ދެހާސް ތޭވީސް ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު މާފަންނު ކްރާސާ ފިހާރަ ތެރޭގައި ވަޅި ހަރައި ސ. ހިތަދޫ/ އިޒުމީރު، މުހައްމަދު އަހުމަދުދީދީ (ނައުއްޓު) މަރާލި މައްސަލައިގައި ދައުވާލިބޭ މީހުންނާ ދެކޮޅަށް ދައުލަތުން ހުށަހަޅާފައިވާ ހަތަރު ހެކިވެރިއެއްގެ ހެކިބަސް މިއަދު ކުރިމިނަލް ކޯޓުން ނަގައިފިއެވެ.
ނައުއްޓު މަރާލި މައްސަލައިގައި ދައުލަތުން ދައުވާކޮށްފައި ވަނީ ސ. މަރަދޫފޭދޫ/ ރަށްދެބައިގެ، އިބްރާހީމް ފައިހް ނިޒާމާއި ތ. ގާދިއްފުށި/ ގުލޭނޫރައްމާގެ، ސިރުހާން އަލީގެ މައްޗަށެވެ. އެ ދެ މީހުންގެ މައްޗަށްވެސް ކުރަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ. އެ ދައުވާތަކަށް އެ ދެ މީހުންވަނީ 01 ސެޕްޓެމްބަރު 2024 ގައި ބޭއްވި އަޑުއެހުމުގައި އިންކާރުކޮށްފައެވެ. އެ ޝަރީއަތުގައި އެ މައްސަލަ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެކަމަށް ޝަރީއަތުން ވަނީ ނިންމައިފައެވެ.
ކުރިމިނަލް ކޯޓުގައި މިއަދު ބޭއްވި އެ މައްސަލައިގެ އަޑުއެހުމުގައި އެންމެ ފުރަތަމަ ހެކިބަސް ދިނީ ސިއްރު ހެކިވެރިއެކެވެ. އެ ސިއްރު ހެކިވެރިއާ ހެކިބަސް ދެމުން ބުނީ އޭނާއާއި އޭނާގެ އަންހެނުން މާލެ އައީ ވިޔަފާރީ ކުރުމަށް ކަމަށެވެ. ހެކިވެރިޔާ ބުނީ އޭނާ ފިހާރަ ބޭރުގައި ސައިކަލެއްގައި މަޑުކޮށްގެން ހުއްޓައި "މަރާލައިފިއޭ" މިހާކު ބުނި އަޑު އިވުނު ކަމަށެވެ. އޭރު އޭނާ މަޑުކޮށްގެން ހުރީ ކޮން ހިސާބެއްގައިކަން ބުނަން ނޭގުނު ނަމަވެސް އެއީ މާފަންނުކަމަށް ލަފާކުރެވޭކަމަށް ހެކުވެރިޔާ ބުންޏެވެ.
ހެކިވެރިޔާ ބުނީ "މަރާލައިފިއޭ" މީހަކު ބުނި އަޑު އިވުމުން އަވަސްވެގަތީ އޭނާގެ އަންހެނުން ހޯދުމަށް ކަމަށާއި އޭރު އަންހެނުން ހުރީ އޭނާގެ ފުރަގަހަށްވާ ކަހަލަ ގޮތަކަށް ހުރި ފިހާރައެއްގައި ކަމަށެވެ. އަންހެނުން ހޯދަން އެ ފިހާރައަށް ދިޔައިރު އެތަނުގައި ފުލުހުންނާއި އާންމުން ހަރަކާތްތެރިވަމުން ދިޔަ ކަމަށެވެ. އޭނާ އެތަނުގެ ކައިރިއަށް ދިޔުމުން ދުރަށް ދިޔުމަށް ފުުލުހުން އެންގުމުން، އެތަނަށް އައީ އަންހެނުން ފިހާރަ ތެރޭގައި ހުރުމުން އަންހެނުން ހޯދަންކަމަށް ފުލުހުން ގާތު ބުނި ކަމަށެވެ.
