ރާއްޖެއަށް 72 ކިލޯގެ ޑުރަގް އެތެރެކުރި މައްސަލައިގައި ދައުވާކޮށްފައިވާ ސ. ހުޅުދޫ، ދޭލިޔާގެ، އިރުފާން ތަގިއްޔުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކުރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފުކުރުމަށް ހުށަހެޅުމުން، އެ މައްސަލަ ބަލައިނުގަތުމަށް ރަޖިސްޓްރާ ނިންމުމާ ގުޅިގެން، ރަޖިސްޓްރާގެ އެ ނިންމުން މުރާޖައާކުރަން ހުށަހެޅުމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ނިންމައިފިއެވެ.

އެ މައްސަލައިގައި ދައުލަތުން ދައުވާކޮށްފައިވަނީ އިރުފާންގެ އިތުރުން، އިތުރު ދެ މީހަކަށް ވެސް ދައުލަތުން ދައުވާކުރިއެވެ. އެ ތިން މީހުންގެ މައްޗަށް ވެސް ދައުވާ ސާބިތުނުވާ ކަމަށް ކުރިމިނަލް ކޯޓުން މިއަހަރުގެ ފެބްރުއަރީ 19 ވަނަ ދުވަހު ކުރި ހުކުމް ޕީޖީ އޮފީހުގެ ފަރާތުން ޖުލައި 16 ގައި ހައިކޯޓުގައި ވަނީ އިސްތިއުނާފުކޮށްފައެވެ.

ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސިކިއުޓާ އަދި މީޑިއާ އޮފިޝަލް އަހުމަދު ޝަފީއު، މީޑިއާތަކަށް މިރޭ ފޮނުއްވި މެސެޖެއްގައި ވިދާޅުވީ އިރުފާން ތަގިއްޔުގެ މައްޗަށް ރައްދުވާގޮތަށް ހައިކޯޓަށް ހުށަހެޅި އިސްތިއުނާފުގެ ރަޖިސްޓްރޭޝަން ފީ ދައްކާފައިނުވާތީ ކަމަށްބުނެ ރަޖިސްޓްރާގެ ނިންމުމުން މައްސަލަ ބަލައިގަނެވެން ނެތްކަމަށް ނިންމާފައިވާ ކަމަށެވެ.

އެ ނިންމުމުގައި ރަޖިސްޓްރޭޝަން ފީ ދެއްކުމަށް އަންގާ ލިޔުން މިމަހުގެ ފަސްވަނަ ދުވަހު ޕީޖީ އޮފީހަށް މެއިލްކުރިކަމަށް ބަޔާންކޮށްފައިވީ ނަމަވެސް، އެ އޮފީހުގެ ކަނޑައެޅިފައިވާ އީމެއިލްއަށް އެ ލިޔުން ލިބިފައިނުވާ ކަމަށެވެ. އަދި އެފަދަ ލިޔުންތައް ޕީޖީ އޮފީހަށް ފޮނުވުމަށް ކަނޑައެޅިފައިވާ އީމެއިލްއަށް އެ ދުވަހާއި ޖެހިގެން އައި ދުވަހުވެސް ހައިކޯޓުން އެކި އީމެއިލްތައް ކޮށްފައި ހުރި ނަމަވެސް، އެ މައްސަަލައާ ގުޅޭ އީމެއިލް ލިބިފައި ނުވާކަން ފާހަގަވާ ކަމަށް ޝަފީއު ވިދާޅުވިއެވެ.

އެހެންކަމުން އެ ނިންމުން މުރާޖައާކުރުމަށް ހުށަހަޅާނެ ކަމަށާއި އަދި އެ ނިންމުމަކީ ހައިކޯޓުން އިސްވެ މުރާޖައާކުރަންޖެހޭ ނިންމުމެއް ކަމަށް ދެކޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖެއަށް ކަނޑުމަގުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުންގެ އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި މެރިން ޕޮލިސް ގުޅިގެން ޑިސެމްބަރު 2020 ގައި ހިންގި އޮޕަރޭޝަންގައި އިރުފާނާއެކު ޖުމުލަ 10 މީހަކު ހައްޔަރުކުރިއެވެ. އެ މީހުންނަކީ؛

  • ސ. ހުޅުދޫ / ދޭލިޔާގެ، އިރުފާން ތަގިއްޔު
  • ރ. އިނގުރައިދޫ / އެލެސްކާ، މުހައްމަދު ވިޝާމް
  • ދ. މާއެނބޫދޫ / އަނބުގަސްދޮށުގެ، އަހުމަދު ނަސީރު
  • ކ. މާލެ / މއ. ކަނޑޫގެ، އަލީ އަހުމަދު
  • ކ. މާލެ / ހ. ގާޑަންބިޔުޓީ، މުހައްމަދު އަކްރަމް
  • ރ. އިނގުރައިދޫ / އެލެސްކާ، އަބްދުﷲ ވިޝާމް
  • ހދ. ނޮޅީވަރަންފަރު / ނޫރީއާގެ، މުހައްމަދު ޝަރީފް
  • ލ. ގަން، ތުނޑި / ޕެރިސްހޮލިޑޭ، މުހައްމަދު ފުރުގާން
  • ތ. ތިމަރަފުށި / ތަޑިރަތްމާގެ، މުހައްމަދު ވަޖީހު
  • ރ. ރަސްގެތީމު / ފީރޯޒްގެ، އަހުމަދު ޝިނާން

