އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުގައި ލިވަޕޫލް ދަނޑުގައި މެންޗެސްޓާ ޔުނައިޓެޑުން މޮޅުވެއްޖެއެވެ.

ޔުނައިޓެޑުން މިރޭ ލިވަޕޫލް ބަލިކުރީ 2-1 ގެ ނަތީޖާއަކުންނެވެ. މިރޭގެ މެޗަށް ނުކުުތުމުގެ ކުރިން، އިންޓަނޭޝަނަލް ބްރޭކް ކުރިން ކުޅުނު މެޗުންވެސް ޔުނައިޓެޑް މޮޅުވެފައިވާ އިރު، މިއީ ކޯޗު ރުބެން އަމޯރިމްއާއެކު އެޓީމުން ލީގުގައި ޖެހިޖެހިގެން ދެވަނަ މޮޅެއް ހޯދި ފުރަތަމަ ފަހަރެވެ.

އޭގެ އިތުރުން މިއީ 2016 ވަނަ އަހަރަށްފަހު ޔުނައިޓެޑުން ލިވަޕޫލް ދަނޑުގައި އެޓީމު ބަލިކުރި ފުރަތަމަ ފަހަރުވެސް މެއެވެ. އެފަހަރު ޔުނައިޓެޑުން 1-0 އިން މޮޅުވީ ވޭން ރޫނީ ޖެހި ގޯލުންނެވެ.

ޔުނައިޓެޑް އަތުން ބަލިވި ލިވަޕޫލަށް މިއީ އުނދަގޫ ދުވަސްތަކެކެވެ. އެންމެފަހުން އެޓީމުން ކުޅުނު ހަތަރު މެޗުން ބަލިވެފައިވާ އިރު، މިއީ 2014 ވަނަ އަހަރު ފަހުން އެޓީމުން ޖެހިޖެހިގެން ހަތަރު މެޗުން ބަލިވި ފުރަތަމަ ފަހަރެވެ.

ލިވަޕޫލަށް މިރޭ ގެއްލުނު ޕޮއިންޓްތަކާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ ހަތަރު ވަނައިގައެވެ. އެޓީމަށް އަށް މެޗުން 15 ޕޮއިންޓް ލިބިފައިވާ އިރު، މިވަގުތު އެއްވަނައިގައި އޮތް އާސެނަލަށް ވަނީ އަށް މެޗުން 19 ޕޮއިންޓް ލިބިފައެވެ. މެޗުން މޮޅުވެ، ޔުނައިޓެޑް ވަނީ ނުވަ ވަނައަށް ޖެހިލައިފައެވެ. އެއީ އަށް މެޗުން 13 ޕޮއިންޓާއެކުގައެވެ.

މެޗު ފެށިގެން މިނެޓެއް ހިނގިތަނާ ޔުނައިޓެޑުން ވަނީ ލިވަޕޫލް ސަޕޯޓަރުންގެ އަޑު މަޑުކޮށްލައިފައެވެ. ބްރަޔަން އެމްބުއޭމޯ އޭރިއާ ތެރެއިން ޖައްސާލި ބޯޅަ ގޯލަށް ވައްދާލައި ޔުނައިޓެޑުން ލީޑު ނެގި އިރު، އެ ގޯލަށްފަހުވެސް ބޮޑަށް ނުރައްކާ ކުރީ ލިވަޕޫލުންނެވެ.

ފުރަތަމަ ހާފުގެ ފަހުކޮޅުގެ އިތުރުން، ދެވަނަ ހާފުގެ ކުރީކޮޅުގައިވެސް ލިވަޕޫލުން ނުރައްކާ ކުރި އިރު، ކޯޑީ ގަކްޕޯގެ ތިން ހަމަލާއެއް ދަނޑިއަށްވެސް އަމާޒުވިއެވެ. އެ ހަމަލާތައް ފަހުކޮޅަށް ގޮސް އިތުރުކޮށް، 78 ވަނަ މިނެޓުގައި ގަކްޕޯ ޖެހި ގޯލުން ލިވަޕޫލް އެއްވަރުކުރިއެވެ.

އެ ގޯލާއެކު މެޗު އެއްވަރުވާން ދަނިކޮށް، ޔުނައިޓެޑް މޮޅުކޮށްދިން ގޯލް ޖެހީ ހެރީ މެގުއާއެވެ. 84 ވަނަ މިނެޓުގައި މެގުއާ ގޯލް ޖެހީ ބްރޫނޯ ފެނާންޑޭޒް ނަގައިދިން ރަނގަޅު ހުރަހަކުންނެވެ.