ދެވަނައަށް ހެކިބަސް ދިން ސިއްރު ހެކިވެރިޔާ ބުނީ (ސިއްރު ހެކި ތިނެއް) ބުނީ އޭނާ ފިހާރައެއްގެ ތެރޭގައި ހުއްޓައި އަންހެން ކުއްޖަކު އައިސް އޭނާގެ ފައިގައި އެލުވިގެން އޮވެ "ހަރަނީއޭ ހަރަނީއޭ" ގޮވަމުން ދިޔަ ކަމަށެވެ. އެ އަންހެން ކުއްޖާގެ ފައިވާނެއް ނެތް ކަމަށާއި އަންހެން ކުއްޖާގެ ފައިގައި ލޭހުރި ކަމަށް ސިއްރު ހެކިވެރިޔާ ބުންޏެވެ. އެ ސަަރަހައްދުން ދައުވާ ލިބޭ ދެ މީހުން ފެނުނުކަމަށް ސިއްރު ހެކިވެރިޔާ ބުންޏެވެ. އަދި އެ ސަރަހައްދުގައި ފުލުހުންނާއި އާންމުންވެސް ތިބިކަމަށް ސިއްރު ހެކިވެރިޔާ ބުންޏެވެ.
މި މައްސަލައިގައި ދެން ހެކިބަސް ދިނީ ފުލުހުންގެ ފޮރެންސިކުގައި މަސައްކަތްކުރާ ކްރައިމް ސީން އޮފިސަރެއް ކަމަށްވާ ޒަބީރު އިބްރާހިމެވެ. އޭނާގެ ހެކިބަސް ނަގަނީ އޭނާ ތައްޔާރުކުރި ތިން ކްރައިމް ސީން އިންވެސްޓިގޭޝަން ރިޕޯޓަކާ ގުޅޭގޮތުންނެވެ. ހެކިބަސް ދެމުން ޒަބީރު އިބްރާހިމް ބުނީ އޭނާއަކީ 2019 ވަނަ އަހަރުން ފެށިގެން ކްރައިމް ސީން އޮފިސަރެއްގެ ގޮތުގައި މަސައްކަތް ކުރަމުންދާ މީގެއް ކަމަށާއި އެ ދާއިރާއިން ބޭސިކް ކޯސް، އަދި ފޮރެންސިކް އިންވެސްޓިގޭޝަން ދާއިރާއިން ޑިޕްލޮމާ ހާސިލުކޮށްފައިވުމުގެ އިތުރުން ފުލުހުންގެ ތެރޭގައި ކުރިއަށްގެންދާ އެ ދާއިރާގެ ކޮމްޕެޓިވް އިމްތިހާނުން ފާސްވެފައިވާ މީހެއް ކަމަށެވެ.
ޒަބީރު އިބްރާހިމް ވިދާޅުވީ 2023 ފެބްރުއަރީ 24 ވަނަ ދުވަހު ސަބް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު އާރިފު، އޭނާއަށް ގުޅައި އައިޖީއެމްއެޗަށް ދިޔުމަށް އެންގި ކަމަށެވެ. އައިޖީއެމްއެޗަށް ދިޔައިރު މި މައްސަލައިގައި މަރުވި ފަރާތް، އޭރު ވަނީ ހާލު ސީރިއަސްވުމުގެ ސަބަބުން ސާޖަރީއަކަށް ވައްދައިފައި ކަމަށާއި އެހެންވެ އޭނާގެ ފޮޓޯ ނެގިފައިނުވާނެ ކަމަށެވެ. ނަމަވެސް އޭރު އައިޖީއެމްއެޗުގައި ހުރި ފުލުހުންގެ އައިއޯއެއް އެދިގެން ފަރުވާ ދެމުންދިޔަ ކޮޓަރީގައި ހުރި ކޮތަޅެއް ބަލައިފާސްކޮށްފައިވާނެ ކަމަށާއި އެ ކޮތަޅުގައި އޮތީ ކޮށާލާފައި އޮތް ގަމީހަކާއި ބޮކްސާއެއްކަމަށް ޒަބީރު އިބްރާހިމް ވިދާޅުވިއެވެ. އެ ތަކެތީގެ ފޮޓޯ ނަގާފައިވާނެ ކަމަށާއި އޭގެ އިތުރުން ކަރުގައި އަޅާ ފަށަކާއި އަތުކުރީ ގަޑިއެއްގެ ފޮޓޯ ނަގާފައިވާނެ ކަމަށެވެ. އަތުކުރީ ގަޑީގައި ލޭހުރިކަމަށް ޒަބީރު އިބްރާހިމް ވިދާޅުވިއެވެ.
