މިއަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބަށް 80 މިލިއަން ރުފިޔާ ހަރަދުވާނެކަމަށް ބެލެވޭކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން ބުނެފިއެވެ.

ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ރޭ ވާހަކަދައްކަވަމުން އީސީގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވީ ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލާން އަންނަ ޖެނުއަރީ މަހުގެ 17 ވަނަ ދުވަހު ހުޅުވައިލާނެ ކަމަށެވެ. އެ އިންތިހާބު ބާއްވަން ހަމަޖެހިފައިވަނީ އަންނަ އަހަރުގެ މާޗު މަހުގެ ތެރޭގައިކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިއަށްވެސް މި ބަލަނީ އެންމެ މަދުވެގެން ވެސް ގާތްގަނޑަކަށް، 70 ވަރަކަށް، 80 ވަރަކަށް މިލިޔަން ރުފިޔާ ހަރަދުވެގެންދާނެ ކަމަށް،" ޒާހިދު ވިދާޅުވިއެވެ.

ޒާހިދު ވިދާޅުވީ އިންތިހާބުތައް ބޭއްވުމަކީ ވަރަށް ބޮޑު ހަަރަދެއް ހިނގާކަމެއް ކަމަށާއި އެފަދަ ބޮޑެތި ހަރަދުތައް އިންތިހާބުތައް ބޭއްވުމަށް ކުރަން ޖެހެނީ އެއީ ރައްޔިތުން އިތުބާރުކުރާ އިންތިހާބުތަކަކަށް ހެދުމަށް ކަމަށެވެ.

އޭނާ ވިދާޅުވީ ކައުންސިލް އިންތިހާބުގެ ހުރިހާކަމެއް ކުރިއަށް ގެންދާނީ ފިޒިކަލްކޮށް ކަމަށާއި އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ފުރުސަތެއް ނޯންނާނެ ކަމަށެވެ.

ރާއްޖޭގައި ބާއްވާ އިންތިހާބުތަކަކީ ބޭރު ދުނިޔެއިން ބަލައިގަންނަ އެ ގައުމުތަކުގެ އިތުބާރު ލިބިފައިވާ އިންތިހާބުތަކެއް ކަމަށްވެސް ޒާހިދު ވިދާޅުވިއެވެ.