ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ކުރީގެ ރައީސް ބައްސާމް އާދިލް ޖަލީލްގެ މައްޗަށް ދައުލަތުން ކުރާ ދައުވާގެ އަދަބު ބޮޑުވާ ގޮތަށް ދައުވާ އިސްލާހުކުރުމުގެ ފުރުސަތު ކުރިމިނަލް ކޯޓުން ދީފިއެވެ.
ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހު ބުނެފައިވަނީ ބައްސާމުގެ މައްޗަށް ކުރަނީ މަނީ ލޯންޑަރިންނާއި ހިޔާނަތްތެރިވުމުގެ ދައުވާއެއް ކަމަށެވެ. ޕީޖީ އޮފީހުން ބުނެފައިވަނީ އެ ދެ ދައުވާ އުފުލާފައިވަނީ ބައްސާމް، އެފްއޭއެމްގެ ރައީސްގެ މަގާމުގައި ހުރި އިރު، އެ އެސޯސިއޭޝަނަށް އެކި ފަރާތްތަކުން ދޭ ފައިސާއަށް ހިޔާނާތްތެރިވެ، އެފްއޭއެމަށް ބޭރުގެ ފަރާތްތަކުން އެހީގެ ގޮތުގައި އެމެރިކާ ޑޮލަރުން ދޭ ފައިސާ އެ އެސޯސިއޭޝަންގެ އިސްވެރިންނާއި އެސޯސިއޭޝަނާއި ގުޅުން އޮންނަ ފަރާތްތަކާއި ކުންފުނިތަކުގެ އެކައުންޓުތަކަށް ޖަމާކޮށް ނަހަމަގޮތުގައި ބޭނުންކޮށް މަނީ ލޯންޑަރިންގެ އަމަލުތަކެއް ހިންގާފައިވާ މައްސަލައާ ގުޅިގެން ކަމަށެވެ.
އެގޮތުން ހިޔާނާތްތެރިވުމުގެ ކުށުގެ ދައުވާ އުފުލީ ބައްސާމް، އަމީން ކޮންސްޓްރަކްޝަންގެ އަމީން އެވެނިއު އިން އެޕާޓްމަންޓެއް ގަތުމަށް ފައިސާ ޖަމާކުރުމަށްޓަކައި އެފްއޭއެމްގެ 1.2 މިލިއަން ޑޮލަރަށް ހިޔާނާތްތެރިވެފައިވާތީއެވެ. އެ ކުށުގެ އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމެވެ.
މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އުފުލީ އަމީން އެވެނިއު އިން ދެ އެޕާޓްމަންޓް ގަތުމަށް އެއްބަސްވުމުގައި ސޮއިކޮށް، އެ އެއްބަސްވުމުގެ ދަށުން އަމީން ކޮންސްޓްރަކްޝަނަށް ޖީއެސްޓީ ހިމެނޭ ގޮތަށް ދައްކަންޖެހޭ ޖުމުލަ 23 މިލިއަން ރުފިޔާގެ ތެރެއިން ބުކިން ފީ އާއި ކޮމިޓްމަންޓް ފީ ހިމެނޭ ގޮތަށް އެތަނުގެ އަގަށްވާ ފައިސާގެ ގޮތުގައި އެފްއޭއެމްގެ ޑޮލަރު އެކައުންޓުން އެކިއެކި ކުންފުނިތަކަށް ފައިސާ ފޮނުވައި، އެ ފައިސާ އަމީން ކޮންސްޓްރަކްޝަނަށް ދައްކާފައިވާތީއެވެ.
އެ ކުށުގެ އަދަބަކީ އެއް ލައްކަ ރުފިޔާ އާއި އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމާއެކު ފަސް އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމެވެ. ޕީޖީ އޮފީހުން ބުނެފައިވަނީ އެ ދައުވާތަކާ ގުޅިގެން އެ ހިޔާނާތުގެ ސަބަބުން އެފްއޭއެމަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 1.2 މިލިއަން ޑޮލަރު ބައްސާމްގެ އަތުން ނަގައިދިނުމަށާއި ލޯންޑާ ކޮށްފައިވާ ފައިސާ ބޭނުންކޮށްގެން ބައްސާމް ހޯދި އަމީން އެވެނިއުގެ ދެ އެޕާޓްމަންޓް ދައުލަތަށް ނަގައިދިނުމަށްވެސް އެދިފައިވާނެ ކަމަށެވެ.
ބައްސާމުގެ މައްޗަށް ކުރާ ހިޔާނާތުގެ ދައުވާގެ އަދަބު ބަޔާންކޮށްފައިވަނީ ގާނޫނުލްއުގޫބާތުގެ 210 ވަނަ މާއްދާގެ (ށ)ގެ 2 ވަނަ ނަންބަރާ ހަވާލާދީއެވެ. އެ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުންނަމަ ހިޔާނާތްވި މުދަލުގެ އަގު 50،000 ރުފިޔާއަށް މަތިވާ ނަމަ، ނުވަތަ ވަގަށްނެގި މުދަލަކީ، ހަތިޔާރެއް ނުވަތަ އިންޖީނުލީ ދުއްވާއެއްޗެއް ނުވަތަ އިންޖީނުލީ ދޯންޏެއް ނުވަތަ އެ ނޫން ވެސް އިންޖީނު އެޅި އުޅަނދެއްކަމުގައިވާ ނަމަ، އެ ކުށަކީ، ޖިނާޔަތުގެ ހަތަރު ވަނަ ދަރަޖައިގެ ކުށެއް ކަމަށެވެ. ޖިނާޔަތުގެ ހަތަރު ވަނަ ދަރަޖައިގެ ކުށުގެ އަސާސީ އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ އަދަބެއްކަމަށް ބަޔާންކޮށްފައިވެއެވެ.
ކުރިމިނަލް ކޯޓުގައި މިއަދު ބޭއްވި ބައްސާމުގެ މައްޗަށްކުރާ ދައުވާގެ ޝަރީއަތުގައި ދައުލަތުގެ ވަކީލު އަހުމަދު ޝަފީއު ވިދާޅުވީ މި މައްސަލައިގައި ބައްސާމު ހިޔާނަތްތެރިވި ފައިސާގެ އަދަދު 500،000 ރުފިޔާއަށްވުރެ ގިނަ ކަމަށެވެ. އެކަން ފާހަގަކުރައްވައި ޝަފީއު ވިދާޅުވީ ބައްސާމުގެ މައްޗަށް ކުރާ ހިޔާނާތުގެ ދައުވާގައި ކުށް ބަޔާންކުރާ މާއްދާއަކީ ގާނޫނުލްއުގޫބާތުގެ 210 ވަނަ މާއްދާގެ (ށ)ގެ 1 ވަނަ ނަންބަރު ކަމަށް ބުންޏެވެ.
ގާނޫނުލްއުގޫބާތުގެ 210 ވަނަ މާއްދާގެ (ށ)ގެ 1 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވަނީ ހިޔާނާތްތެރިވި މުދަލުގެ އަގު 500،000 ރުފިޔާއަށް ވުރެ މަތިވާނަމަ، އެ ކުށަކީ، ޖިނާޔަތުގެ ތިން ވަނަ ދަރަޖައިގެ ކުށެއް ކަމަށެވެ. ގާނޫނުލްއުގޫބާތުގައިވާ ގޮތުން ޖިނާޔަތުގެ ތިން ވަނަ ދަރަޖައިގެ ކުށުގެ އަސާސީ އަދަބަކީ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލުންކަމަށް ބަޔާންކޮށްފައިވެއެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ދައުލަތުން އެދޭ ގޮތަށް ކުށުގެ އަދަބު ކަނޑައަޅާ މާއްދާ އިސްލާހު ކުރަން ކޯޓަށް ހުއްދަދެވޭނެ ކަމަށެވެ. ޝަފީއު ވިދާޅުވީ ދައުވާގައި ކުށް ބަޔާންކުރުމަށް ގޯހެއް ހެދިފަވަނީ ހިޔުމަން އެރާއެއްގެ ސަބަބުން ކަމަށެވެ. އެހެންކަމުން ދައުވާ އިސްލާހުކުރަން ކޯޓުން ފުރުސަތު ދޭންވާނެކަމަށް ގަބޫލުކުރާކަމަށް ޝަފީއު ވިދާޅުވިއެވެ.
ނަމަވެސް ދައުވާ އިސްލާހުކުރުމަށް ފުރުސަތު ކޯޓުން ދިނުމަށް ބައްސާމުގެ ވަކީލުން ވަނީ އިއުތިރާޒުކޮށްފައެވެ. ވަކީލު ވިދާޅުވީ ދައުލަތުން އެތައް ސަތޭކަ ވަކީލުންނާއެކު ނިކަމެތި އާންމު މީހަކާ ދެކޮޅަށް ތައްޔާރުކުރާ މައްސަލައެއްގައި ކުށެއް އޮވެގެންވާނެކަމަށް ގަބޫލުނުކުރާ ކަމަށެވެ. ވަކީލު ވިދާޅުވީ ދައުވާ އިސްލާހުކުރުމަށް ހުށަހަޅަންވެސް މިހާރު ވަގުތު ފާއިތުވެފައިވާ ކަމަށާއި މައްސަލައިގައި އިބްތިދާއީ މަރުހަލާގައި ދައުލަތުގެ ފަރާތުން ދައުވާ އިސްލާހުކުރަން ހުށަހެޅިނަމަ އެކަމާ އިއުތިރާޒް ނުކުރައްވާނެ ކަމަށެވެ.
ވަކީލު ވިދާޅުވީ އެތަކެއް ދުވަސްވަންދެން ދައުވާ އިސްލާހުކުރަން ހުށަނާޅައި، ދެން މި މަރުހަލާގައި އެކަމަށް ހުށަހެޅުމުން އެއީ ބަލައިގަނެވޭނެކަމެއް ނޫން ކަމަށެވެ.
ނަމަވެސް ދިފާއުގެ ވާހަކަތަކަށް ބަލައިނުގަނެ މި މައްސަަލަ ބައްލަވާ ގާޒީ މުހައްމަދު މިސްބާހު ވިދާޅުވީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 91 ވަނަ މާއްދާގެ ދަށުން ދައުވާ އިސްލާހުކުރުމުގެ ފުރުސަތު ދައުލަތަށް ދިނުމަށް ނިންމާ ކަމަށެވެ.
ބައްސާމުގެ މައްޗަށް ދައުލަތުން މީގެކުރިން ހިޔާނާތުގެ ދައުވާއެއް ސާބިތުވުމުގެ ސަބަބުން އޭނާ ދަނީ ހަތަރު އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ. ދައުލަތުން ބައްސާމުގެ މައްޗަށް ވަނީ މަނީ ލޯންޑަރިންގެ އިތުރު ދައުވާއެއްވެސް ކޮށްފައެވެ. އެ ދައުވާގެ އަޑުއެހުންތައް މިހާރު ނިމެން ކައިރިވެފައިވާއިރު ބައްސާމުގެ މައްޗަށް އެ ދައުވާ ސާބިތުވެެއްޖެނަމަ ފަސް އަހަރާއި 15 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެއެވެ. އަދި 100،000 ރުފިޔާއާއި 1،000،000 ރުފިޔާއާ ދެމެދުގެ ޖޫރިމަނާގެ އަދަބެއް އަންނާނެއެވެ.
މުހައްމަދު އިޝާން
ބައްސާމް އަދީލް ޖަލީލް
ބައްސާމް އަދީލް ޖަލީލް
ބައްސާމް އަދީލް ޖަލީލް