން ބުންޏެވެ.
އަންވަރު ދިރިއުޅޭ އެޕާޓްމެންޓުގެ ތަޅުދަނޑި އޭނާގެ އަތުގައި ނެތުމުން ފުލުހުން އެ އެޕާޓްމެންޓަށް ވަދެފައިވަނީ ބާރުގެ ބޭނުން ކޮށްގެންކަމަށް ފުލުހުން ބުންޏެވެ. އެ ތަނުން ޕާސްޕޯޓާއި، މަސްތުވާތަކެތި ކިރުމަށް ބޭނުންކުރާ ކައްޓާއެއް ފެނުމުން އެއާ ގުޅޭގޮތުން ސުވާލުކުރުމުން އެއީ ކެއްކުމުގައި އެކިކަހަލަ ތަކެތި ކިރުމަށް ފަސޭހައަކަށް ގެންގުޅޭ ކައްޓާއެއްކަމަށް އަންވަރު ބުނިކަމަށް ފުލުހުން ބުންޏެވެ.
އެ ތަނުން ފެނުނު ތިން ރަބަރު ޕެކެޓެއްގައި، ޖުމުލަ 16 ގްރާމް މަސްތުވާތަކެތި ހުރިކަމަށް ފުލުހުން ބުންޏެވެ. އަދި އިތުރު ހުސް ރަބަރު ޕެކެޓުތަކެއްވެސް ހުރިކަމަށް ފުލުހުން ބުންޏެވެ.
ފުލުހުންގެ ވާހަކަތަކާ ގުޅިގެން އަންވަރުގެ ދިފާއީ ވަކީލު ވިދާޅުވީ އަންވަރު ދިރިއުޅޭ އެޕާޓްމެންޓަކީ އޭނާއާ ގުޅުންހުރި ތަނެއް ނޫން ކަމަށެވެ. އަދި އެ އެޕާޓްމެންޓަކީ އަންވަރު އެއްވެސް ގޮތަކަށް ވަދެ ނިކުމެ ހަދާތަނެއް ނޫން ކަމަށެވެ.
ވަކީލު ވިދާޅުވީ އެތަނުގެ ތަޅުދަނޑިވެސް އަންވަރުގެ އަތުގައި ނެތް ކަމަށާއި އެ އެޕާޓްމެންޓުން ފެނުނު މަސްތުވާތަކެއްޗަކީވެސް ނިސްބަތުން މަދު އަދަދެއްގެ މަސްތުވާތަކެތި ކަމަށެވެ.
ފުލުހުންވަނީ އަންވަރާ ދެކޮޅަށް ކުރާ ތުހުމަތުގެ ކުށް އޭނާ ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުށަހަޅައިފައެވެ. އެހެންވެ ކޯޓުންވަނީ އަންވަރު 30 ދުވަހަށް ބަންދުކުރަން އަމުރުކޮށްފައެވެ.
އަންވަރަކީ 2019 ވަނަ އަހަރުގެ ތެރޭގައި، އިރާނުގެ ބޯޓެއް ކަމަށްވާ "އަލްޝަބާން"އިން ރާއްޖެއަށް 70 ކިލޯގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު މައްސަލައިގައި ވެސް ހައްޔަރުކުރި މީހެކެވެ. އެ މައްސަލައިގައި ޖުމުލަ 13 މީހަކު ހައްޔަރުކޮށްފައިވެއެވެ.
ފުލުހުން އެ މައްސަލައިގައި އަންވަރު ހައްޔަރުކުރީ، ރާއްޖެއަށް އެ މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް އުޅުނުކަމަށް ތުހުމަތުކޮށެވެ. އޭނާގެ މައްޗަށް ދައުވާކުރި ނަމަވެސް ފަހުންވަނީ ދައުވާ އަނބުރާ ގެންގޮސްފައެވެ.
މުހައްމަދު އިޝާން
މަސްތުވާތަކެތީގެ މައްސަލަތައް
މަސްތުވާތަކެތީގެ މައްސަލަތައް
މަސްތުވާތަކެތީގެ މައްސަލަތައް
މަސްތުވާތަކެތީގެ މައްސަލަތައް