އަންނަ އަހަރުގެ ބަޖެޓުގައި އާ މަޝްރޫއުތަކަށް ތިން ބިލިއަން ރުފިޔާ ހިމެނޭނެ ކަމަށާއި ތައުލީމީ ދާއިރާ އާއި ސިއްހީ ދާއިރާއަށް މީގެކުރިން ނުދޭހޭ ބޮޑު އިސްކަމެއްދީގެން މަޝްރޫއުތައް ހިންގާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ށ. އަތޮޅުގެ ރަށްތަކަށް ރައީސް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން، ފުނަދޫގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ ކުރީ ސަރުކާރުތަކުގައި ތައުލީމީ ދާއިރާ އާއި ސިއްހީ ދާއިރާއަށް އެންމެ އެދެވޭ މަސައްކަތްތައް ކޮށްދެވިފައިނުވާ ކަމަށެވެ.

މި ސަރުކާރުން އަންނަ އަހަރު ތައުލީމީ ދާއިރާއިން ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ތައުލީމު އުނގަންނައިދިނުމުގެ ނިޒާމު ގާއިމުކުރުމަށް ހާއްސަ މަޝްރޫއެއް ފަށާނެ ކަމަށާއި ސިއްހީ ދާއިރާއިން، ރާއްޖެއިން ބޭރަށް ދާން ޖެހޭ ޖެހުން މަދުކުރުމަށްޓަކައި އާ އޮޕަރޭޝަންތަކާއި ޓެސްޓުތައް ހެދޭނެ އިންތިޒާމުތައް ހޮސްޕިޓަލުތަކުގައި ގާއިމުކުރުމުގެ މަސައްކަތްކުރާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"އެހެންވީމާ އަޅުގަނޑުމެން ގާތްގަނޑަކަށް ތިން ބިލިއަން، 3000 މިލިއަން ރުފިޔާ އާ މަޝްރޫއުތަކަށް މި އަންނަ އަހަރު އެބަ ކަނޑައަޅަން. އޭގެ ތެރެއިން މަދުވެގެން 500 މިލިއަން ރުފިޔާ އަޅުގަނޑުމެން އަލަށް އަލަށް ފަށާ މިދެންނެވި ތައުލީމީ ދާއިރާގެ މަޝްރޫއުތަކަށާއި، މަދުވެގެން 500 މިލިއަން ރުފިޔާ އަލަށް ފަށާ ސިއްހީ ދާއިރާގެ މަޝްރޫއުތަކަށް ކަނޑައަޅާނަން،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެންމެ ފުރިހަމަ މިނުގައި ރައްޔިތުންނަށް ކަންކަން ކޮށްދިނުމަށްޓަކައި އަންނަ އަހަރު ވެސް ގިނަ މަޝްރޫއުތަކެއް ކުރިއަށްގެންދާނެ ކަމަށާއި މިހާރު ބަޖެޓު އޮތީ ނިންމުމުގެ މަރުހަލާގައި ކަމަށެވެ.