ވ. އަތޮޅު ކައުންސިލްގެ އިދާރާގެ އޮފީސް އިމާރާތް މަރާމާތުކުރުމާއި ފައިބަގްލާސް ޑިންގީއެއް ގަތުމުގެ މަސައްކަތުގައި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ ހިލާފު ގިނަ ކަންތައްތަކެއް ހިނގާފައިވާކަން އޮޑިޓާ ޖެނެރަލްގެ އޮފީހުން ނެރުނު އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފިއެވެ.

އޮޑިޓާ ޖެނެރަލްގެ އޮފީހުން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު ވ. އަތޮޅު ކައުންސިލްގެ 2024 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުން، ކައުންސިލްގެ އިދާރާގެ އޮފީސް އިމާރާތުގެ މަރާމާތާއި ޖާގަ އިތުރުކުރުމުގެ މަސައްކަތްކުރުމަށް ވެފައިވާ 3،938،534 (3.9 މިލިއަން) ރުފިޔާގެ އެއްބަސްވުމުގެ އަގަށް ދެ ފަހަރެއްގެ މަތިން ވަނީ ބަދަލު ގެނެސްފައެވެ.

އެގޮތުން ޖުމުލަ 794،615 ރުފިޔާ އެއްބަސްވުމުގެ އަގަށް އިތުރުކޮށްފައިވާ އިރު، އޭގެ ތެރޭގައި ހިމެނޭ "ބިލް އޮފް ކުއަންޓިޓީސް" (ބީއޯކިއު) ގައި ނުހިމެނޭ 505،241 ރުފިޔާގެ މަސައްކަތް ކޮންޓްރެކްޓަރާ ހަވާލުކޮށްފައިވަނީ ކައުންސިލްގެ ބިޑް ކޮމިޓީ އަދި ނޭޝަނަލް ޓެންޑާ ބޯޑުގެ ހުއްދައާ ނުލައެވެ.

މީގެ އިތުރުން، 500،000 ރުފިޔާއަށް ވުރެ ބޮޑެތި މަސައްކަތްތަކުގައި ޕާފޯމަންސް ގެރެންޓީ ނަގަން ޖެހޭނެ ކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވީ ނަމަވެސް، މި މަސައްކަތް ހަވާލުކޮށްފައިވަނީ ޕާފޯމަންސް ގެރެންޓީ ނުހޯދައެވެ. އަދި މަސައްކަތަށް އެޑްވާންސް ފައިސާގެ ގޮތުގައި 638،042 ރުފިޔާ ދައްކާފައިވާ އިރު، އެޑްވާންސް ޕޭމަންޓް ގެރެންޓީ ހޯދާފައިނުވާކަމާއި، ކޮންޓްރެކްޓަރު ހުށަހެޅި ވަކިވަކި ބިލުތަކުން އެޑްވާންސް ފައިސާ އުނިކުރަމުން ގޮސްފައިނުވާކަން ވެސް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ކޮންޓްރެކްޓަރަށް ފައިސާ ދޫކުރަމުން ދިޔައިރު ގަވާއިދާ އެއްގޮތަށް ރިޓެންޝަން ފައިސާ އުނިކުރަމުން ގޮސްފައިނުވުމުގެ ސަބަބުން، ރިޓެންޝަން ފައިސާގެ ގޮތުގައި އުނިކުރަން ޖެހޭ އަދަދަށްވުރެ މަސައްކަތުގެ އަގުން ބާކީހުރި ފައިސާ މަދުކަން ވަނީ ފާހަގަކުރެވިފައެވެ. ރިޓެންޝަން ފައިސާގެ ގޮތުގައި 223،693 ރުފިޔާ އުނިކުރަން ޖެހޭ އިރު، މަސައްކަތް ލަސްވެގެން ކަނޑަން ޖެހޭ ލިކުއިޑޭޓެޑް ޑެމޭޖަސްގެ 141،994 ރުފިޔާ އުނިކުރުމުން ކޮންޓްރެކްޓަރަށް ދޫކުރަން ބާކީ ހުރީ 101،873 ރުފިޔާއެވެ. އެހެންކަމުން މިއީ ރިޓެންޝަން ފައިސާގެ ގޮތުގައި ބަހައްޓަން ޖެހޭ އަދަދަށް ވުރެ 121،820 ރުފިޔާ މަދު އަދަދެކެވެ.

އަތޮޅު ކައުންސިލްގެ ބޭނުމަށް 115 ހޯސްޕަވަރުގެ އިންޖީނަކާއެކު 22 ފޫޓުގެ ފައިބަގްލާސް ޑިންގީއެއް ސަޕްލައިކުރުމަށް 24 މާޗު 2024 ގައި އަމިއްލަ ފަރާތަކާ ހަވާލުކުރި 469،713 ރުފިޔާގެ މަސައްކަތުގައި ވެސް މައްސަލަތަކެއް ވަނީ ފާހަގަކޮށްފައެވެ. އެގޮތުން 29 ދުވަހުގެ ތެރޭގައި ނިންމަން ހަވާލުކުރި މި މަސައްކަތުގެ އެއްބަސްވުމުގައި، މަސަައްކަތް ލަސްވުމުން ލިކުއިޑޭޓެޑް ޑެމޭޖަސް ނަގާނެ ގޮތެއް ބަޔާންކޮށްފައެއް ނުވެއެވެ. އަދި މަސައްކަތާ ހަވާލުވި ފަރާތުން ކައުންސިލާ އުޅަނދު ހަވާލުކުރި ތާރީހު ކަށަވަރުކުރެވޭނެ ގޮތަށް ލިޔެކިޔުން ބަލަހައްޓާފައިނުވާކަން ވެސް ރިޕޯޓުގައި ބުނެފައިވެއެވެ.

މި ކަންކަން އިސްލާހުކުރުމަށްޓަކައި، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް އެއްބަސްވުންތަކަށް ބަދަލު ގެނައުމަށާއި، ގެރެންޓީތައް ހޯދުމަށާއި، އަދި މަސައްކަތްތައް ބަލައިގަންނަ ތާރީހު އެނގޭނެހެން ރެކޯޑުތައް ބެލެހެއްޓުމަށް އޮޑިޓާ ޖެނެރަލް ވަނީ ކައުންސިލަށް ލަފާދެއްވައިފައެވެ.

އޮޑިޓް އޮފީހުން ކައުންސިލަށް މިގޮތަށް އަންގާފައިވީ ނަމަވެސް، ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާއެކު މިހާރު އަތޮޅު ކައުންސިލުތައް ވަނީ އުވިފައެވެ. އެހެންކަމުން މިހާރު އެ ކައުންސިލުތަކުގެ ހުރިހާ ކަމެއް ކުރަމުން އަންނަނީ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިންނެވެ.