ސްޕެނިޝް ލީގުގައި ރޭ ރެއާލް މެޑްރިޑުން ކުޅުނު މެޗުގައި ހަނިގޮތަކަށް ގެޓާފޭ ބަލިކޮށްފިއެވެ.

ރަށުން ބޭރުގައި ރޭ ރެއާލުން ގެޓާފޭ ބަލިކުރީ 1-0 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާއެކު ރެއާލް އަނބުރާ އެއްވަނަ މަގާމު ހޯދީ ނުވަ މެޗުން 24 ޕޮއިންޓާއެކުގައެވެ. ރޭގެ މެޗުގެ ކުރިން ބާސެލޯނާ އެއްވަނައިގައި އޮތީ ނުވަ މެޗުން 22 ޕޮއިންޓާއެކުގައެވެ.

ރެއާލަށް އުނދަގުލުން ހޯދުނު މޮޅުގައި ގެޓާފޭއަށް އުނދަގޫ ހާލަތެއް ދިމާވީ މެޗުގެ ފަހުކޮޅުގައެވެ. 77 ވަނަ މިނެޓުގައި އެލަން ޔޯމަށް ރަތް ކާޑު ދެއްކުމުގެ އިތުރުން، އޭގެފަހުން 84 ވަނަ މިނެޓުގައި އެލެކްސް ސަންކްރިސް އަށްވެސް ވަނީ ރަތް ކާޑު ދައްކައިފައެވެ.

ރޭގެ މެޗު ފެށުމުގެ ކުރިން 15 ސިކުންތު ވަންދެން އެއްވެސް ހަރަކާތެއް ނުކޮށް، ދެޓީމުގެ ކުޅުންތެރިންވެސް ވަނީ ހިމޭން އިހުތިޖާޖެއްގައި ބައިވެރިވެފައެވެ. އެއީ ސްޕެނިޝް ލީގު މެޗެއް ގައުމުން ބޭރުގައި ކުޅެން އުޅޭތީ އެކަމާ ދެކޮޅަށް ސްޕެނިޝް ފުޓްބޯލާސް އެސޯސިއޭޝަނުން ހިންގާ ހަރަކާތެއްގައި ބައިވެރިވުމުގެ ގޮތުންނެވެ.

ރެއާލްގެ ކޯޗު ޒަބީ އެލޯންސޯ ފުރަތަމަ 11 އަށް ބަދަލުތަކެއް ގެނެސްގެން މެޗަށް ނުކުތް އިރު، ވިނީޝިއަސް ޖޫނިއާއާއި އާދާ ގުލާ ފަށާފައެއް ނުވެއެވެ. އޭގެ ބަދަލުގައި ޖޫޑް ބެލިންހަމްއާއި ރޮޑްރީގޯއަށް ފުރަތަމަ 11 އިން ފުރުސަތު ދީފައިވެއެވެ.

މެޗުގައި ހަމަލާތައް މަދުކޮށް ފެނުނު އިރު، ރެއާލްގެ ނުރައްކާ ބޮޑަށް ފެނުނީ ކިލިއަން އެމްބާޕޭގެ ފަރާތުންނެވެ. އޭގެ އިތުރުން އޮރެލިއަން ޗުއަމެނީއާއި ޑޭވިޑް އަލާބާގެ ހަމަލާތައް ނުރައްކާކޮށް ފެނުނު ނަމަވެސް، ރެއާލަށް ގޯލެއް ޖެހުނީ 80 ވަނަ މިނެޓުގައެވެ.

ބަދަލަކަށް ނުކުތް އާދާ ތަނަވަސްކޮށްދިން ފުރުސަތުގައި އެމްބާޕޭ ގޯލް ޖެހި އިރު، މެޗުގެ ފަރަގަކަށްވީ ހަމައެކަނި ގޯލެވެ.