މާއްދީ ހެކީގެ ގޮތުގައި އެތަނުން ނަގާފައިވަނީ ގަމީހާއި ބޮކްސާއާއި އަތުކުރި ގަޑިއާއި ފަށް ކަމަށާއި އެތަކެތި ސީލްކޮށް، ޗެއިން އޮފް ކަސްޓަޑީ ފުރިހަމަކޮށް، ޕޮލިސް އިންފޮމޭޝަން މެނޭޖުމެންޓުގައި ހުންނަ ފްރެންސިކް ސޮފްޓްވެއާއަށް އެ ފޮޓޯތައް އެޅުމުގެ އިތުރުން އިތުރު އެހެން ފޮލްޑާއަކަށްވެސް އެ ފޮޓޯތައް އަޅާފައިވާނެކަމަށް ޒަބީރު އިބްރާހިމް ވިދާޅުވިއެވެ.
ޒަބީރު އިސްމާއިލް ވިދާޅުވީ 2023 މާޗު ފަސްވަނަ ދުވަހު ސެންޓްރަލް ކްރައިމްއިން މުހައްމަދު އިސްމާއިލް (ގޭންގު ވަޔަލެންސް ޔުނިޓް)އިން ގުޅައިގެން މާލެ ކަސްޓޯޑިއަލަށް ގޮސްފައިވާނެ ކަމަށެވެ. އޭނާ ކަސްޓޯޑިއަލަށް ދިޔައިރު އިންޓަވިއު ރޫމުގައި ގޭންގު ވަޔަލެސް ޔުނިޓުގެ ފުލުހުން ތިބި ކަމަށާއި އޭގެ އިރުކޮޅެއް ފަހުން މި މައްސަލައިގައި ދައުވާލިބޭ ސިރުހާން އެތަނަށް ގެނައި ކަމަށެވެ.
ސިރުހާންގެ އަތުގައި އެއްޗެހިތަކެއް އަޅާފައިވާ ޕްލާސްޓިކް ކޮތަޅެއް އޮތް ކަމަށާއި އޭގައި އަންނައުނުތަކެއް ހުރިކަމަށް ޒަބީރު އިސްމާއިލް ވިދާޅުވިއެވެ. ސިރުހާން ލައިގެން ހުރީ ރީފް ބްރޭންޑުގެ ފައިވަނެއް ކަމަށެވެ. ސަބް އިންސްޕެކްޓާ އޮފް ޕޮލިސް ބިލާލު އަބްދުﷲ ހާދީ އެދިގެން އެ ސީނުން މާއްދީ ހެކިތަކެއް ނަގައިފައިވާނެކަމަށް ހެކިވެރިޔާ ވިދާޅުވިއެވެ. އެގޮތުން ކޮތަޅުން ޖިންސަކާއި ޓީޝާޓަކާއި ސިރުހާން ލައިގެން ހުރި ފައިވާން ޖޯޑު މާއްދީ ހެކީގެ ގޮތުގައި ނަގާފައިވާނެކަމަށް ޒަބީރު އިސްމާއިލް ވިދާޅުވިއެވެ.
އެ ސީނުން ނެގި ފޮޓޯތައްވެސް ޕޮލިސް އިންފޮމޭޝަން މެނޭޖުމެންޓުގައި ހުންނަ ފްރެންސިކް ސޮފްޓްވެއާއަށް އަޅާފައިވާނެކަމަށް ހެކިވެރިޔާ ވިދާޅުވިއެވެ. އަދި ޑީއެންއެންއޭ ލެބޯރެޓަރީއާ ހަވާލުކުރުމުގެ ގޮތުން އެވިޑެންސް ކޮންޓްރޯލް ޔުނިޓްއާ ހަވާލުކޮށްފައިވާނެކަމަށް ޒަބީރު އިސްމާއިލް ވިދާޅުވިއެވެ.
ހެކިވެރިޔާ ވިދާޅުވީ 2023 ފެބްރުއަރީ 28 ވަނަ ދުވަހު ސީނިއާ ސާޖެންޓު އިބްރާހިމް ރަޝީދު ގުޅައިގެން މާފަންނު ހައުސް ޕްލާޒާއަށް ގޮސްފައިވާނެ ކަމަށެވެ. އެތަނަށް ދިޔައިރު އުޅަނދުތަކެއްގެ ތެރެއިންނާއި އެ އުޅަނދުތަކުންނާއި އެ އުޅަނދުތަކުގެ ދަށުން ހުސްފުޅިއާއި ހުސް ދަޅުތަކެއް ފެނުނު ކަމަށެވެ. އަދި ގިނަ އަދަދެއްގެ ސިނގިރޭޓް ފިލްޓަރު ފެނުނު ކަމަށެވެ. އެ ސީނުން ޕިންގާ ޕްރިންޓުތަކެއް ނަގާފައިވާނެކަމަށް ހެކިވެރިޔާ ވިދާޅުވިއެވެ.
