ގައުމީ ޓީމުގެ ކުރީގެ ޑީފެންޑަރު އަބްދުﷲ ހަނީފް (ބެންޖޯ)، ކްލަބު އީގަލްސްގެ ކޯޗުކަމާ ހަވާލުވީ އިންޓަނޭޝަނަލް ބްރޭކްގެ ތެރެއިންނެވެ. ރާއްޖޭގެ ފުރަަތަމަ ޑިވިޝަނުގެ ފުޓުބޯޅަ، ދެ އަހަރެއްހާ ދުވަހަށް މެދުކެނޑުމަކަށްފަހު އަލުން ފަށައިގެން ކުރިއަށްދާ އިރު، މިހާތަނަށް ލީގުގައި ކުޅުނު މެޗުތަކުގައި އީގަލްސްއަށް އިރުޝާދު ދިނީ އަހުމަދު ނިމާދު (ނިމާ)އެވެ. އޭނާއަކީ އެ ކްލަބުގެ އެސިސްޓެންޓް ކޯޗުމުގައި ޒަމާންވީ ކޯޗެކެވެ. އޭގެ އިތުރުން ކެއާޓޭކާއެއްގެ ގޮތުގައި މީގެ ކުރިން ނިމާ ވަނީ ޓީމުގެ އެންމެ އިސް ކޯޗުގެ މަގާމު އެކި ފަހަރުމަތިން ކޮށްފައެވެ.

ނިމާ ކޯޗަކަށް ނުކުތީ، އެޓީމާ ހަވާލުވެ ހުރި މުހައްމަދު ޝިޔާޒް (މޯހަން) ގައުމީ ޓީމުގެ ކޯޗުމާ ހަވާލުވި ހިސާބުންނެެވެ. މި ސީޒަނުގެ ޕްރި ސީޒަނުގައިވެސް އީގަލްސްއިން މޯހަންގެ އިރުޝާދުގެ ދަށުން ތަމްރީނުތައް ފުރިހަމަކޮށްފައިވާ އިރު، ގައުމީ ޓީމާ އޭނާ ހަވާލުވީ ސީޒަން ފެށެން ކުޑަ ދުވަސްކޮޅަކަށްވެފައި ވަނިކޮށެވެ.

ނިމާއާއެކު މިހާތަނަށް ލީގުގައި ކުޅުނު ތިން މެޗުންވެސް އީގަލްސްއަށް މޮޅެއް ހޯދިފައި ނުވާ އިރު، ދެމެޗުން ވަނީ ބަލިވެފައެވެ. އަނެއް މެޗުންވީ އެއްވަރެވެ.

އެ ހާލަތަކީ އީގަލްސްއަށް ބަލާއިރު، އާއްމުކޮށް ފެންނަ ހާލަތެއް ނޫނެވެ. މިދިޔަ ދެތިން ސީޒަނެއްގައިވެސް އީގަލްސްއަކީ ތާވަލުގެ އެންމެ ކުރިއަށް ވާދަކުރި ޓީމެކެވެ. މިހާރު އޮތް ހާލަތުން އީގަލްސް ނަގާ ކޮޅަށް ޖަހަން މިހާރު ހަވާލުވެފައި ވަނީ އުމުރުން 41 އަހަރުގެ ކޯޗު، ބެންޖޯއާއެވެ.

ބެންޖޯ ޕްރި މެޗު ޕްރެސްގައި ފުރަތަމަވެސް ބުނީ އޭނާ ހަވާލުވުމުގެ ކުރިންވެސް ދެ ކޯޗުން މަސައްކަތް ކޮށްފައި އެބައޮތް ކަމަށާއި، އެ ދެކޯޗުން ޕްރި ސީޒަނުގައި މަސައްކަތްތަކެއް ކޮށްފައި އޮތް ކަމަށެވެ. އެހެންކަމުން އެ ދެކޯޗުންނަށް ޝުކުރު އަދާކުރާ ކަމަށްވެސް އޭނާ ބުންޏެވެ.

