ވަގަށް އެތެރެކުރުމުން ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި ދެ ކޮންޓެއިނަރުގެ ސިނގިރޭޓު ވަގަށް ބޭރުކުރި މައްސަލައާ ގުޅިގެން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ހަ މުވައްޒަފަކު ސަސްޕެންޑްކޮށްފި އެވެ.

އެމްޕީއެލްގެ ހުޅުމާލެ އިންޓަނޭޝަނަލް ޓާމިނަލުން އެ ދެ ކޮންޓެއިންނަރު ތެރޭގައި ހުރި ސިނގިރޭޓް ވަގަށް ނެގި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މިމަހުގެ ނުވަވަނަ ދުވަހުއެވެ.

ފުލުހުން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެ މައްސަލައާ ގުޅިގެން 12 މީހެއްގެ ފުރުން މަނާކޮށް، ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި އެ މައްސަލައާ ގުޅިގެން ރޭގެ ވަގުތެއްގައި ހައްޔަރުކޮށްފައިވަނީ ލޮޓަސް ކުންފުނީގެ ވެރިޔާ އަހުމަދު އާރިފު، އެޕޯލޯ ހޯލްޑިންގްސްގެ ވެރިޔާ ދިގަލި މުހައްމަދު ވަހީދު، ކަސްޓަމްސްގެ ކުރީގެ ސީނިއާ ސުޕްރިޑެންޓް މުއާޒް އަލީ އަދި ހުޅުމާލޭ ޕޯޓުގައި މަސައްކަތްކުރާ ކަސްޓަމްސްގެ ސީނިއާ މުވައްޒަފެއް ކަމަށްވާ ޒިވާރު އިސްމާއީލެވެ.

ކަސްޓަމުން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ސިނގިރޭޓް ކޮންޓެއިނާ ގެއްލުނު މައްސަލައިގައި ކަސްޓަމަސްގެ މުވައްޒަފެއްގެ މަ އްޗަށް ތުހުމަތުކުރެވޭކަން ފުލުހުން އަންގާފައިވާ ކަމަށެވެ. ކަސްޓަމުން ބުނެފައިވަނީ އެކަމުގައި ކަސްޓަމްސްގެ މުވައްޒަފެއްގެ ބައިވެރިވުން ހިމެނޭކަން ފުލުހުންގެ ތަހުގީގަށް ސާބިތުވެއްޖެނަމަ، އެ މުވައްޒަފަކާމެދު ގާނޫނާއި ގަވާއިދުގެ ތެރެއިން އެޅެންހުރި އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ.

އެމްޕީއެލްއިން މިމަހުގެ ނުވަވަނަ ދުވަހު ބުނެފައިވަނީ ސިނގިރޭޓް ކޮންޓެއިނާ ގެއްލުނު މައްސަލައިގައި އެ ކުންފުނިން އެތެރޭގެ ތަހުގީގެއް ހިންގަމުންދާ ކަމަށެވެ.

އެކަމުގެ އަޕްޑޭޓެއް ދިނުމުގެ ގޮތުން އެމްޕީއެލުން މިއަދު މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ "ތަހުގީގުން މިހާތަނަށް ހޯދިފައިވާ މައުލޫމާތަށް ރިއާޔަތްކޮށް، 12 އޮކްޓޯބަރ 2025 ވަނަ ދުވަހުން ފެށިގެން މި ކުންފުނީގެ ފަސް މުވައްޒަފުން ވަނީ ވަޒީފާއިން ސަސްޕެންޑްކޮށްފައެވެ. އަދި އިތުރު މުވައްޒަފަކު ވަނީ 15 އޮކްޓޯބަރ 2025 ވަނަ ދުވަހުން ފެށިގެން ވަޒީފާއިން ސަސްޕެންޑްކޮށްފައެވެ. ކުންފުނީގެ ހިންގުމުގައި އަޅަން ޖެހޭ މުހިންމު ފިޔަވަޅުތައް ދެނެގަތުމަށް އެމްޕީއެލްގެ ތަހުގީގު ކޮމެޓީ، ރިސްކް ޑިޕާޓްމަންޓް އަދި އިންޓާނަލް އޮޑިޓްއިން މިހާރުވެސް ދަނީ މި މައްސަލައާ ގުޅޭ ތަހުގީގު އަދި އޮޑިޓްތަކުގެ މަސައްކަތްތައް ކުރިއަށް ގެންދަމުންނެވެ" އެމްޕީއެލުން ބުންޏެވެ.

"މިކަމުގައި ޝާމިލްވާ އެއްވެސް މުވައްޒަފަކާމެދު ފިޔަވަޅު އެޅުމަށް މި ކުންފުނިން ފަސްނު ޖެހޭނެ ވާހަކަ ދަންނަވަމެވެ. އަދި ކުރިއަށް އޮތް ތަނުގައި މިފަދަ ކަމެއް ތަކުރާރުވެ ނުދިއުމަށް އަޅަން ޖެހޭ ފިޔަވަޅުތައް ތަންފީޒުކޮށް، ބަނދަރުގެ ސެކިއުރިޓީ އާއި ހިންގުމުގެ ނިޒާމް އިތުރަށް ހަރުދަނާކުރާނެ ކަމުގެ ޔަގީންކަން އަރުވަން" އެމްޕީއެލުން ބުންޏެވެ.

