އޭޝިއާގެ ދެވަނަ ފަންތީގެ ފުޓުބޯޅަ މުބާރާތް، އޭއެފްސީ ޗެމްޕިއަންސް ލީގު ދޭއްގައި ސައުދީ އަރަބިއާގެ އަލް ނަސްރާއި އިންޑިއާގެ އެފްސީ ގޯއާ، އިންޑިއާގައި ކުޅެން އޮތް މެޗުގައި ނުކުޅެން ކްރިސްޓިއާނޯ ރޮނާލްޑޯ ނިންމާފައިވާ ކަމަށް ނޫސްތައް ބުނެފިއެވެ.
އަލް ނަސްރާއި ގޯއާވެސް މިފަހަރު ހިމެނުނީ ޗެމްޕިއަންސް ލީގު ދޭއްގެ ގްރޫޕް ޑީގައެވެ. ދެން އެ ގްރޫޕުގައި ހިމެނެނީ އިރާގުގެ އަލް ޒައުރާއާއި ތަޖަކިސްތާނުގެ އިސްތިކްލާލެވެ.
އޭއެފްސީ ޗެމްޕިއަންސް ލީގު ދޭއްގެ ގްރޫޕް ސްޓޭޖު ފޯމެޓް އެކުލަވާލާފައިވާ ގޮތުން، ކޮންމެ ޓީމެއް ދެ ފަހަރު ބައްދަލުކުރާނެއެވެ. އެއީ ހޯމްގައި ކުޅޭ މެޗެއްގެ އިތުރު އަވޭގައި ކުޅޭ މެޗެއްގައެވެ.
އަލް ނަސްރުން އިންޑިއާގައި ކުޅޭ މެޗު އޮންނާނީ ޕަންޑިތު ޖަވާހަރްލާލް ނެހްރޫ ސްޓޭޑިއަމްގައެވެ.
މާދަމާ އޮންނަ މެޗުގެ ޓިކެޓްތައްވެސް މާކުރިން ވިކި ހުސްވެފައި ވަނީ ސީދާ ރޮނާލްޑޯ ބަލައިލަން ގިނަ ބަޔަކު ދާނެތީ ކަމަށް އިންޑިއާ ނޫސްތައް ބުނެއެވެ. އެހެން ނަމަވެސް، ރޮނާލްޑޯ ޓީމާއެކު އިންޑިއާއަށް ގޮސްފައި ނުވާ ކަމަށް އިންޑިއާގެ މީޑިއާއިން ވަނީ ޔަގީން ކޮށްދީފައެވެ.
ރޮނާލްޑޯ މެޗުން ނުފެނުމަކީ އިންޑިއާ ސަޕޯޓަރުންނަށް މާޔޫސްކަމަކަށް ވާނެތީ، ގޯއާއިން ރޮނާލްޑޯ ކިބައިން މެޗު ކުޅެން އެދުނު ކަމަށްވެސް އިންޑިއާ ނޫސްތައް ބުނެއެވެ. މެޗު ނުކުޅެން ރޮނާލްޑޯ ނިންމީ އެއްބަސްވުމުގައިވާ މާއްދާއެއްގެ ބޭނުންކޮށްގެން ކަމަށް ސައުދީ މީޑިއާއިން ބުނެފައެވެ.
ސައުދީ ނޫސްތަކުން ބުނީ ރޮނާލްޑޯ އިންޑިއާ މެޗު ނުކުޅެން ނިންމީ، ސައުދީން ބޭރުގައި ކުޅޭ މެޗުތައް ނުކުޅުމަށް އަމިއްލައަށް އެދެވެން އޮންނާތީ، އެ މާއްދާގެ ބޭނުން ކޮށްގެން ކަމަށެވެ.
ރޮނާލްޑޯގެ އިތުރުން ނަސްރަށް ކުޅޭ ސަޑިއޯ މާނޭއާއި ޖުއާއޯ ފެލިކް ފަދަ ކުޅުންތެރިން ޓީމާއެކު އިންޑިއާއަށް ގޮސްފައިވާ އިރު، އަދިވެސް މެޗަށް ސަމާލުކަން ބޮޑު ކަމަށް ނޫސްތައް ބުނެއެވެ.
ކްރިސްޓިއާނޯ ރޮނާލްޑޯ
ކްރިސްޓިއާނޯ ރޮނާލްޑޯ
ކްރިސްޓިއާނޯ ރޮނާލްޑޯ
ކްރިސްޓިއާނޯ ރޮނާލްޑޯ