ޓީ ޖެޓީ ސަރަހައްދަށް ވަދެ ނިކުމެވޭނީ ހަމައެކަނި ބަރު އުޅަނދުތަކަށްކަމަށް ހަމަޖައްސައި، މިއަންނަ ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން އެގޮތަށް އަމަލުކުރަން ނިންމައިފައިވާކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން ބުނެފިއެވެ.

އެމްޕީއެލުން މިއަދުކުރި އިއުލާނެއްގައި ބުނީ ޓީ ޖެޓީ ސަރަހައްދަށް އެ ބަދަލު ގެންނަން ނިންމީ، އުޅަނދުފަހަރަށް ކަނޑައަޅާފައިވާ މިންވަރަށްވުރެ އިތުރަށް މުދާ ބަރުކުރުން ހުއްޓުވުމަށް ކަމާބެހޭ އިދާރާތަކުން ނިންމާފައިވާ ނިންމުމާ ގުޅިގެން ކަމަށެވެ.

އެހެންކަމުން، އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އެ ސަރަހައްދަށް ވަންނަ ހުރިހާ އުޅަނދެއްވެސް ކަނޑައަޅާފައިވާ މިންގަނޑުތަކަށް ފެތޭތޯ ވަކިވަކިން ޗެކްކުރަމުން ގެންދާނެކަމަށް އެމްޕީއެލްއިން ބުންޏެވެ.

އެ ސަރަހައްދަށް ވަނުމުގެ ހުއްދަ ދޭނީ ވަކި ޝަރުތުތަކެއް ފުރިހަމަވާ އުޅަނދުތަކަށްކަމަށް އެމްޕީއެލުން ބުންޏެވެ. އެގޮތުން، ބަރުމަރުކާ އުޅަނދެއްގެ ގޮތުގައި ބަލައިގަންނާނީ، އުޅަނދުގެ އަރިމަތީގައި ބަރުމަރުކާ ކޮށްފައިވާކަން އެނގޭނެ ރަސްމީ ނިޝާން ސާފުކޮށް ފެންނަން ހުރުމާއެކު، މުއްދަތު ހަމަނުވާ ރަސްމީ ބަރުމަރުކާ ސެޓްފިކެޓެއް އޮތް އުޅަނދުތައްކަމަށް އެމްޕީއެލްއިން ބުންޏެވެ.

އަދި އޭގެ އިތުރުން ދަތުރުފަތުރު ކުރުމަށް ބޭނުންވާ އެހެނިހެން ހުރިހާ ހުއްދަތަކާއި ލިޔެކިޔުންތައްވެސް ފުރިހަމަވާން ޖެހޭނެކަމަށް އެމްޕީއެލްއިން ބުންޏެވެ.

އާ އުސޫލުތައް ތަންފީޒުކުރަން ފެށުމުން ދިމާވެދާނެ ދަތިތަކުން ސަލާމަތްވެ، ފަސޭހަކަމާއެކު ހިދުމަތް ހޯދުމަށްޓަކައި، ހުރިހާ އޮޑިވެރިންނާއި ކެޕްޓަނުންވެސް ކުރިޔާލައި ސަމާލުވުމަށް އެމްޕީއެލްއިންވަނީ އެދިފައެވެ.

އެގޮތުން، މުއްދަތު ހަމަވުމުގެ ކުރިން ބަރުމަރުކާ ސެޓްފިކެޓްތައް އާކޮށް، އުޅަނދުގައި ޖަހަންޖެހޭ ރަސްމީ ނިޝާންތައް ފުރިހަމަ ކުރުމަށް އެމްޕީއެލްއިންވަނީ އެދިފައެވެ.