"ކޮންމެ ގޮތެއްވިޔަސް އީގަލްސް މިވަގުުތު މިއޮތް ހާލަތަކީ އީގަލްސްއަށް ބަލާއިރު އެންމެ ރަނގަޅު ހާލަތެއްގައެއް ނޫން. އީގަލްސްއަށް ބަލާއިރު އޮންނަން ޖެހޭ ހާލަތެއްގައި ނޫން ނަމަވެސް، އިރާދަކުރެއްވިއްޔާ މި ހާލަތު ބަދަލުކުރާނަން،" ބެންޖޯ އުންމީދާއެކު ބުންޏެވެ.

ބެންޖޯއަކީ ފުރަތަމަ ޑިވިޝަނުގެ ތަޖުރިބާ ބޮޑު ކުޅުންތެރިއެކެވެ. 2005 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރާ ހަމައަށް އޭނާ ފުރަތަމަ ޑިވިޝަނުގައި ކުޅެފައިވާ އިރު، ގިނަ ކްލަބުތަކަކަށް ކުޅެ، އެންމެފަހުން ނިންމާލީ އީގަލްސްއަށް ކުޅެމުންނެވެ.

"އަޅުގަނޑަށް ލިބޭ އެޑްވާންޓޭޖެއް އެއީ އަޅުގަނޑާއެކު ކްލަބުގައި ކުޅެފައި ތިބި ސީނިއާ ކުޅުންތެރިން ގިނަވުމަކީ. އެންމެ ބޮޑަށް ބޭނުންވަނީ އެ ކުޅުންތެރިންގެ ހިތްވަރު. އެ ކުޅުންތެރިންނަށް މި ރަނގަޅު ކުރެވޭނީވެސް. އެ ސީނިއާ ކުޅުންތެރިންނާއެކުގައި މަސައްކަތްކޮށް، މި ރަނގަޅު ކުރެވެން އޮތް ހުރިހާ ގޮތަކަށް މަސައްކަތް ކުރާނަން،" ބެންޖޯ ބުންޏެވެ.

ބެންޖޯ ފާހަގަކުރީ އީގަލްސް މިހާރު މިއޮތް ހާލަތުން ޓީމުގެ ޕްލޭނަށާއި، ޓެކްޓިކްސްއަށްވެސް ބަދަލު ގެންނަން ޖެހޭ ކަމަށާއި، އެ ބަދަލުތައް ފެންނާނެ ކަމަށެވެ.

"އަސްލު މިވަގުތު އެންމެ މުހިއްމީ އީގަލްސް، އީގަލްސްގެ ގޮތުގައި ގަބޫލުކުރުން. އެކަންތައް ކުރުމަށް މި މަސައްކަތް ކުރަނީ. އެ ބިލީފް އޮންނަން ޖެހޭނެ. އެކަމަށް ކުޅުންތެރިންގެ މެންޓާލިޓީ ތައްޔާރުކުރުން އެއީ ވަރަށް މުހިއްމު ކަމެއް. އެކަން ބޭނުންވޭ މި ޓީމަށް. ދެން އަނިޔާގެ މައްސަލަތައް ހުރި ނަމަވެސް، އެއީ މައްސަލައެއް ކަމަށް ބަލައި، ޝަކުވާއަކަށް ހަދައިގެން ވިސްނޭކަށް ނެތް. އެކަމަށް ނުވެސް ވިސްނާނަން،" ބެންޖޯ ބުންޏެވެ.

އީގަލްސްއިން މިއަދު ކުޅޭ މެޗުގައި މިވަގުތު ފޯމު ރަނގަޅުކޮށް އޮތް އޮޑި ސްޕޯޓްސް ކްލަބާ ދެކޮޅަށް ނުކުންނާނީ ހަވީރު 4:00 ގައެވެ.