އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓްރީން 2019 އިން 2023 އާ ދެމެދު ހިންގި 634 މަޝްރޫއަކަށް ޖުމުލަ 23.06 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ އިރު، އެ މަޝްރޫއުތަކުގެ ޕްރޮކިއުމަންޓާއި ފައިސާ ދެއްކުމުގައި ގިނަ މައްސަލަތަކެއް ހުރިކަން އޮޑިޓާ ޖެނެރަލްގެ އޮފީހުން ނެރުނު ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފިއެވެ.
މިއަދު އާންމުކުރި މި ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި، މާލެއާއި ހުޅުމާލޭގައި 20 އޮޓޮމެޓިކް ޕާކިން ސިސްޓަމް ބެހެއްޓުމަށް ހިންގި 59.35 މިލިއަން ރުފިޔާގެ މަޝްރޫއުގެ ޕްރޮކިއުމަންޓާއި ފައިސާ ދެއްކުމުގައި ފާހަގަވި ކަންކަމާއި، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް ލިބެންޖެހޭ ފައިސާ ހޯދުމަށް މަސައްކަތް ކޮށްފައިނުވުން ހިމެނެއެވެ.
މީގެ އިތުރުން 2024 ވަނަ އަހަރު ހިނގި އަލިފާނުގެ ހާދިސާއެއްގެ ސަބަބުން ބައެއް ހަރަދުތަކާ ގުޅޭ ލިޔެކިޔުންތައް ގެއްލިފައިވާ ކަމަށާއި، އެ ހާދިސާގައި އަދާފައިވާ ހަރުމުދަލުގެ މައުލޫމާތު ޕަބްލިކް އެކައުންޓިން ސިސްޓަމްގައި އަދާހަމަކޮށްފައިނުވާކަންވެސް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.
އޮޑިޓް ރިޕޯޓުގައި މައިގަނޑު ގޮތެއްގައި ބަލާފައިވަނީ، ކޮންޓްރެކްޓަރުން ހޮވުމުގައި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދަށް އަމަލުކޮށްފައިވޭތޯއާއި، ބިލްތަކަށް ފައިސާ ދޫކުރީ ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށްތޯއާއި، ފާސްކުރެވުނު ބަޖެޓާ އެއްގޮތަށް ހަރަދުކޮށްފައިވޭތޯއެވެ. ހަމައެހެންމެ ކެންސަލްކޮށްފައިވާ ކޮންޓްރެކްޓްތަކަށް އެޑްވާންސްގެ ގޮތުގައި ދޫކޮށްފައިވާ ފައިސާ އަނބުރާ ހޯދާފައިވޭތޯ ވެސް ބެލިއެވެ.
ކުރީ ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި ކުރިއަށްގެންގޮސްފައިވާ މަޝްރޫއުތަކުގެ ތެރެއިން، އޮޓްކުރި މުއްދަތު (ޖުލައި 2026)ގެ ނިޔަލަށް އެކިއެކި ސަބަބުތަކާ ހެދި ބާތިލުކޮށްފައިވާ 25 މަޝްރޫއަށް އެޑްވާންސް ފައިސާގެ ގޮތުގައި ދޫކޮށްފައިވާ ޖުމުލަ 180.2 މިލިއަން ރުފިޔާގެ ތެރެއިން ޖުމުލަ 136.5 މިލިއަން ރުފިޔާ ނުލިބޭކަން އޮޑިޓް ރިޕޯޓުގައި ފާހަގަކުރިއެވެ. އެއީ ލިބެންޖެހޭ ފައިސާގެ ތެރެއިން 76 އިންސައްތަ ފައިސާއެވެ.
އޮޑިޓް ރިޕޯޓުގައި ބުނި ގޮތުގައި އެއްބަސްވުން ބާތިލުކޮށްފައިވާ މަޝްރޫއުތަކުން އެޑްވާންސްގެ ގޮތުގައި ދީފައިވާ ފައިސާ އަނބުރާ ހޯދުމަށް މިނިސްޓްރީން ބައެއް ކޮންޓްރެކްޓަރުންނަށް ސިޓީ ފޮނުވާފައިވީ ނަމަވެސް، ދައުލަތުގެ މާލިއްޔަތު ގަވާއިދުގައި ބަޔާންކޮށްފައިވާ ފިޔަވަޅުތައް އެ ފިޔަވަޅެއް އަޅަންޖެހޭ މުއްދަތުގައި އަޅައިފައެއް ނުވެއެވެ. އެގޮތުން ފައިސާ ދެއްކުމަށް ކަނޑައަޅާފައިވާ މުއްދަތުގައި ފައިސާ ނުލިބިއްޖެ ނަމަ، ހަތް ދުވަހުގެ ތެރޭގައި ލިޔުމަކުން ހަނދާންކޮށްދީ، އިތުރު ހަތް ދުވަސް ދީގެންވެސް ފައިސާ ނުލިބިއްޖެ ނަމަ، ފައިސާ ހޯދުމަށް ޝަރީއަޔަށް ހުށަހަޅާފައިނުވާ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.
ބާތިލުކޮށްފައިވާ 25 މަޝްރޫއުގެ ތަފްސީލުތައް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ އިރު، އޭގެ ތެރެއިން އެއް މަޝްރޫއަކީ ކުޅުދުއްފުށި ސިޓީގެ 400 ހައުސިން ޔުނިޓުގެ މަޝްރޫއެވެ. އެ މަޝްރޫއަށް އެޑްވާންސް ފައިސާގެ ގޮތުގައި 65.99 މިލިއަން ރުފިޔާ ދޫކޮށްފައިވާ އިރު، އޭގެ ތެރެއިން 90 އިންސައްތަ ފައިސާ އަނބުރާ ހޯދައިފައެއް ނުވެއެވެ. އެ މަޝްރޫއުގެ ކޮންޓްރެކްޓު ބާތިލުކުރި އިރު، ނިމިފައިވަނީ 18.74 އިންސައްތަ މަސައްކަތެވެ. އޭގެ ފަހުން މިދިޔަ އޮގަސްޓް 26 ގައި މި ސަރުކާރުން އެ މަޝްރޫއު ހަވާލުކޮށްފައިވަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއެވެ.
ބާތިލުކޮށްފައިވާ މަޝްރޫއުތަކުގެ ތެރެއިން 14 މަޝްރޫއަކީ ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫތަކެވެ. އެ މަޝްރޫއުތައް ކުރިއަށްގެންދިއުމަށް ޖުމުލަ 63 މިލިއަން ރުފިޔާ އެޑްވާންސް ފައިސާގެ ގޮތުގައި ދޫކޮށްފައިވާ އިރު، އޭގެ ތެރެއިން 51.8 މިލިއަން ރުފިޔާ އަނބުރާ ހޯދާފައިނުވާކަން އޮޑިޓުގައި ވަނީ ފާހަގަކޮށްފައެވެ. އެ މަޝްރޫއުތައް އެކަށީގެންވާ މިންވަރަށް ކުރިއަށްގޮސްފައިނުވާ އިރު، އެ 14 މަޝްރޫއުގެ މަސައްކަތް މިހާރު ކުރިއަށްގެންދަނީ މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ)އާ ހަވާލުކޮށްގެންނެވެ.
އޮޑިޓު ރިޕޯޓުގައި ވަނީ، ބައެއް ކޮންޓްރެކްޓަރުން މަސައްކަތް އެކަށީގެންވާ ގޮތެއްގައި ކުރިއަށްގެންގޮސްފައިނުވުމުން، އެ މަޝްރޫއުތައް އެހެން ފަރާތްތަކާ ހަވާލުކޮށްގެން ކުރިއަށްގެންދިއުމަށް 112.33 މިލިއަން ރުފިޔާ ދައުލަތުން އިތުރަށް ހަރަދުކުރަން ޖެހިފައިވާކަން ފާހަގަކޮށްފައެވެ. އަދި ގިނަ މަޝްރޫއުތަކެއް ދެ ފަރާތުން ވެފައިވާ އެއްބަސްވުމުގައި ކަނޑައަޅާފައިވާ މުއްދަތަށް ނިމިފައިނުވުން ވެސް ވަނީ ފާހަގަކޮށްފައެވެ.
އެ ހުރިހާ މައްސަލަތަކެއް ފައިސާގެ ތަފްސީލުތަކާއެކު ހާމަކޮށް، އޮޑިޓް އޮފީހުން ވަނީ އެކަންކަން އިސްލާހުކުރުމަށް ލަފާދީފައެވެ.
އޮޑިޓް އޮފީސް
އޮޑިޓް އޮފީސް
ކޮމެންޓް