މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން މިހާރު ބޭނުން ވަނީ ތަށި އެކަނި ނޫން ކަމަށާއި، ޒުވާން ކުޅުންތެރިން ބިނާކޮށް، އެ މަސައްކަތް ކުރާނެ ކަމަށް ކޯޗު ލުއިސްމާ ހެނާންޑޭޒް ބުނެފިއެވެ.
ހެނާންޑޭޒް ޕްރި މެޗު ޕްރެސްގައި ބުނީ ވާދަކުރާ ނަމަވެސް، ޒުވާން ކުޅުންތެރީންގެ އެހީ ހޯދަން މިހާރު ވަރަށް ބޮޑަށް ވިސްނާ ކަމަށެވެ. އެއާއެކު އޭނާ ބުނީ މާޒިޔާއިން ދޫކޮށްލި މުހިއްމު ކުޅުންތެރިންނަށް ފުލް މެޗު ކުޅެން ފުރުސަތު ލިބޭތީ، އެކަމުގެ ހެޔޮ އަސަރު ގައުމީ ޓީމުން ފެންނަ ކަމަށެވެ.
"ގައުމީ ޓީމުގެ ފެންވަރު އަންނަނީ ރަނގަޅުވަމުން. އެއީ މުހިއްމު ކުޅުންތެރިންނަށް ލީގުގައި ފުލް މެޗު ކުޅެން ލިބޭތީ. މިސާލަކަށް ސެންޓޭ، އިރޭ، ހަންނަ، މި ކުޅުންތެރިންނަށާއި ޗޯޓުއާއި ދާދުއަށްވެސް ފުލް މެޗު ލިބޭތީ ގައުމީ ޓީމަށް އޭގެ ފައިދާ ކުރޭ. އަހަރެމެން ކުޅުންތެރިން ދޫކޮށްލީ އޭއެފްސީ މުބާރާތަށްފަހު ހާލަތު ބަދަލުވުމުން. އެހެންވިޔަސް ކޮންމެ މެޗެއްގައިވެސް ވާދަކުރާނެ. ކޮންމެ މެޗެއްގައިވެސް ޒުވާން ކުޅުންތެރިން އެބަ އެހީވެދޭ،" ހެނާންޑޭޒް ބުންޏެވެ.
ޒުވާން ބައެއް ކުޅުންތެރިންގެ ނަންތައް ކިޔުމަށްފަހު ކޯޗު ހެނާންޑޭޒް ބުނީ މުހައްމަދު އިލާން އިމްރާންގެ ނަން ޒުވާން ކުޅުންތެރިންގެ ތެރޭގައި އޭނާ ނުކިޔާނެ ކަމަށާއި، އިލާނަކީ މިހާރު "މެއިން ގްރޫޕް" ކުޅުންތެރިއެއް ކަމަށެވެ.
އޭގެ އިތުރުން އޭނާ ބުނީ އަދިވެސް ޓާގެޓް ކުރަނީ ޒުވާން ކުޅުންތެރިން ހޯދައި، އެ ކުޅުންތެރިންނާއެކު ކުރިއަށްދާން ކަމަށެވެ. އަދި ސްކޮޑަށް ރަނގަޅަށް ބެލެންސެއް ހޯދައި، ވާދަކުރަން ވިސްނާ ކަމަށް އޭނާ ބުންޏެވެ.
ހެނާންޑޭޒް ބުނީ މާޒިޔާގެ ޓާގެޓަކީ އަބަދުވެސް އެއްވަނައިގައި އޮތުން ކަމަށާއި، އެކަމަށް މަސައްކަތް ކުރުން މުހިއްމު ކަމަށެވެ.
"ފަސް ހަ ޓީމަކުން އެއްވަނައަށް އެބަ ވާދަކުރޭ. އެހެންވީމަ އެ އުނދަގޫ އޮންނާނެ. އެކަމަކު ކުރިއަށް އޮތް ބްރޭކްގެ ކުރިއަށް ލީގުން މަންޒަރު ސާފުވާނެ. އެއީ އެއްވަނައަށް ވާދަކުރާ ޓީމުތަކުން މެޗުތައް ކުޅެން ޖެހޭތީ. އެހެންވީމަ އެހިސާބުން ބަދަލުވާނެ،" ހެނާންޑޭޒް ބުންޏެވެ.
ކޯޗު ބުނީ މާޒިޔާއާ ދެކޮޅަށް ކޮންމެ ޓީމަކުންވެސް ކުޅޭނީ އިތުރު މަސައްކަތްތަކެއް ކޮށްގެން ކަމަށާއި، އެކަމަށް ޓީމު ތައްޔާރުވާނެ ކަމަށެވެ.
ސަޕޯޓަރުންނާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ހެނާންޑޭޒް ބުނީ މި ހާލަތަކީ ސަޕޯޓަރުން އާ އެފްއޭއަށް އިތުބާރު ކުރާ ވަގުތެއް ކަމަށާއި، މި ދަނޑިވަޅުގައި ސަޕޯޓަރުން ވައްދަން މަސައްކަތް ކުރުން މުހިއްމު ކަމަށެވެ. ހާއްސަކޮށް ބޮޑެތި ފުޓްސަލް މުބާރާތްތައް، ލީގު މެޗު އޮންނަ ރޭރޭ ކުޅޭތީ، އެކަމުގެ ސަބަބުން ގައުމީ ދަނޑަށް ވަންނަ ސަޕޯޓަރުން މަދުވާނެ ކަމަށް އޭނާ ބުންޏެވެ. އެއާއެކު ހެނާންޑޭޒް ބުނީ، އެ މުބާރާތްތަކާއި ލީގުގެ މަގުސަދަކީ ދާދި އެއް މަގުސަދަކަށްވާ އިރު، ލީގު އޮންނަ ދުވަސްތަކު މެޗުތައް ނުކުޅޭނަމަ މިހާރަށްވުރެ ރަނގަޅުވާނެ ކަމަށެވެ.
މާޒިޔާއިން މިހަފުތާގައި ކުޅޭ މެޗުގައި މިރޭ ނުކުންނާނީ ޔުނައިޓެޑް ވިކްޓަރީއާ ދެކޮޅަށެވެ.
މުޙައްމަދު ޝަމްޢޫން
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު