ދައުލަތުން ދެ މިލިއަން ޑޮލަރު ދޭން ހުކުމްކޮށްފައިވާ ސެންޓާ އެންޓަޕްރައިސަސް އިން ލިޔެކިޔުން ފޯޖުކޮށް، މަކަރާއި ހީލަތުން ދައުލަތުން ފައިސާ ހޯދަން މަސައްކަތްކުރާ ކަމަށް ބެލެވޭތީ، އެ ކުންފުންޏާ ދެކޮޅަށް ޖިނާއީ ތަހުގީގެއް ހިންގުމަށް ފުލުހުންނަށް ހުށަހެޅުމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ހެލްތު މިނިސްޓްރީއަށް އަންގައިފިއެވެ.

އެ މައްސަލައަކީ ޑިޕާޓްމަންޓް އޮފް މެޑިކަލް ސާވިސް (ހެލްތު މިނިސްޓްރީ /ދިވެހި ދައުލަތް) އާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން، 2006 އިން 2010 ވަނަ އަހަރާ ދެމެދު ރަށްރަށުގެ ހެލްތު ސެންޓަރުތަކަށާއި ހެލްތު ޕޯސްޓްތަކާއި ރީޖަނަލް ހޮސްޕިޓަލްތަކަށް ފޯރުކޮށްދީފައިވާ ސިއްހީ ހިދުމަތާބެހޭ ސާމާނުތަކަށް ދައުލަތުން ދައްކަން ޖެހޭ ފައިސާ ނުދައްކައިގެން ހުށަހެޅި މައްސަލައެކެވެ.

ދައުލަތާ ދެކޮޅަށް ސިވިލް ކޯޓުގައި ކުރި އެ ދައުވާގައި ސެންޓަ އެންޓްޕްރައިސަސްގެ ފަރާތުން އެދުނީ ދައުލަތުން ދައްކަން ޖެހޭ ދެ މިލިއަން ޑޮލަރާއި ދައުލަތުން މި ފައިސާ ދައްކާފައި ނުވާތީ، ސާޗާޖަށް ލިބެން ޖެހޭ 3.6 މިލިއަން ޑޮލަރާއެކު ޖުމުލަ 5.1 މިލިޔަން ޑޮލަރު ދައުލަތުން ނަގައިދުނުމަށެވެ.

ނަމަވެސް 28 މާޗް 2023 ގައި ސިވިލް ކޯޓުން ކުރި ހުކުމްގައި ވަނީ ސާޗާޖުގެ ގޮތުގައި ހޯދުމަށް އެދިފައިވާ 3.6 މިލިއަން ޑޮލަރަކީ ނަގައިދެވޭނެ ފައިސާއެއް ކަމަށް ނުދެކޭ ކަމަށެވެ. ނަމަވެސް އެ ތަކެއްޗަށް ދައްކަން ޖެހޭ ކަމަށް ސެންޓަ އެންޓްޕްރައިސަސް އިން ބުނެފައިވާ ދެ މިލިއަން ޑޮލަރަކީ ދައުލަތުން ދައްކަން ޖެހޭ ފައިސާއެއްކަން ސާބިތުވާ ކަމަށް ކަނޑައަޅައި، އެ ކުންފުންޏަށް ފައިސާ ލިބިދިނުމުގެ ގޮތުން އެ އަހަރުގެ އޭޕްރީލް މަހުގެ 28 ގެ ކުރިން އެ ފައިސާ ސިވިލް ކޯޓަށް ދައްކަން އެ ކޯޓުން ހުކުމް ކުރިއެވެ.

ހުކުމާ މެދު ހިތްހަމަނުޖެހިގެން ހެލްތު މިނިސްޓްރީން އެ މައްސަލަ ހައިކޯޓަށް ހުށަހެޅުމުން، މިދިޔަ ފެބްރުއަރީ މަހުގެ 11 ގައި ހައިކޯޓުން ހުކުމްކުރީ ސިވިލްކޯޓުގެ ހުކުމް ބާތިލު ކުރާން ޖެހޭ ޝަރުއީ ނުވަތަ ގާނޫނީ ސަބަބެއް ނެތް ކަމަށް ކަނޑައަޅާ ކަމަށެވެ. އެހެންކަމުން ހެލްތު މިނިސްޓްރީން ވަނީ މިމަހުގެ ތެރޭ އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައެވެ.

