ނަތީޖާ ގޯސްކޮށް ދިޔަ ނަމަވެސް، މިއަދު ރާއްޖޭ ޓީމުން ފެނުނީ ރަނގަޅު ކަންތައްތަކެއް ކަމަށް ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނެފިއެވެ.
އޭއެފްސީ އޭޝިއަން ކަޕް ކޮލިފިކޭޝަން ތިންވަނަ ބުރުގެ ގްރޫޕް ސްޓޭޖުގައި ތަޖިކިސްތާނުން އަނެއްކާވެސް މިއަދު ރާއްޖެ ބަލިކުރި އިރު، މިއަދު މެޗު ކުޅުނީ ގައުމީ ދަނޑުގައެވެ. މިއަދު ގައުމީ ދަނޑުގައި ކުޅުނު މެޗުގައި ތަޖިކިސްތާނުން ރާއްޖެ ބަލިކުރީ 3-0 ގެ ނަތީޖާއަކުންނެވެ. ރާއްޖެއިން ގިނަ ފުރުސަތުތަކެއް ތަނަވަސްކުރި ނަމަވެސް ގޯލެއް ނުޖެހި ނިމިގެން ގޮސްފައިވާ އިރު، މިހާތަނަށް ގްރޫޕް ސްޓޭޖުގައި ރާއްޖެއަށް ޕޮއިންޓެއް ނުލިބެއެވެ.
މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން މޯހަން ބުނީ ކުޅުންތެރިންގެ ހިތްވަރާއި ކުޅުނު ކުޅުމާ ދޭތެރޭ ހިތްހަމަ ޖެހޭ ކަމަށެވެ.
"ކުރި ހިތްވަރާއި ކުޅުމާ ދޭތެރޭ ހިތްހަމަ ޖެހޭ. ނަތީޖާ 3-0 އިން ނިމިގެންދާން ޖެހޭ މެޗެއް ނޫން މިއީ، ކުޅުމަށް ބަލާއިރު. ހެދޭ ކުދިކުދި ގޯސްތަކުން ބައިކޮޅަށް ފަސޭހަ ގޯލް ވަނުން ހުއްޓުވަން ޖެހޭ. ހާއްސަކޮށް ވަރުގަދަ ޓީމުތަކާ ދެކޮޅަށް ކުޅޭއިރު ފަސޭހައިން ކޮޅަށް ވަންނަ ގޯލްތައް ހުއްޓުވަން ޖެހޭ. އެކަމަށް ކުޅުންތެރިންނަށް ތަޖުރިބާ ބޭނުންވޭ. ގިނަ މެޗުތައް ބޭނުންވާނެ މި ގޯސްތައް ރަނގަޅުކުރަން. އެއީ މެޗުތަކުގައި މި ގޯސްތައް ހެދިގެން ރަނގަޅު ކުރެވިގެން އެ ބަދަލު ގެނެވޭނީ،" މޯހަން ބުންޏެވެ.
މޯހަން ވަނީ މިއަދު ގައުމީ ދަނޑުން ސަޕޯޓަރުން ދިން ތަރުހީބަށް ޝުކުރު އަދާކޮށްފައެވެ. އޭގެ އިތުރުން ކޯޗު ފާހަގަކުރީ ޑިފެންސިވް ގޭމަކަށް މެޗަށް ނުކުތް ނަމަވެސް، 25 އަކަށް މިނެޓްފަހުން ކުޅެން ފުރުސަތު ލިބުމުން، އެ ފުރުސަތުގެ ބޭނުން ހިފުނު ކަމަށެވެ.
އެ ފުރުސަތުގެ ބޭނުންހިފައި، ރަނގަޅު ޕާސްތަކާއެކު ރަނގަޅު މޫމަންޓްތަކާއެކު އެޓޭކްތައް އުފެއްދުނު ކަމަށްވެސް ކޯޗު ފާހަގަަކުރިއެވެ. އެވާހަކައާއެކު މޯހަން ބުނީ ނަތީޖާ ނޫނިއްޔާ ދެން ފެނުނީ ހުސް ރަނގަޅު ކަންތައް ކަމަށެވެ.
"ނަތީޖާ ނޫނިއްޔާ ދެން ފެނުނީ ރަނގަޅު ކަންތައް. އޯގަނައިޒޭޝަން، ޑިފެންސިވް މަސައްކަތް ފާހަގަކުރަން ޖެހޭ. ތަޖިކިސްތާނަށް ސީދާ ހުސް ފުރުސަތުތަކެއް ނުދީ 90 މިނެޓުގައި ހިފެހެއްޓިފައި އިނީ. ޑިސިޕްލިން ރަނގަޅު. ލިބުނު ބޯޅަތަކުން ކްރިއޭޓް ކުރެވުނު. މަސައްކަތު ރޭޓާއި އެޓިޓިއުޑްވެސް ވަރަށް ރަނގަޅު. ދެން ކުރިން ބުނިގެން މިސްޓޭކްތަކެއް ދިޔައީ. ހާއްސަކޮށް، ފުރަތަމަ ގޯލާއި ތިންވަނަ ގޯލް އެވޮއިޑް ކުރެވުނީސް،" މޯހަން ބުންޏެވެ.
ރާއްޖޭގެ ކްލަބުތަކާއެކުވެސް ރަނގަޅު މަސައްކަތެއް ކޮށްފައިވާ ކޯޗު މޯހަން ބުނީ، ތަޖިކިސްތާނަށް އަވަސް ގޯލަކާއެކު ފައިދާ ކުރި ކަމަށާއި، ރާއްޖެއަށް ބޮޑެތި މެޗުތަކުން ހައްލު ހޯދަން ޖެހޭނީ މެޗު ކުޅެން ކަމަށެވެ. އެގޮތުން ކޮލިފިކޭޝަންގައި ކުރިއަށް އޮތް ދެމެޗަށް ދިޔުމުގެ ކުރިން އެކުވެރިކަމުގެ މެޗުތަކެއް ހޯދަން އެފްއޭއެމްއިން މަސައްކަތް ކުރާނެ ކަމަށް މޯހަން ފާހަގަކުރިއެވެ.
މުހައްމަދު ޝިޔާޒް (މޯހަން)
މުހައްމަދު ޝިޔާޒް (މޯހަން)
މުހައްމަދު ޝިޔާޒް (މޯހަން)
މުހައްމަދު ޝިޔާޒް (މޯހަން)