އެ ދިހަ މީހުންގެ މައްޗަށް ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ އަދި މި މައްސަލައިގައި ހިމެނޭ އަހުމަދު ނަސީރާއި މުހައްމަދު އަކްރަމް އަދި މުހައްމަދު ޝަރީފުގެ މައްޗަށް ކެނެބިސް ބޭނުންކުރުމުގެ ކުށުގެ ދައުވާ ކުރުމަށް ޕީޖީ އޮފީހުން ކޯޓަށް ހުށަހެޅީ ފެބްރުއަރީ 2022 ގައެވެ. ނަމަވެސް ނޮވެމްބަރު 2022 ގައި އިރުފާން ތަގިއްޔު އާއި މުހައްމަދު އަކްރަމްގެ އިތުރުން އަހުމަދު ނަސީރު ފިޔަވައި ދެން ތިބި މީހުންނަށްކުރާ ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ ދައުވާ ދައުލަތުން އަނބުރާ ގެންދިޔައެވެ.

އިރުފާނަކީ މި މައްސަލައިގައި އެންމެ އިސްކޮށް އުޅުނު ކަމަށް ފުލުހުން ތުހުމަތުުކުރާ މީހާއެވެ. ދައުލަތުން ވިދާޅުވެފައިވާ ގޮތުގައި ޑުރަގް އުުފުލާފައިވާ ކާރަކީ އަކްރަމްގެ ހިޔާޒަތުގެ ދަށުގައިވާ ކާރެކެވެ. އަދި ޑުރަގް ގެނައި ލޯންޗަކީ ނަސީރު ދުއްވި ލޯންޗެެވެ. ނަމަވެސް އެ މީހުން ވަނީ ދައުވާއަށް އިންކާރުކޮށްފައެވެ.

ކުރިމިނަލް ކޯޓުން މި މައްސަލަ ބެލުމަށްފަހު ފެބްރުއަރީ 19 ގައި ވަނީ އެ ތިން މީހުންގެ މައްޗަށް ދައުލަތުން ކުރި ދައުވާ ސާބިތުނުވާ ކަމަށް ހުކުމްކޮށްފައެވެ.

މި މައްސަލަ ބެއްލެވި ގާޒީ އިބްރާހިމް އިހުސާން، އެ ހުކުމަށް ވާސިލުވި ރައުޔުގައި ވިދާޅުވެފައިވަނީ ދުރާލައި ރާވައިގެން ނުވަތަ އިންތިޒާމުވެގެން ސިއްރުން ހިންގާ ޖިނާއީ ކުށްތަކުގައި ވީޑިއޯ އެންޑް އިމޭޖު އެނަލިިސިސް ރިޕޯޓަކީ އެންމެ މުހިންމު އެއް ހެކި ކަމަށާއި ނަމަވެސް މި މައްސަލައިގެ ތަހުގީގުގެ ތެރެއިން ވީޑިއޯ އަދި ފޮޓޯއިން ފެންނަ މީހާ ދެނެގަތުމުގައި ފުލުހުން ގޯސް ހަދާފައިވާ ކަމަށެވެ.

ދައުލަތުން ހެކީގެ ގޮތުގައި ހުށަހަޅައިފައިވާ އެ ވީޑިއޯ އެންޑް އިމޭޖް އެނަލިސިސް ރިޕޯޓުގައި އަކްރަމްގެ ފޮޓޯ ކަމަށް ބަޔާންކޮށްފައިވީ ނަމަވެސް އެ ފޮޓޯއިން ފެންނަނީ ރ. އިނގުރައިދޫ/ އެލެކްސް، އަހުމަދު ވިޝާމްގެ ފޮޓޯއެއް ކަމަށް ގާޒީ ވިދާޅުވެފައިވެއެވެ. އެހެންވެ މުޅި އެ ރިޕޯޓުގެ ސައްހަ ކަމާމެދު ވަނީ ސުވާލު އުފެދި އިތުބާރު ގެއްލިފައި ކަމަށް ގާޒީ ވިދާޅުވެފައިވެއެވެ.