އެ މައްސަލައިގައި އޮޑިޓް އޮފީހުން މިއަދު އާންމުކުރި އޮޑިޓް ރިޕޯޓުގައި ވަނީ، އެ ފައިސާ ހޯދުމަށް ސެންޓާ އެންޓަޕްރައިސަސް އިން ލިޔެކިޔުން ފޯޖުކޮށްފައިވާކަން ފާހަގަކޮށްފައެވެ. އެގޮތުން ސެންޓާ އެންޓަޕްރައިސަސް އިން ހުށަހަޅާ ލިޔެކިޔުންތަކުގައި ޑިޕާޓްމަންޓް އޮފް މެޑިކަލް ސާވިސް (ޑީއެމްއެސް)ގެ އެސިސްޓަންޓް ޕްރޮޖެކްޓް މެނޭޖަރުގެ ގޮތުގައި "އައިޝަތު ހަލީމް"ގެ ނަމުގައި ސޮއިކޮށްފައިވީ ނަމަވެސް، އެ ނަމުގައި ޑީއެމްއެސް އަދި ހެލްތު މިނިސްޓްރީގައި ވެސް މުވައްޒަފަކު މަސައްކަތްކޮށްފައި ނުވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުންޏެވެ.

އޭގެ އިތުރުން އައިޝަތު ހަލީމްގެ ނަމުގައި ސޮއިކޮށް ސިވިލް ކޯޓަށް ހުށަހަޅާފައިވާ އެކި ލިޔެކިޔުންތަކުގައި އެ ފަރާތުގެ މަގާމުގެ ނަން އެކި ނަންނަމުގައި ބަޔާންކޮށްފައިވާ ކަމަށާއި 2008 ވަނަ އަހަރުގެ ތެރޭގައި ޑީއެމްއެސްއަށް ސަޕްލައިކުރި ކަމަށްބުނާ އައިޓަމްތަކުގެ ތެރެއިން އެއްބަސްވުމުގައި ސޮއިކުރި ތާރީހާއި އެ ކުންފުނިން ހުށަހަޅާފައިވާ ޑެލިވަރީ ނޯޓުގެ ތާރީހާ ދެމެދު ސެންޓާ އެންޓަޕްރައިސަސްގެ ނަމުގައި އެހާތަނަށް އެތެރެކޮށްފައިވަނީ ހަމައެކަނި ހަތަރު އައިޓަމް ކަމަށް އޮޑިޓް ރިޕޯޓުގައި ބުންޏެވެ.

އޮޑިޓް ރިޕޯޓުގައި ބުނީ ސެންޓާ އެންޓަޕްރައިސަސް އިން ހުށަހަޅާފައިވާ ޑެލިވަރީ ނޯޓާއި އެ ކުންފުނީގެ ނަމުގައި ތައްޔާރުކޮށްފައިވާ އިންވޮއިސްގައި ޑީއެމްއެސްގެ ފަރާތުން ތަކެއްޗާ ހަވާލުވި ފަރާތަކީ ވެސް އައިޝަތު ހަލީމް ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ. އަދި އޭގެ އިތުރުން ވެސް ކޯޓަށް ހުށަހަޅާފައިވާ ގިނަ ލިޔެކިޔުންތަކެއް މަދު ކަމަށް އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

ގިނަ މައްސަލަތަކެއް ފާހަގަކޮށް އޮޑިޓް ރިޕޯޓުގައި ބުނީ، ސެންޓާ އެންޓަޕްރައިސަސްއިން ސިވިލް ކޯޓަށް ހުށަހެޅި ދައުވާ ސާބިތުކުރުމަށް ހުށަހެޅި ލިޔެކިޔުންތަކަކީ ފޯޖުކޮށްގެން އުފައްދާފައިވާ ސައްހަ ނޫން ލިޔެކިޔުންތަކެއް ކަމަށް ބެލެވޭ ގިނަ ކަންތައްތަކެއް ފާހަގަކުރެވޭތީ އާއި، އުފައްދާފައިވާ ސައްހަ ނޫން ލިޔެކިޔުންތަކެއް ރާއްޖޭގެ ކޯޓުތަކަށް ހުށަހަޅައިގެން ދައުލަތަށް ފޯރުކޮށްނުދޭ މަދަލަކަށް މަކަރާއި ހީލަތުން ދައުލަތުން ފައިސާ ހޯދުމަށް މަސައްކަތްކުރާ ކަމަށް ބެލެވޭތީ، އެ ކުންފުނިން ހުށަހެޅި ލިޔެކިޔުންތަކުގެ ފޮރެންސިކް އެނަލިސިސް ހެދުމަށާއި، އެކަމުގައި ޝާމިލުވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށްޓަކައި އެ މައްސަލައިގެ ޖިނާއީ ތަހުގީގެއް ކުރުމަށް ފުލުހުންނަށް ހުށަހެޅުމަށް ދަންނަވާ ކަމަށެވެ.