ހެކިވެރިޔާ ވިދާޅުވީ އޭނާ އެ ސީނަށް ދިޔައިރު އެތަނުގައި ފުލުހުން ތިބި ކަމަށާއި އެއީ ފަޅު ގެއެއް ކަމެއް ނުވަތަ ނޫންކަމެއް ބުނަން ނޭނގޭ ކަމަށާއި ކޯޓު އަމުރެއް ދެކުނު ހަނދާނެއް ނުވާ ކަމަށެވެ. އެތަނުން ނެގި ފޮޓޯޓައްވެސް ޕޮލިސް އިންފޮމޭޝަން މެނޭޖުމެންޓު ސިސްޓަމްގެ ފޮރެންސިކް ސޮފްޓުވެއާ އަޅައިފައިވާނެކަމަށް އޭނާ ވިދާޅުވިއެވެ. ހައުސް ޕްލާޒާއަށް ދިޔައިރު އެތަން ކޯޑަން ކޮށްފައިނުވާ ކަމަށާއި އެތަނުން މި މައްސަލައިގައި ދައުވާލިބޭ މީހަކު ނުދެކޭކަމަށް ހެކިވެރިޔާ ވިދާޅުވިއެވެ.
މިއަދުގެ އަޑުއެހުމުގައި ދެން ހެކިބަސް ދިނީ މި މައްސަލައިގައި ފިންގާ ޕްރިންޓް ކޮމްޕޮޒިޝަން ތައްޔާރުކުރި ފަރާތް ކަމަށްވާ އަހުމަދު ހަމީދެވެ. ހެކިބަސް ދެމުން އޭނާ ވިދާޅުވީ އޭނާއަކީ ޕިންގާ ޕްރިންޓް ކޮމްޕިޓެންސީ ޓެސްޓުން ފާސްވެފައިވާ ފަރާތެއް ކަމަށާއި ފޮރެންސިކުގެ ފިންގާ ޕްރިންޓުގެ ލެބޯޓަރީގައި ވަރަށް ގިނަ ރިޕޯޓުތައް އެކިއެކި މައްސަލަތަކާ ގުޅިގެން ތައްޔާރުކޮށްފައިވާނެ ކަމަށެވެ.
މި މައްސަލައިގައި ހިމެނޭ ފިންގާ ޕްރިންޓް، ފިންގާ ޕްރިންޓް އެނަލިސިސްއަށް ހުށަހަޅާފައިވަނީ އެވިޑެންސް ކޮންޓްރޯލް ޔުނިޓުން ކަމަށާއި އެ ފިންގާ ޕްރިންޓުގެ ޗެއިން އޮފް ކަސްޓަޑީ ފުރިހަމަވާ ކަމަށާއި ޗެއިން އޮފް ކަސްޓަޑީ ފުރިހަމަނުވާނަމަ އެއަކާ ފިންގާ ޕްރިންޓް ލެބޯރެޓަރީން ހަވާލުނުވާނެކަމަށް އަހުމަދު ހަމީދު ވިދާޅުވިއެވެ.
ދައުލަތުގެ ފަރާތުން އަހުމަދު ހަމީދުއާ ސުވާލުކުރަމުން ވަނީ ރިޕޯޓުގައި ކިއުއީ ނަންބަރަކާއި ކޭއީ ނަންބަރެއް ބަޔާންކޮށްފައިވާތީ އެއީ ކޯއްޗެއްތޯ ސުވާލުކޮށްފައެވެ. އެ ސުވާލަށް ޖަވާބު ދެމުން އަހުމަދު ހަމީދު ވިދާޅުވީ ކިއުއީ ނަންބަރަކީ ސިސްޓަމުން ޖެނެރޭޓް ކުރާ ނަންބަރެއް ކަމަށާއި އެއީ ތަހުލީލު ކުރަން ހުށަހަޅަނީ ކޮން އެއްޗެއްކަން ނޭނގޭ ހާލަތުގައި ޖެނެރޭޓްކުރާ ނަންބަރެއް ކަމަށެވެ. މި މައްސަލައިގައި ސިރުހާން ފިންގާ ޕްރިންޓަކީ ކިއުއީއެއް ކަމަށާއި ސަބަބަކީ އެ ފިންގާ ޕްރިންޓު ގެނައިރު އެއީ ސިރުހާންގެ ފިންގާ ޕްރިންޓުކަން ނޭނގޭތީ ކަމަށެވެ. މި މައްސަލައިގައި އައިއޯ އެދިފައިވަނީ އެ ފިންގާ ޕްރިންޓް ޑޭޓާބޭސްގައިވާ އެއްވެސް ފިންގާ ޕްރިންޓަކާ ދިމާވޭތީ ބަލައިދިނުމަށްކަމަށް އަހުމަދު ހަމީދު ވިދާޅުވިއެވެ. - ކޭއީ ނަންބަރަކީ ތަހުލީލަށް ގެންނަނީ ކޯއްޗެއްކަން އެނގޭ އެވިޑެންސް ކަމަށެވެ.