އެމްޕީއެލުން ބުނީ މި މައްސަލައަކީ ވަރަށް ސީރިއަސް މައްސަލައަކަށްވާތީ އެތެރޭގެ ތަހުގީގު ކުރިއަށް ގެންދަނީ ފުލުހުންގެ ތަހުގީގަށް ހުރަސް ނޭޅޭނެހެން ކަމަށެވެ. އެމްޕީއެލްގެ ފަރާތުން ފުލުހުންގެ ތަހުގީގަށް ފުރިހަމައަށް އެއްބާރުލުން ލިބިގެންދާނެކަމަށްވެސް އެމްޕީއެލުން ބުންޏެވެ.

ހުޅުމާލެ ޕޯޓުގެ ސެކިއުރިޓީއަކީ އިންޓަނޭޝަނަލް ޝިޕް އެންޑް ޕޯޓް ފެސިލިޓީ ސެކިއުރިޓީ (އައިއެސްޕީއެސް) ކޯޑްގައި ކަނޑައަޅާފައިވާ މިންގަނޑުގެ ތެރެއިން ކަނޑައަޅައިފައިވާ ކަންކަން ކަމަށާއި ހުޅުމާލެ ޕޯޓަކީ އައިއެސްޕީއެސް މިންގަނޑަށް ފެތޭ ނިޒާމެއްގެ ތެރެއިން އަބަދުވެސް ބަލަހައްޓަމުންދާ ޕޯޓެއްކަމަށް އެމްޕީއެލުން ބުންޏެވެ.

ސިގެރޭޓު ކޮންޓެއިނާ ގެއްލުނު މައްސަލައާ ގުޅިގެން އެމްޕީއެލްގެ ސެކިއުރިޓީ އާކިޓެކްޗާ އިތުރަށް ހަރުދަނާކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތްތައް ދައުލަތުގެ ސަލާމަތީ ބާރުތަކާއި ގާނޫނު ތަންފީޒުކުރާ މުއައްސަސާތަކާއި ވުޒާރާތަކާއި ގުޅިގެން ކުރަމުންދާކަމަށް އެމްޕީއެލުން ބުންޏެވެ.

"މި ބަދަލުތަކުގެ ތެރޭގައި އެންމެ މުހިންމު ކަމެއްގެ ގޮތުގައި ނިންމާފައިވަނީ ކަސްޓަމްސްގެ ބޭނުމަށް ހިފަހައްޓާ މުދާ ބެލެހެއްޓުމަށް ބަނދަރުގައި ވަކި ސަރަހައްދެއް ކަނޑަޅައި، ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރުމެވެ" އެމްޕީއެލުން ބުންޏެވެ.

އެމްޕީއެލްގެ ސެކިއުރިޓީ ނިޒާމް ހަރުދަނާކުރުމުގެ ގޮތުން އެމްއެންޑީއެފްގެ ކޯސްޓްގާޑުގެ ގާބިލު އަދި ތަޖުރިބާކާރު މެރިޓައިމް ކޮމާންޑަރުން ހިމެނޭ ޓީމެއް ކަނޑައަޅައި، މާލޭ ވިޔަފާރި ބަނދަރު އަދި ހުޅުމާލެ ޓާމިނަލްގެ ސެކިއުރިޓީ އޮޑިޓެއް ފަށައިފައިވާކަމަށްވެސް އެމްޕީއެލުން ބުންޏެވެ.

އަދި، މާހައުލަށް އަންނަ ބަދަލުތަކާއި ހާލަތަށް ޕޯޓްގެ ސަލާމަތީ ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރުމަށްޓަކައި، ސަލާމަތީ ބާރުތަކާއެކު މަސައްކަތްތަކެއް ކުރަން ނިންމާފައިވާކަމަށް އެމްޕީއެލުން ބުންޏެވެ.

ސިނގިރޭޓް ކޮންޓެއިނާ ގެއްލުނު މައްސަލައާ ގުޅިގެން އެކަމުގެ މައުލޫމާތު ހާމަނުކުރީ އެއީ ފުލުހުން ތަހުގީގު ކުރަމުން މައްސަލައަކަށްވުމުން ފުލުހުންގެ ލަފާގެ މަތިންކަން އެމްޕީއެލުން ފާހަގަކުރިއެވެ. އެމްޕީއެލުން ބުނީ ދެންވެސް އެ މައްސަަލައިގެ މައުލޫމާތު ހާމަކުރާނީ ފުލުހުންގެ ލަފާގެ މަތިން ކަމަށެވެ.

އެނގިފައިވާ ގޮތުގައި ގެއްލިފައިވަނީ 40 ފޫޓުގެ ދެ ކޮންޓެއިނަރެއްގައި ހުރި 1،360 ކޭސް ސިނގިރޭޓެވެ. އެއީ ޖުމުލަ 13،600،000 ސިނގިރޭޓު ސްޓިކެވެ. އެ ސިނގިރޭޓަކީ އިމްޕޯޓް ޑިއުޓީގެ ގޮތުގައި 100 މިލިއަން ރުފިޔާއަށްވުރެ ބޮޑު އަދަދެއް ދައުލަތަށް ލިބޭނެ މުދަލެވެ.