ގާޒީ ވިދާޅުވެފައިވަނީ ދައުވާކޮށްފައިވާ މީހުންގެ މައްޗަށް ކުށް ސާބިތުކުރުމުގެ ގޮތުން ހެއްކެއްގެ ގޮތުގައި ފޯން ކޯލް ޗާޓުތަކެއް ހުށަހެޅި ނަމަވެސް އެ ކޯލް ޗާޓު ތައްޔާރުކޮށްފައިވަނީ ކާކުކަން ދައުލަތުން ސާފުކޮށްދީފައިނުވާ ކަމަށެވެ. މީހެއްގެ ފޯން ކޯލްތައް ރިކޯޑުކުރަން އަދި ޓޭޕްކުރަން ކޯޓު އަމުރެއް ބޭނުންވާކަން ފާހަގަކުރައްވައި ގާޒީ ވިދާޅުވީ ފޯން ކޯލް ޗާޓުގައި ބަޔާންކުރާ ނަންބަރުތަކުގެ ވެރިފަރާތުގެ މައުލޫމާތާއި ކޯލްތަކުގެ ތަފުސީލާއި ސެލް ލޮކޭޝަންގެ މައުލޫމާތު ހޯދަން ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް)ގެ މައްޗަށް ކޯޓަކުން އަމުރުކުރި ކަމެއް ދައުލަތައް ސާބިތުކޮށްދެވިފައި ނުވާ ކަމަށެވެ.

ފުލުހުން ތައްޔާރުކޮށްފައިވާ މޯބައިލް ފޮރެންސިކް ރިޕޯޓުތަކެއް ހެކީގެ ގޮތުގައި ދައުލަތުން ހުށަހެޅި ނަމަވެސް ހާދިސާއާ ގުޅޭ ވާގިއާއެއް ސާބިތުކޮށްދިނުމަށް އެހީތެރިވެދޭ އެއްވެސް މައުލޫމާތެއް މޯބައިލް ފޮރެންސިކް ރިޕޯޓުން ލިބިފައިނުވާ ކަމަށްވެސް ގާޒީ ވިދާޅުވެފައިވެއެވެ.

އަދި ދައުވާކުރާ މީހުންނާ ދެކޮޅަށް ދައުލަތުން ހެއްކެއްގެ ގޮތުގައި ހުށަހެޅި އިންޓެލިޖެންސް ރިޕޯޓަކީ އިޖުރާއަތްތައް ފުރިހަމަކުރުމަށްފަހު ތައްޔާރުކޮށްފައިވާ ސައްހަ ރިޕޯޓެއްކަން އެނގޭނެ އިތުރު އެއްވެސް ހެއްކެއް ދައުލަތުން ހުށަހަޅާފައިނުވާ ކަމަށްވެސް ގާޒީ ވިދާޅުވެފައިވެއެވެ.

ގާޒީ އިތުރަށް ވިދާޅުވެފައިވަނީ އަކްރަމްއާއި އިރުފާންގެ ގެ ބަލައިފާސްކޮށް ހެކީގެ ގޮތުގައި ބައެއް ތަކެތި ގެންދިޔަ ނަމަވެސް އެ ތަކެއްޗާއި މި މައްސަލައިގައި ހިމެނޭ 72 ކިލޯގެ މަސްތުވާތަކެއްޗާ ގުޅޭ ކުށުގެ މާއްދީއާއި މައުނަވީ ރުކުން ސާބިތުކުރުމަށް ގުޅުވައިލެވޭ ގޮތެއް ދައުލަތުގެ ފަރާތުން ސާފުކޮށްދީފައިނުވާ ކަމަށެވެ.

އަދި ޑުރަގް އެތެރެކުރި ކަމަށް ދައުވާގައި ބަޔާންކުރާ "މަސްޖަރީ 2" ދޯނިން ތުރާތާ ބްރޭންޑުގެ ފޯނެއް ފެނުނުކަން ދައުލަތުން ފާހަގަކުރި އިރު ތުރާޔާ ބްރޭންޑުގެ ސެޓްލައިޓް ފޯނެއްގެ ހުސް ފޮށިގަނޑެއް އިރުފާންގެ ގެއިން ފެނުމަކީ އެ ދޯނިން ޑުރަގް ރާއްޖެއަށް އެތެރެކުރިކަން ސާބިތުކުރެވޭނެ ހެއްކެއް ދައުލަތުން ހުށަނާޅާ ކަމަށް ގާޒީ ވިދާޅުވެފައިވެއެވެ.

އެކަންކަން ފާހަގަކޮށް ގާޒީ ހުކުމްކުރެއްވީ ދައުލަތުން، އިރުފާން ތަގިއްޔު، މުހައްމަދު އަކްރަމް އަދި އަހުމަދު ނަސީރުގެ މައްޗަށް ކުރި ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ ސާބިތުކުރުމަށް އެކަށީގެންވާ ހެކި ހުށަހަޅައިފައިނުވާތީ އެ ދައުވާ އެ ތިން މީހުންގެ މައްޗަށް ސާބިތުނުވާ ކަމަށެވެ.