ވަގަށް އެތެރެކުރުމުން ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި ދެ ކޮންޓެއިނަރުގެ ސިނގިރޭޓު ވަގަށް ބޭރުކުރި މައްސަލައާ ގުޅިގެން ހައްޔަރުކުރި މިފްކޯގެ އިންޖިނިއަރިން އެންޑް ޕްރޮޖެކްޓްސް ޑިޕާޓްމަންޓުގެ ޖެނެރަލް މެނޭޖަރުގެ މަގާމު އަދާކުރައްވަމުންގެންދަވާ މުއާޒް އަލީގެ ބަންދަށް އިތުރު ދިހަ ދުވަސް ކްރިމިނަލް ކޯޓުން މިއަދު އިތުރުކޮށްފިއެވެ.

އެމްޕީއެލްގެ ހުޅުމާލެ އިންޓަނޭޝަނަލް ޓާމިނަލުން އެ ދެ ކޮންޓެއިންނަރު ތެރޭގައި ހުރި ސިނގިރޭޓް ވަގަށް ނެގި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މި މަހުގެ ނުވަ ވަނަ ދުވަހުއެވެ.

އެ މައްސަލައިގައި ހައްޔަރުކުރި ހަތަރު މީހުންގެ ތެރޭގައި ހިމެނޭ މުއާޒް، މިފްކޯއާ ގުޅުމުގެ އޭނާ ހުންނެވީ ކަސްޓަމްސްގެ ކުރީގެ ސީނިއާ ސުޕްރިންޓެންޑެންޓްގެ މަގާމުގައެވެ. އޭނާ ކަސްޓަމްސްގެ ވަޒީފާއިން ވަކިކުރީ ވެސް އެފަދަ މައްސަލައެއްގެ ތުހުމަތުގައި 2019 ވަނަ އަހަރުއެވެ.

އެ މައްސަލައިގައި މުއާޒް ވަނީ، މިފްކޯގެ އިންޖިނިއަރިން އެންޑް ޕްރޮޖެކްޓްސް ޑިޕާޓްމަންޓުގެ ޖެނެރަލް މެނޭޖަރުކަމުން 30 ދުވަހަށް ސަސްޕެންޑްވެސްކޮށްފައެވެ.

ސިނގިރޭޓު ވައްކަމުގެ މައްސަލައިގައި މުއާޒްގެ އިތުރުން ތިން މީހަކު ހައްޔަރުކުރިއެވެ. އޭގެ ތެރޭގައި ދެން ހިމެނެނީ ދެ ވިޔަފާރިވެރިޔަކާއި ކަސްޓަމްސްގެ އިސް މުވައްޒަފެކެވެ.

މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކުރި ހަަތަރު މީހުން:

  • އަހުމަދު އާރިފް (61އ)، މއ. އެވާގްލޯރީ
  • މުހައްމަދު ވަހީދު (65އ)، ދިގަލި، ބ. އޭދަފުށި
  • މުއާޒް އަލީ (48އ)، ހ. ނިއު ހެޕިނަސް
  • ޒިވާރް އިސްމާއިލް (40އ)، މެދުރީގެ، ހދ. ވައިކަރަދޫ

އޭގެ ތެރެއިން އާރިފަކީ ލޮޓަސްގެ ވެރިޔާއެވެ. ދިގަލި ވަހީދަކީ އެޕޯލޯގެ ވެރިޔާއެވެ. ދެން ހިމެނޭ މުއާޒަކީ ލިޓަސްގެ ވެރިޔާއެވެ. ޒިވާރަކީ ކަސްޓަމްސްގެ ސީނިއާ އޮފިސަރެއްގެ ގޮތުގައި މަސައްކަތްކުރާ މުވައްޒަފަކަށްވާ އިރު، މުއާޒަކީ ކަސްޓަމްސްގެ ކުރީގެ ސީނިއާ ސުޕްރިންޓެންޑެންޓްއެވެ.

އާރިފާއި ޒިވާރު 15 ދުވަހަށް ބަންދުކުރި އިރު، ދިގަލި ވަހީދުގެ ބަންދަށް ޖެހީ ދިހަ ދުވަހެވެ. މުއާޒުގެ ބަންދަށް މިދިޔަ ބުދަ ދުވަހު ޖަހާފައިވަނީ ފަސް ދުވަހެވެ. އެ މުއްދަތު ހަމަވުމުން ކްރިމިނަލް ކޯޓަށް މިއަދު ހާޒިރުކުރުމުން ވަނީ އިތުރު ދިހަ ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ.

މީގެ ކުރިން ތަހުގީގުކުރި މައްސަލައިގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ މުއާޒް، ރިޝްވަތަށް އެދިފައިވާ މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި މިމަހުގެ ތެރޭގައި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފައެވެ.

އެ މައްސަލައަކީ 2018 ވަނަ އަހަރު އަމިއްލަ ކުންފުންޏަކުން ރާއްޖެ އެތެރެކުރި 450 ސިނގިރޭޓް ކޭސް ކަސްޓަމްސްގެ ހުޅުމާލޭ ބޮންޑެޑް ވެއާހައުސްގައި ބެހެއްޓުމަށްފަހު، އެ ކޭސްތަކުގެ ތެރެއިން 430 ސިނގިރޭޓް ކޭސް ރީ-އެކްސްޕޯޓްކުރުމަށް ފުރިހަމަކުރަން ޖެހޭ ހުރިހާ އިޖުރާއަތެއް ފުރިހަމަކޮށް ހުޅުމާލޭ ބޮންޑެޑް ވެއާހައުސްއިން ދޫކޮށްފައިވީ ނަމަވެސް، އެ ސިނގިރޭޓް ކޭސްތައް ރީ-އެކްސްޕޯޓްކޮށްފައި ނުވާތީ، ކަސްޓަމްސްއިން ބަލަމުންދިޔަ މައްސަލައެކެވެ.

އޭސީސީން މީގެ ކުރިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކަސްޓަމްސްއިން ބަލަމުންދިޔަ އެ މައްސަލަ، އެ ކުންފުންޏަށް ފަހިވާ ގޮތަށް ނިންމުމުގެ މުގާބިލުގައި އެ އަމިއްލަ ކުންފުނީގެ ދެ ފަރާތެއްގެ ކިބައިން މުއާޒް އަލީ ރިޝްވަތަށް އެދިފައިވާކަން ތަހުގީގުން ހޯދިފައިވާ ކަމަށެވެ. ނަމަވެސް އެ ކުންފުނީގެ ނަމެއް އޭސީސީން އާންމުކޮށްފައެއް ނުވެއެވެ.

އެ މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި ހުށަހަޅާފައިވަނީ، ގާނޫނުލްއުގޫބާތުގެ 510 ވަނަ މާއްދާގެ ދަށުން އެނގި ހުރެގެން މަންފާއަކަށް އެދުމާއި، ގަބޫލުކުރުމާއި، ތިމާއަށްޓަކައި ނުވަތަ އެހެން މީހަކަށްޓަކައި އެ މަންފާ ގަބޫލުކުރުމަށް އެއްބަސްވުމުގެ ކުށުގެ ދައުވާ ކަމަށް އޭސީސީން ބުނެފައިވެއެވެ.