"ލޭޓަންޓު ކާޑު ސިސްޓަމަށް އެންޓާ ކުރުމަށްފަހު ޑޭޓާބޭސްއަށް ފޮނުވަނީ، ދެން އަންނާނީ ކެންޑިޑޭޓް ލިސްޓެއް، ދެން ކޮމްޕެއާ ކުރާނީ" އަހުމަދު ހަމީދު ވިދާޅުވިއެވެ.
އެގޮތަށް ކޮމްޕެއާ ކުރުމުން ސިރުހާންގެ ފިންގާ ޕްރިންޓާ، ތަހުލީލަށް ގެނައި ފިންގާ ޕްރިންޓާ ދިމާވާކަމަށް އަހުމަދު ހަމީދު ވިދާޅުވިއެވެ.
ތަހުލީލަށް ގެނައި ފިންގާ ޕްރިންޓާއި ސިރުހާންގެ ފިންގާ ޕްރިންޓާ އެއްގޮތް 13 ރިޖެއް ހުރި ކަމަށާއި ނުވަ ރިޖެއް ދިމާވާނަމަ އެއީ ފިންގާ ޕްރިންޓު މެޗުވުން ނުވަތަ ދިމާވުންކަމަށް ބަލާނެކަމަށް އަހުމަދު ހަމީދު ވިދާޅުވިއެވެ. ރާއްޖޭގައި ބަލަނީ ނުވަ ރިޖު ދިމާވުމުން އެއީ މެޗުވުން ކަމަށާއި ދުނިޔޭގެ އެހެން ބައެއް ގައުމުތަކުގައި އެއަށްވުރެ މަދު އަދަކަށްވެސް ބަލާކަން ހެކިވެރިޔާ ފާހަގަކުރިއެވެ. އޭނާ ވިދާޅުވީ ފުލުހުންގެ އިންތިޒާމާއި އަމަލުކުރާ އުސޫލު އޮންނަ ގޮތުން ފިންގާ ޕްރިންޓް މެޗިންގައި ނުބައި ނަތީއްޖާއަކަށް ވާސިލުނުވާނެ ކަމަށެވެ.
ހެކިވެރިޔާ ވިދާޅުވީ ތަހުލީލަށް ގެނައި ލޭޓަންޓު ފިންގާ ޕްރިންޓު އެއީ ކޮން ދުވަހަކު އެ ފިންގާ ޕްރިންޓު ނެގިތަނަށް ވާސިލުވި އެއްޗެއްކަން ބުނަން ނޭނގޭ ކަމަށާއި ސަބަބަކީ އޭނާއަކީ އެ ޕްރިންޓް ނެގި ފަރާތަކަށް ނުވުން ކަމަށެވެ. އޭނާއަކީ ފިންގާ ޕްރިންޓު ތަހުލީލުކުރާ ފަރާތެއްކަމަށް އަހުމަދު ހަމީދު ވިދާޅުވިއެވެ.
މިއަދުގެ އަޑުއެހުމުގައި އިތުރު ފަރާތެއްގެ ހެކިބަސް ނަގާގޮތަށް ހަމަޖެހިފައިވީ ނަމަވެސް އެ ފަރާތުގެ ހެކިބަސް ނެނގޭގޮތްވަނީ ނުވެފައެވެ.
އަޑުއެހުން ނިންމާލަމުން މި މައްސަލަ ބައްލަވާ ގާޒީ އިބްރާހިމް އިހުސާން ވިދާޅުވީ ދެން މި މައްސަލައިގެ އަޑުއެހުމެއް އޮންނާނީ މާދަމާ ހެނދުނު 9:00 ގައި ކަމަށާއި އެ އަޑުއެހުމަކީވެސް ހެކިބަސް ނެގުމުގެ އަޑުއެހުމެއް ކަމަށެވެ.
މުހައްމަދު އިޝާން
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް