ކުރީގެ ސަރުކާރުގައި ކ. މާފުށީ ޖަލުގައި ހައި-ސެކިއުރިޓީ ވިންގެއް އެޅުމުގެ މަޝްރޫއުގެ ތެރެއިން، ވުޖޫދުގައި ނެތް އިމާރާތެއް ތަޅާލުމަށް ކަމަށް ބުނެ 2.9 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް އޮޑިޓް އޮފީހުން ނެރުނު ހޯމް މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ބުނެފިއެވެ.
އޮޑިޓް އޮފީހުން މިމަހުގެ އަށްވަނަ ދުވަހު ވަނީ 2022 ވަނަ އަހަރާއި 2023 ވަނަ އަހަރުގެ ހޯމް މިނިސްޓްރީގެ ކޮންޕްލެޔަންސް އޮޑިޓް ރިޕޯޓް އާންމުކޮށްފައެވެ.
އެ ރިޕޯޓުގައިވާ ގޮތުން ކ. މާފުށީ ޖަލުގައި 50 ގޮޅީގެ ހައިސެކިއުރިޓީ ވިންގަކާއި 18 ގޮޅި އަދި ސެކިއުރިޓީ ޕޯސްޓެއް އިމާރާތް ކުރުމުގެ މަސައްކަތް ކޮށްފައިވެއެވެ.
މި މަސައްކަތް އަވަސްކުރުމަށް ކަމަށް ބުނެ ހަވާލުކޮށްފައިވަނީ ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އާ އެވެ. އަދި ޕޮލްކޯއިން ވަނީ އެއްވެސް ބިޑު ކުރުމެއް ނެތި އެ މަސައްކަތް ވީ އަވާ އިންވެސްޓްމަންޓް ނަމަކަށް ކިޔާ އަމިއްލަ ކުންފުންޏަކަށް ސަބް-ކޮންޓްރެކްޓް ކޮށްފަ އެވެ.
މި މަޝްރޫއުގެ ދަށުން، 50 ގޮޅީގެ މަސައްކަތް ކުރާ ސަރހައްދުގައި ހުރިކަމަށް ބުނާ އިމާރާތެއް ތަޅާލައި އެ ސަރަހައްދު ސާފުކުރުމަށް 2.9 މިލިއަން ރުފިޔާ ބީއޯކިޔުގައި ހިމަނައި އެ މަސައްކަތަށްވާ ފައިސާ ޕޮލްކޯއަށް ދީފައިވާކަމަށް އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައި އޮތް ނަމަވެސް މަސައްކަތް ޕޮލްކޯއާ ހަވާލުކުރުމުގެ ކުރިން 2022 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހު ގޫގުލް އާތުއިން ނަގާފައިވާ ފޮޓޯތަކަށް ބަލާއިރު، އެ ދުވަސްވަރު އެ ސަރަހައްދުގައި އެއްވެސް އިމާރާތެއް ނެތްކަން އެނގެން އޮންނަ ކަމަށް އޮޑިޓް ރިޕޯޓްގައި ބުނެފައިވެ އެވެ.
އެހެންކަމުން، ކުރިން ހުރި އިމާރާތެއް ތަޅާލައިގެން ސައިޓު ސާފުކުރުމަށް ބީއޯކިޔުގައި ހިމަނާފައިވުމާއި، އެ މަސައްކަތަށް ޕޮލްކޯއަށް ފައިސާ ދޫކޮށްފައިވުމަކީ ނުކުރާ މަސައްކަތަކަށް ފައިސާ ދީފައިވާ ކަމެއް ކަމަށް އޮޑިޓް ރިޕޯޓްގައިވެއެވެ. އަދި އެ މައްސަލަ ތަހުގީގުކޮށްދޭން އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅަންވެސް އޮޑިޓުގައި ލަފާ ދީފައިވެއެެވެ.
އަލީ ޔާމިން
މިނިސްޓްރީ އޮފް ހޯމްއެފެއާޒް
މިނިސްޓްރީ އޮފް ހޯމްއެފެއާޒް
ކޮމެންޓް